އެމެރިކާ އާއި އިޒްރޭލު ގުޅިގެން މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށް އެމެރިކާގެ އަސްކަރިއްޔާ އިން މިހާތަނަށް 48 ބިލިއަން ޑޮލަރަށް ވުރެ ގިނައިން ހޭދަކޮށްފައިވާ ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ، ޕެންޓަގަން އިން އިއްޔެ ބުނެފި އެވެ.
މިއީ މިދިޔަ އޯގަސްޓް މަހުގެ އެއްވަނަ ދުވަހާ ހަމައަށް ހަނގުރާމައަށް ހިނގި ހަރަދު ކަމަށް ކޮންގްރެޝަނަލް ބަޖެޓް އޮފީސް (ސީބީއޯ) އިން ލަފާކުރި 38 ބިލިއަން ޑޮލަރާ އަޅާބަލާއިރު ގާތްގަނޑަކަށް 26 ޕަސެންޓްގެ އިތުރުވުމެކެވެ.
އެމެރިކާގެ ނޭވީގެ ފައިނޭންޝަލް މެނޭޖްމަންޓްގެ އެސިސްޓެންޓް ސެކްރެޓަރީގެ މަގާމަށް އައްޔަން ކުރުމަށް ގާނޫނު ހަދާ މަޖިލީހުގައި ބޭއްވި އަޑުއެހުމެއްގައި ޕެންޓަގަންގެ ޑެޕިއުޓީ ކޮމްޕްޓްރޯލާ އާތާ މިލާ ވިދާޅުވީ މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ހަނގުރާމައަށް 48.3 ބިލިއަން ޑޮލަރު ހަރަދުވެފައިވާ ކަމަށެވެ.
"މި އަދަދުގައި ހިމެނެނީ ހަތިޔާރާއި، ހަލާކުވާ އާލާތްތައް ބަދަލުކުރުމުގެ ހަރަދާއި އަދި އޮޕަރޭޝަނަލް ހަރަދުތައް،" މިލާ ވިދާޅުވި އެވެ.
ނަމަވެސް މި އަދަދުގެ ތެރޭގައި އީރާނުގެ ޑްރޯން އަދި މިސައިލް ހަމަލާތަކުގައި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ލިބުނު ބޮޑެތި ގެއްލުންތައް މަރާމާތު ކުރުމުގެ ހަރަދާއި، މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ލިބެމުންދާ ގެއްލުންތައް ނުހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރައިފަ އެވެ. އެގޮތުން ތެލާއި ގޭސް އުފުލުމުގައި އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅިން ވިޔަފާރި އުޅަނދުތައް ދަތުރުކުރުން ހުއްޓުވަން އީރާނުން މަސައްކަތް ކުރަމުންދާއިރު، އީރާނުގެ ވާގިވެރިން ކަމަށްވާ ޔަމަނުގެ ހޫތީން ދަނީ ސައުދީ އަރަބިއްޔާގެ ތެލުގެ މަރުކަޒުތަކަށާއި އާގުބޯޓުފަހަރަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ.
މީގެ ރައްދުގައި އެމެރިކާ އިން ވަނީ މެދުއިރުމައްޗަށް މަތިންދާބޯޓު އުފުލާ މަނަވަރުތައް ހިމެނޭހެން ވަރުގަދަ ކަނޑުގެ ލަޝްކަރެއް ފޮނުވައި، އީރާނުގެ ބަނދަރުތައް ބަންދުކޮށްފަ އެވެ.