އެޕަލް އިން އައިފޯނު 4 ނައްތާލަނީ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އައިފޯނު 4 އަށް އެޕަލް އިން އަޅާލާނެ އެންމެ ފަހު ތާރީޚަކީ އޮކްޓޯބަރު 30 އެވެ. އެ އަށް ފަހު އައިފޯނު 4 އަށް ހާޑްވެއާ ބައިތައް އުފެއްދުމާއި ސަޕޯޓްދިނުން ހުއްޓާލާނެ އެވެ.
އޮކްޓޯބަރު 30 ގައި ނައްތާލަން ކަނޑައަޅާފައި ހުރި އެހެން އާލާތްތަކުގެ ތެރޭގައި، 13 އިންޗި މެކްބުކް އެއާ، 2010 ވަނަ އަހަރު ތައާރުފުކުރި "އެއާޕޮޓް އެކްސްޓްރީމް" އަދި "ޓައިމް ކެޕްސޫލް" ހިމެނެ އެވެ.
މި ކަމާ ގުޅޭ ގޮތުން އެޕަލް އިން އަދި އެއްޗެއް ނުބުނިި ނަމަވެސް، ކަން ކުރަމުން އަންނަ ގޮތަށް ބަލާއިރު މިއީ އެކަށީގެންވާ ކަމެކެވެ. އެޕަލްގެ އާލާތެއް އުފެއްދުން ހުއްޓާލާތާ ފަސް އަހަރު ފަހުން ނައްތާލުމަކީ ކުންފުނީގެ އާދަ އެކެވެ.
އޮކްޓޯބަރު 30 ގައި އެޕަލުން މި އާލާތްތައް ރަސްމީކޮށް ހުއްޓާލައި، ނައްތާލި ނަމަވެސް، ތުރުކީ އާއި ކެލިފޯނިއާގައި އެ ގަވާއިދެެއް ނުހިނގާނެ އެވެ. އެ ތަންތަނުގައި ގަވާއިދު އޮންނަ ގޮތުން އާލާތެއް ނުވަތަ ޚިދުމަތެއް ތައާރުފުކުރުމަށް ފަހު މަދުވެގެން 7 އަހަރު ދަމަހައްޓަން ޖެހެ އެވެ.
ތުރުކީ އަދި ކެލިފޯނިއާ ނޫން ގައުމުތަކުގައި އުޅޭ މީހުން އައިފޯނު 7 އަށް ބަދަލުވާން މިއީ ވަރައް ފައްކާ ވަގުތަކަށް ވާނެ ކަމަށް ބެލެވެ އެވެ.