ހަނގުރާމަ ފެށުނު ފަހުން އީރާންގެ ސަރަހައްދު ތެރެއަށް ވައްޓާލި އެމެރިކާގެ ފުރަތަމަ ޖެޓްގެ ދެ ޕައިލެޓުންގެ ތެރެއިން އެއް ޕައިލެޓް އެމެރިކާގެ ސްޕެޝަލް ފޯސަސް އިން ހޯދައި ސަލާމަތްކޮށްފައިވާ ކަމަށާއި ޖެޓް ވައްޓާލި ވަގުތު އީރާނުން އެމެރިކާގެ އެހެން ބޯޓެއް ވެސް ވައްޓާލި ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ. 

އީރާނުން ވަނީ އެމެރިކާގެ ނުފެނިވާ ޕައިލެޓް ދިރިހުއްޓާ ހޯދި މީހަކަށް ބޮޑު އިނާމެއް ދޭނެ ކަމަށް ވެސް ބުނެފަ އެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެއް ޕައިލެޓް ވަނީ އެމެރިކާގެ ސްޕެޝަލް ފޯސަސް އިން ގޮސް ސަލާމަތްކޮށްފަ އެވެ. އަދި މި އޮޕަރޭޝަންގެ ތެރޭގައި އެމެރިކާގެ ރެސްކިއު ހެލިކޮޕްޓަރަކަށް އީރާނުން ހަމަލާދިނުމުން ގެއްލުންވި ކަމަށާއި އެކަމަކު ސަލާމަތް ވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. 

އީރާނުން ވައްޓާލާފައިވަނީ އެފް-15 މަރުކާގެ ހަނގުރާމަމަތީ ޖެޓެކެވެ. އީރާނުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި އެ ޖެޓް ވައްޓާލި ވަގުތު އެމެރިކާގެ އޭ-10 މަރުކާގެ ބޯޓެއް ވެސް ގަލްފު ސަރަހައްދަށް ވަނީ  ވައްޓާލައިފަ އެވެ. ނަމަވެސް އެމެރިކާގެ މީޑިއާތަކުން ބުނަނީ އޭގެ ޕައިލެޓް ސަލާމަތްކުރެވިފައިވާ ކަމަށެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން، އެފް-15 ބޯޓު ވެއްޓުނު ހާދިސާއާ ގުޅޭގޮތުން އަދި ބަހެއް ނުބުނެ އެވެ. ނަމަވެސް ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް ވިދާޅުވީ، އެ ހާދިސާގެ މައުލޫމާތު ރައީސަށް ދީފައުވާ ކަމަށެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް އެންބީސީ އަށް ވިދާޅުވެފައިވާ ގޮތުގައި، އެފް-15 ވައްޓާލުމުގެ ސަބަބުން، އީރާނާއެކު ކުރާ މަޝްވަރާތަކަށް އެއްވެސް އަސަރެއް ނުކުރާނެ އެވެ.

"ނޫން، އެއްވެސް އަސަރެއް ނުކުރާނެ. މިއީ ހަނގުރާމައެއް،" އޭނާ ވިދާޅުވި އެވެ.

ފެބްރުއަރީ 28 ގައި އިޒްރޭލާއި އެމެރިކާއިން އީރާނަށް ހަމަލާދީ އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި އިސް އެތައް ބަޔަކު އަވަހާރަކޮށްލުމާ އެކު ފެށިފައިވާ ހަނގުރާމަ ވަނީ މުޅި ސަރަހައްދަށް ފެތުރިފަ އެވެ. އެއާ އެކު ދުނިޔޭގެ އިގްތިސާދަށް ލޮޅުން އަރައި، އެތައް މިލިއަން ބަޔަޔަކަށް ދަނީ އޭގެ އަސަރު ކުރަމުންނެވެ.

އެމެރިކާގެ ޕައިލެޓް ހޯދައިފި ނަމަ "އަގުހުރި އިނާމެއް"

އީރާނުގެ އަސްކަރިއްޔާގެ ސެންޓްރަލް އޮޕަރޭޝަނަލް ކޮމާންޑުގެ ތަރުޖަމާނަކު ވިދާޅުވީ، "އީރާނުގެ މަރުކަޒީ ވައިގެ ސަރަހައްދުގައި އުޅުނު އެމެރިކާގެ ދުޝްމަން ފައިޓަ ޖެޓަކަށް އައިއާރްޖީސީ (އީރާންގެ އިންގިލާބީ ލަޝްކަރުގެ) ގެ އެޑްވާންސް އެއާ ޑިފެންސް ސިސްޓަމުން ހަމަލާދީ ހަލާކުކޮށްލާފައި" ވާ ކަމަށެވެ.

"އެ ޖެޓު ވަނީ އެއްކޮށް ސުންނާފަތިވެފައި. އަދި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އެބަދަން،" އޭނާ ވިދާޅުވި އެވެ.

އީރާނުގެ ޓީވީ ރިޕޯޓަރަކު ބުނި ގޮތުގައި، ބޯޓުގެ ކުރޫ މެންބަރަކު ދިރިހުއްޓާ އަތުލައިގަތް ކޮންމެ މީހަކަށް "އަގުހުރި އިނާމެއް" ދޭނެ އެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އީރާނުގެ އޮޕަރޭޝަންތަކުގައި އެތައް އުޅަނދެއް ގެއްލިފައިވާކަން ހާމަކޮށްފަ އެވެ. މީގެ ތެރޭގައި އިރާގަށް ވެއްޓުނު ޓޭންކަރަކާއި، ކުވައިތުގެ ފައުޖުތަކުން އޮޅިގެން ދިން ހަމަލާތަކެއްގައި ވެއްޓުނު އެމެރިކާގެ އެފް-15 މަރުކާގެ ތިން ބޯޓު ހިމެނެ އެވެ.

ހަނގުރާމައިގެ 400 ގަޑިއިރުގެ އުދުހުމުގެ ތަޖުރިބާ ހުރި، އެމެރިކާގެ ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް ހިއުސްޓަން ކާންޓްވެލް ބުނީ، ބޯޓު ވެއްޓޭ ހާލަތްތަކުގައި ޕައިލެޓުންގެ އެންމެ މުހިންމު އަމާޒަކަށް ވާނީ އެމީހުން ތިބި ތަން ދެނެގަތުމާއި މުއާސަލާތު ކުރާނެ ގޮތެއް ހޯދުން ކަމަށެވެ.

"އަހަރެމެންގެ އެންމެ އިސްކަމަކަށް ވާނީ ފިލައިގެން އުޅުން، ސަބަބަކީ އަހަރެން ހައްޔަރުވާން ބޭނުން ނުވާތީ،" އޭނާ އޭއެފްޕީއަށް ކިޔައިދިނެވެ.