އެމެރިކާއާ އެކު އޮތް މައްސަލަތަކަށް ހައްލު ހޯދައި ބަދަލުހިފުމަށް އީރާނުން ބަހްރޭންގެ ބިމަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ދެމުންދާ ކަމަށް ބުނެ އެ ގައުމުގެ ފޮރިން މިނިސްޓްރީން އީރާނަށް ތުހުމަތުތަކެއް ކޮށްފި އެވެ.
މިއީ މެދުއިރުމަތީގެ ހަމަނުޖެހުންތައް ހުއްޓުވުމަށް ކުރަމުންދާ މަޝްވަރާތައް ހުއްޓިފައިވާ ދަނޑިވަޅެއްގައި، ފާއިތުވި ތިން ދުވަހުގެ ތެރޭގައި އީރާނުން ބަހްރޭންގެ އަސްކަރީ ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާދިން ދެވަނަ ފަހަރެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ބޭނުންކުރާ ބަހްރޭންގެ ރިއްފާ އެއާ ބޭސްއަށް އަމާޒުކޮށް އީރާނުން މިއަދު ފޮނުވާލި ވައިގެ ހަމަލާތަކެއް ބަހްރޭންގެ ވައިގެ ދިފާއީ ނިޒާމުން ވަނީ ހުއްޓުވައި ނައްތާލައިފަ އެވެ. އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނީ އެ ބޭސްގައި ހުރި އެމެރިކާގެ ވައިގެ ދިފާއީ ރާޑަރު ސިސްޓަމަކަށް އަމާޒުކޮށް ހަ ޑްރޯން ފޮނުވާލާފައިވާނެ ކަމަށެވެ.
މި ހަމަލާތަކާ ގުޅިގެން ބަހްރޭންގެ އިންޓީރިއާ މިނިސްޓްރީން ވަނީ ނުރައްކަލުގެ ސައިރަން އަޅައި، ރައްޔިތުން ރައްކާތެރި ތަންތަނަށް ވަނުމަށް ދެ ފަހަރެއްގެ މަތިން ކުއްލި އިންޒާރު ނެރެފަ އެވެ. މިއީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުން އެ ގައުމުގައި މިފަދަ އިންޒާރެއް ނެރުނު ފުރަތަމަ ފަހަރެވެ.
މިއަދުގެ ހަމަލާގެ ކުރިން މިދިޔަ ހުކުރު ދުވަހު ވެސް އައިއާރުޖީސީން ވަނީ ބަހްރޭންގައި ހުރި އެމެރިކާގެ އާލީ-ވޯނިން ރާޑަރު ފެސިލިޓީއެއް ހަލާކުކޮށްލި ކަމަށް ބުނެފަ އެވެ. ނަމަވެސް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އެކަން ދޮގުކޮށް ބުނީ އީރާނުގެ ދެ ޑްރޯން ވައްޓާލާފައިވާ ކަމަށާއި އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
ބަހްރޭންގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި، އީރާނުގެ މި އަމަލަކީ "އުދުވާނީ ހަމަލާތައް އަލުން ފެށުން" ކަމަށާއި އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށް ބުނެފައިވެ އެވެ. އަދި އެހެން ގައުމުތަކުގެ މެދުގައި އޮންނަ މައްސަލަތައް ހައްލުކުރާ މައިދާނަކަށް ބަހްރޭންގެ ބިން ހެދުމަށް ފުރުސަތު ނުދޭނެ ކަމަށާއި މިކަމުގެ ފުރިހަމަ ޒިންމާ އީރާނުން އުފުލަން ޖެހޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މި ތުހުމަތުތަކަށް ރައްދު ދެއްވަމުން އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވީ، އެ ހަމަލާތަކަކީ އެމެރިކާގެ އުދުވާނީ އަމަލުތަކަށް ދިން ރައްދެއް ކަމަށެވެ. އަދި އީރާނަށް ހަމަލާދިނުމަށް ގަލްފުގެ ގައުމުތަކުގައި ހުރި އަސްކަރީ މަރުކަޒުތަކާއި ލޮޖިސްޓިކް އެހީތެރިކަން އެމެރިކާއިން ބޭނުންކުރާ ކަމުގެ ހެކި އެބަހުރި ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ. މީގެ އިތުރުން، އީރާނުގެ ދެކުނުގެ ސަރަހައްދުތަކުގައި ހުރި މުއާސަލާތީ ޓަވަރުތަކަށް ދިން ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން މި އޮޕަރޭޝަން ހިންގީ ކަމަށް އައިއާރުޖީސީން ބުނެފައިވެ އެވެ.
މި ހަމަލާތައް ދީފައި މިވަނީ މި އަހަރުގެ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ އެކު ފެށުނު ހަނގުރާމައަށް ނުވަ މަސް ވާން ކައިރިވެފައި ވަނިކޮށެވެ. ސެޕްޓެމްބަރު މަހުން ފެށިގެން ސީދާ ހަމަލާތައް މެދުކެނޑިފައި އޮތް ނަމަވެސް، ދާއިމީ ސުލްހައަކަށް ވާސިލުވުމަށް ކުރާ މަޝްވަރާތައް ވަނީ ހުއްޓިފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދި ފަހުން ވިދާޅުވެފައި ވަނީ އީރާނާއި އެ ގައުމުން ވާގިވެރިވާ ހޫތީ ޖަމާއަތުން އިތުރު ހަމަލާތަކެއް ނުދޭ ނަމަ، އީރާނަށް ސީދާ ހަމަލާދިނުން ހުއްޓާލުމަށް ވިސްނަވާނެ ކަމަށެވެ. ނަމަވެސް، އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ކަނޑުގެ ދަތިކުރުމުގެ ފިޔަވަޅުތައް އަދިވެސް ދަނީ ތަންފީޒު ކުރަމުންނެވެ.