އީރާނާ ދެކޮޅަށް އެމެރިކާއިން ކުރި ހަނގުރާމައިގައި، އެމެރިކާގެ ކަނޑުގެ ސިފައިން، މުއްދަތު ހަމަވެފައި ހުރި ހަތިޔާރު ބޭނުންކުރި ކަމަށް އެމެރިކާގެ އެކްޓިން ނޭވީ ސެކްރެޓަރީ ހަންގް ކާއޯ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ސެނެޓުގައި ބޭއްވި އަޑުއެހުމެއްގައި އޭނާ ވިދާޅުވީ "އޮޕަރޭޝަން އެޕިކް ފިއުރީ" ގައި ހަތިޔާރުގެ ސްޓޮކް މަދުވުމާ ގުޅިގެން، މުއްދަތު ހަމަވެފައި ހުރި ހަތިޔާރުތަކުގެ ކޯޑު ބަދަލުކޮށްގެން އަލުން ބޭނުންކޮށްފައިވާ ކަމަށެވެ.

އެމެރިކާގެ ޑިފެންސް ލޮޖިސްޓިކްސް އޭޖެންސީގެ އުސޫލުތަކުގެ ދަށުން "ކޯޑު އެކޯ" އަދި "ކޯޑު ފޮކްސްޓްރޮޓް" ގެ ގޮތުގައި ގިންތިކޮށްފައި ހުންނަނީ މުއްދަތު ހަމަވެފައިވާ ނުވަތަ ބޭނުން ނުކުރެވޭ ހާލަތުގައި ހުންނަ ހަތިޔާރެވެ. ނަމަވެސް، އެފަދަ ތަކެތި އިންސްޕެކްޓްކޮށް ކުދި މަރާމާތުތަކަށް ފަހު އަލުން ބޭނުންކުރެވޭ ގޮތަށް ކޯޑު ބަދަލުކުރެވެ އެވެ.

ކުރީގެ އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯޒަލް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ކާއޯ ވަނީ މިކަން އާންމު ދިރިއުޅުމުގެ މިސާލަކުން ސިފަކޮށްދެއްވައިފަ އެވެ.

"ހިކިފައި އޮންނަ ޕާން ފޮއްޗަކީ ހަގީގަތުގައި މުއްދަތު ހަމަވާ އެއްޗެއް ނޫން. ފެންފޮދެއް ޖަހާލާފައި މައިކްރޯވޭވް ކޮށްލުމުން އަލުން ބޭނުންކުރެވޭނެ،" ކާއޯ ވިދާޅުވި އެވެ.

އެ ހަނގުރާމައިގައި ބޭނުންކުރީ ކޮން ބާވަތެއްގެ އަދި ކިހާ އަދަދެއްގެ، މުއްދަތު ހަމަވެފައިވާ ހަތިޔާރުތަކެއް ކަމެއް ކާއޯ ވިދާޅެއް ނުވެ އެވެ. ނަމަވެސް، އީރާން ހަނގުރާމައިގެ ކުރީކޮޅު އެމެރިކާ ސިފައިން ވަނީ ޓޮމަހޯކް ކްރޫޒް މިސައިލް ފަދަ އަގުބޮޑު އެތައް ސަތޭކަ ހަތިޔާރެއް ބޭނުންކޮށްފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ޕެންޓަގަންގެ އިންސްޕެކްޓާ ޖެނެރަލް ނެރުއްވި ރިޕޯޓެއްގައިވާ ގޮތުން، އީރާން ހަނގުރާމައިގައި ގިނަ އަދަދަކަށް ހަތިޔާރު ބޭނުންކުރުމުގެ ސަބަބުން އެމެރިކާގެ ސްޓްރެޓީޖިކް ހަތިޔާރު ސްޓޮކަށް ވަނީ ބޮޑު ދަތިކަމެއް ކުރިމަތިވެފަ އެވެ. އަދި މި ދަތިކަން ހައްލުކުރުމަށްޓަކައި، ކުރިން އަހަރަކު ގާތްގަނޑަކަށް 125 ޓޮމަހޯކް މިސައިލް އުފައްދަމުން އައި ނަމަވެސް، މިހާރު މަހަކު 60 އަށް ވުރެ ގިނަ މިސައިލް އުފެއްދުމަށް ނޭވީން ވަނީ މަސައްކަތް ފަށައިފަ އެވެ.

ޒަމާނީ ހަތިޔާރާއި މިސައިލް ފަދަ ތަކެތި ހަލާކުވަނީ ވަކި ތާރީހެއް ހަމަވުމަށް ވުރެ ބޮޑަށް، ހޫނުމިނާއި ތެތްކަން ފަދަ މާހައުލާ ގުޅުން ހުންނަ ސަބަބުތަކާ ހުރެ އެވެ. އެހެންވެ، ހަރަދު ކުޑަކުރުމަށާއި ހަނގުރާމައިގެ ގާބިލުކަން ދެމެހެއްޓުމަށްޓަކައި، ކުރީގެ ހަތިޔާރުތައް ޓެސްޓްކޮށް އަލުން ސެޓްފިކެޓް ދިނުމަކީ އެމެރިކާގެ އަސްކަރިއްޔާއިން އާންމުކޮށް ކުރާ ކަމެކެވެ.