އެމެރިކާ އިން އީރާނަށް އާ ހަމަލާތަކެއް ދީފި ނަމަ، އެމެރިކާ ސިފައިންނަށާއި އެ ގައުމުގެ ބައިވެރިންނަށް އީރާނުން ދޭ ރައްދު ކުރިއަށް ވުރެ މާ ވަރުގަދަވެފައި ގެއްލުން ބޮޑުވާނެ ކަމަށް އީރާންގެ އަސްކަރިއްޔާގެ ވެރިޔާ މިއަދު ވިދާޅުވެއްޖެ އެވެ.
އީރާންގެ ފާސް ނިއުސް އެޖެންސީއާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އަސްކަރިއްޔާގެ ވެރިޔާ އާމިރު ހާތަމީ ވަނީ ކުރިން ވެސް ދުޝްމަނުންނަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ފަދަ އަމަލުތަކެއް ތަކުރާރުކޮށްފި ނަމަ، ދުޝްމަނުންނަށާއި އެ މީހުންނަށް ވާގިވެރިވާ ފަރާތްތަކަށް އަމާޒުކޮށް ދޭ ރައްދު މާ ވަރުގަދަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ހަމަލާތަކުގައި ވަކި ސަރަހައްދެއް ނުވަތަ އިމެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާ އާއި އިޒްރޭލުން ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ދިން ހަމަލާތަކެއްގައި އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލި ފަހުން، އެ ސަރަހައްދުގައި ހިނގަމުންދާ ހަނގުރާމައަށް ހުއްޓުމެއް ނާދެ އެވެ.
ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ސަރަހައްދުގެ އެކި ގައުމުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވާލައިފަ އެވެ. އަދި އީރާނުން ވާގިވެރިވާ ލުބުނާނާއި ޔަމަން އަދި އިރާގުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ވެސް ވަނީ މި ހަނގުރާމައިގެ ތެރެއަށް ވަދެފަ އެވެ.
ހޮރްމޫޒް ކަނޑުއޮޅީގައި އޮންނަ އީރާންގެ ރަށަކަށް އިއްޔެ އެމެރިކާ އިން ދިން ހަމަލާތަކަކަށް ފަހު، ބަހްރޭނާއި ކުވެއިތަށް އަމާޒުކޮށް ފޮނުވާލި ވައިގެ ހަމަލާތަކެއް ނާކާމިޔާބުކޮށްލާފައިވާ ކަމަށް އެ ދެ ގައުމުން މިއަދު ވަނީ ބުނެފަ އެވެ.
ހާތަމީ ވިދާޅުވީ ދުޝްމަނުންގެ ފައުޖުތައް ތައްޔާރުވަމުން އަންނަ ކަމަށާއި، ނަމަވެސް އީރާންގެ ސިފައިން ދަނީ އެ މީހުންގެ ހަރަކާތްތައް ވަރަށް ގާތުން އަދި ސަމާލުކަމާ އެކު ބަލަމުން ކަމަށެވެ.
މި ހަފްތާގެ ތެރޭގައި، އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް ތިއޮޑޯ ރޫޒަވެލްޓް ވަނީ މެދުއިރުމައްޗަށް ގޮސްފަ އެވެ. މިއާ އެކު އެ ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރުތަކުގެ އަދަދު ވަނީ ތިނަކަށް އަރައިފަ އެވެ.