ތެހެރާން (ނޮވެމްބަރު 23) - ގެއްލުމުގެ ބަދަލުގެ ގޮތުގައި 290 ބިލިއަން ޑޮލަރު ދެއްކުމަށް އެމެރިކާގެ މައްޗަށް އީރާނުގެ ކޯޓުތަކުން ހުކުމްކޮށްފައިވާ ކަމަށް އެ ގައުމުގެ ޖުޑިޝަރީގެ އޮފިޝަލަކު މިއަދު ވިދާޅުވެއްޖެ އެވެ.

އީރާނުގެ ދައުލަތުގެ ޓީވީއާ ހަވާލާދީ ޖުޑިޝަރީގެ ސެންޓާ ފޯ ލޯޔާސްގެ ވެރިޔާ ހަސަން އަބްދޮލިއަންޕޫރު ވިދާޅުވީ، އެމެރިކާއާ ދެކޮޅަށް އީރާނުގެ ކޯޓުތަކުން 290 ބިލިއަން ޑޮލަރުގެ ބަދަލު ނަގައިދިނުމަށް ހުކުމްތައް ހޯދާފައިވާ ކަމަށެވެ.

މީގެ އިތުރުން، "އީރާނަށް ހަމަލާދިނުމަށް އެމެރިކާ އަށް އެ ގައުމުތަކުގެ ބިން ބޭނުންކުރުމުގެ ފުރުސަތު ދިން" ކަމަށް ބުނެ ގަލްފުގެ އަރަބި ގައުމުތަކާ ދެކޮޅަށް ވެސް ގިނަ ދައުވާތަކެއް އުފުލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ޓީވީން ބުނި ގޮތުގައި މި ބަދަލަކީ ފާއިތުވި އެތައް ދިހަ އަހަރެއްގެ ތެރޭގައި އެމެރިކާ އިން އީރާނާ ދެކޮޅަށް ހިންގާފައިވާ އެކި އަމަލުތަކާ ގުޅިގެން ނަގައިދޭ ބަދަލެކެވެ.

މެދުއިރުމަތީގެ ހަނގުރާމަ ފެށުނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން ދިން ވަރުގަދަ ހަމަލާތަކެއްގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެންނެވެ. އޭގެ ރައްދުގައި އީރާނުން ވަނީ ސަރަހައްދީ އެކި ގައުމުތަކުގައި ހުރި އެމެރިކާ އާއި އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކާއި ތަންތަނަށް އަމާޒުކޮށް ކަމަށް ބުނެ މިސައިލާއި ޑްރޯން ހަމަލާތައް ދީފަ އެވެ.

ސުލްހައިގެ އެއްބަސްވުމަކަށް މަގުފަހިކުރުމުގެ ގޮތުން އެމެރިކާ އާއި އީރާނާ ދެމެދު މިދިޔަ ޖޫން މަހު ސޮއިކުރި އިސްލާމްއާބާދު އެއްބަސްވުމުގައި، އީރާން އަލުން އާރާސްތުކޮށް އިގްތިސާދީ ގޮތުން ތަރައްގީ ކުރުމަށްޓަކައި މަދުވެގެން 300 ބިލިއަން ޑޮލަރުގެ ޕްލޭނެއް އެކުލަވާލުމަށް އެމެރިކާ އާއި ސަރަހައްދީ ބައިވެރިން އެއްބަސްވެފައިވާ މާއްދާއެއް ހިމެނެ އެވެ.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެން އެމެރިކާ އިން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅާފައި އޮންނަތާ އެތައް އަހަރެއް ވަނީ ވެފަ އެވެ.