އައިފޯން 4 ގަންނަން ކިޑްނީއެއް ވިއްކާލި މީހާ މަރު އެނދުގައި

އާ އައިފޯނެއް ބާޒާރަށް ނެރޭ ކޮންމެ ފަހަރަކު، އައިފޯނު ހުމުގައި އެތައް ޒުވާނުންނެއް ޖެހެ އެވެ. މިއީ ވެސް އެކަހަލަ މީހެއްގެ ވާހަކަ އެވެ.


އެއީ 2011 ވަނަ އަހަރުގެ އައިފޯނު މޫސުމެވެ. އައިފޯން 4 ލިބޭނެ ގޮތެއް ނެތް އެތައް ޒުވާނަކު މާޔޫސްކަމުގައި ތިއްބެވެ. ޗައިނާ އަށް އުފަން "ޝޯ ވަންގް" އަށް ގަބޫލުކުރެވުނު ގޮތުގައި، ފުރާނަ އަށް ވުރެ ވެސް، އައިފޯނެއް މުހިންމެވެ.

އައިފޯނެއް ގަތުމަށް ޝޯ ވަންގް، 17، އަށް ލިބުނު ރަނުގެ ފުރުސަތުގެ ބޭނުންހިފައި، 3،200 ޑޮލަރަށް އޭނާގެ އެއް ކިޑްނީ ވިއްކާލި އެވެ. އެކަން ކުރުމުގެ ކުރިން ގާތް ތިމާގެ އެއްވެސް މީހެއް ގާތު އެ ވާހަކަ އޭނާ ނުދައްކަ އެވެ.

އެ ދުވަސްވަރު އައިފޯން 4 އަށް ވުރެ މަޝްހޫރު އެކައްޗެއް ވެސް ނެތެވެ. އައިފޯނެއް ނެތް ނަމަ، މީހަކަށް ވެސް ނުވެ އެވެ. މުޅި ސްކޫލްގައި އަދި އެކުވެރިންގެ މެދުގައި ބަސްވިކޭ ކަމަށް ވަނީ އައިފޯނެއް އޮތް ނަމަ އެވެ.

ޝޯ ވަންގް އަށް ޖެހެވުނު ޖަޒުބާތުގައި ކިޑްނީ ނަގަން ވެއްދި ތަނެއް ވެސް މުހިންމެއް ނުވި އެވެ. އެކަމާ ވިސްނާލެވޭހާ ވެސް ނުވި އެވެ. އޭނާ އަށް ހޭވެރިވެވުނުއިރު، އުމުރުން 24 އަހަރު ފުރިއްޖެ އެވެ. އޭނާ މިހާރު އޮތީ ހިރިނުލެވޭ ވަރުވެފަ އެވެ.

ކިޑްނީ ޓްރާންސްޕްލާޓްކުރަން ޝޯ ވަން ވެއްދި ކަމަށް ވަނީ "އަންޑާ ގްރައުންޑް" ހޮސްޕިޓަލަކަށެވެ. އެއީ، ރިޕޯޓްތައް ބުނާ ގޮތުގައި، އެ ފެންވަރުގެ ހޮސްޕިޓަލެއް ވެސް ނޫނެވެ. އެ ކަހަލަ ނާޒުކު އޮޕަރޭޝަނެއް ކުރެވޭހައި ސާފުތާހިރު ތަނަކަށް ވެސް ނުވެ އެވެ.

ޝޯ ވަންގްގެ ކިޑްނީ ނެގުމަށް ފަހު ޑޮކްޓަރުން އޭނާ ގާތު ބުނި ކަމަށް ވަނީ، ދެތިން ހަފުތާ ތެރޭ ރަނގަޅުވާނެ ކަމަށެވެ. ނަމަވެސް، ދުވަސްތަކެއް ފަހުން ހާލަތު އެހެން ގޮތަކަށް ބަދަލުވާން ފެށި އެވެ. އޮޕަރޭޝަންކުރުމުގައި، ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން ޝޯ ވަންގްގެ ގަޔަށް އެރި ޖަރާސީމުގެ ސަބަބުން މުޅި މީހާ ބަލިވެ، ދެވަނަ ކިޑްނީ ހަލާކުކޮށްލި އެވެ. އަދި އާއިލާ އަށް ނާންގައި ގިނަ ދުވަސްވުމުގެ ސަބަބުން ހާލަތު މުޅިން ގޯސްވެ، ކިޑްނީގެ ވަނީ ބޭނުންކެނޑިފަ އެވެ. މިހާރު އޭނާ އާށް ޖެހިފައި ވަނީ މުޅި އުމުރަށް "ޑައިލަސިސް" ހަދާށެވެ. އެކަމަކު، އެކަމަށް ހޭދަކުރާނެ ފައިސާއެއް އާއިލާގައި ނެތެވެ.