އީރާނަށް ހަމަލާދޭން އައި އެމެރިކާގެ ފައިޓަ ޖެޓެއް މިއަދު ވައްޓާލާފައިވާ ކަމަށާއި އެކަމަކު އޭގެ ޕައިލެޓް އަދި ނުފެންނަ ކަމަށް އީރާންގެ ފާސް ނިއުސް އެޖެންސީން ބުނެފި އެވެ. 

"އަސްކަރިއްޔާއިން ދަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ވައްޓާލި ޖެޓްގެ ޕައިލެޓް ހޯދުމަށް އޮޕަރޭޝަނެއް ހިންގަމުން،" އެ ނިއުސް އެޖެންސީން ބުންޏެވެ. 

ޖެޓެއް ވައްޓާލާފައިވާ ކަމަށް އީރާނުން ބުނާ ބުނުމާ މެދު ބަހެއް ހޯދަން، މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންނަށް ޒިންމާވާ ސެންޓްކޮމްއާ އޭއެފްޕީން ސުވާލުކުރުމުން އަދި މިހާތަނަށް ޖަވާބެއް ނުދޭ ކަމަށް އެ ނިއުސް އެޖެންސީން ބުންޏެވެ. 

އެކަމަކު ނިއު ޔޯކް ޓައިމްސް އިން ވަނީ އެމެރިކާގެ ޖެޓެއް އީރާންގައި ވައްޓާލާފައިވާ ކަމަށާއި އޭގެ ޕައިލެޓް ހޯދައި ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމެރިކާ އާއި އިޒްރޭލުގެ އޮފިޝަލުންނާ ހަވާލާދީ ބުނެފަ އެވެ. 

ވޯލް ސްޓްރީޓް ޖާނަލް އަދި އެކްސިއޯސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ ސިފައިން މިހާރު ދަނީ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ހިންގަމުންނެވެ.

މިއީ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރެއްވި ފަހުން، އީރާނުގެ ސަރަހައްދުގެ ތެރެއަށް އެމެރިކާގެ ހަނގުރާމަމަތީ ބޯޓެއް ވެއްޓުނުކަން އެނގުނު ފުރަތަމަ ފަހަރެވެ. އެކަމަކު މީގެ ކުރިން ވަނީ ކުވައިތުގައި އެމެރިކާގެ ތިން ޖެޓް ވެއްޓިފަ އެވެ. އެއީ އެމެރިކާއިން ބުނި ގޮތުގައި ކުވައިތުގެ އެއާ ޑިފެންސަށް އޮޅިގެން ދެވުނު ހަމަލާތަކެއްގަ އެވެ. އެ ހާދިސާގައި ތިން ޖެޓްގެ ހަ ޕައިލެޓުން ވެސް ވަނީ ސަލާމަތްވެފަ އެވެ. މީގެ އިތުރުން، ވައިގެ ތެރޭ އެއާކްރާފްޓްތަަކަށް ތެޔޮ އަޅަން ބޭނުންކުރާ ރިފިލް އެއާކްރާފްޓެއް ވެސް އިރާގު ސަރަހައްދަށް ވެއްޓިފަ އެވެ. އެ ބޯޓު ވެއްޓުނީ ވެސް ހަމަލާއެއްގެ ސަބަބުން ނޫން ކަމަށް ވަނީ ބުނެފަ އެވެ.

ވައްޓާލި ކަމަށް ބުނާ ޖެޓްގެ ބައިތައް ވެސް އީރާންގެ ޓީވީ ޗެނަލްތަކުން ވަނީ ދައްކައިފަ އެވެ. 

އީރާނުން ބުނީ ވައްޓާލި ޖެޓްގެ ޕައިލެޓް ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި ޕައިލެޓް ހޯދައި ސިފައިންނާ ހަވާލުކުރި މީހަކަށް އިނާމު ވެސް ދޭނެ ކަމަށެވެ. 

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ވައްޓާލާފައިވަނީ އެފް-15 މަރުކާގެ ޖެޓެކެވެ. 

ފެބްރުއަރީ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާ ދެމުން ދާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއްޔެ ވަނީ ހަނގުރާމަ ނިންމާލުމާ ގާތްވެފައިވާ ކަމަށާއި އީރާންގެ އަސްކަރީ ބާރުވެރިކަމާއި ހަތިޔާރު އުފެއްދުން ފަދަ ހުރިހާ ކަމެއް ވަނީ އެއްކޮށްހެން ނައްތާލެވިފައި ކަމަށް ވިދާޅުވެފަ އެވެ. 

ޓްރަމްޕު ވަނީ ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭ ވަރުގަދަ ހަމަލާތަކެއް އީރާން ދީ އެ ގައުމު "ސްޓޯން އޭޖް" އަށް ފަހަތަށް ޖައްސާލާނެ ކަމުގެ އިންޒާރު ވެސް ދެއްވައިފަ އެވެ.