އެމެރިކާ އާއި އީރާނާ ދެމެދު ބަދަލުކުރަމުންދިޔަ ހަމަލާތައް މެދުކަނޑާލުމާ ގުޅިގެން، ދުނިޔޭގެ ހިއްސާގެ ބާޒާރުތައް ކުރިއަރައި، ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ އެވެ.
މި ބަދަލު އައިސްފައި މި ވަނީ ބޮޑެތި ކުންފުނިތަކުގެ މާލީ ރިޕޯޓުތަކާއި މަރުކަޒީ ބޭންކުތަކުގެ ނިންމުންތައް ހާމަކުރުމަށް ހަމަޖެހިފައިވާ ހަފުތާއަކާ ދިމާކޮށެވެ.
އެމެރިކާ އާއި އީރާނުން ހަމަލާތައް ބަދަލުކުރުން ހުއްޓާލުމާ އެކު، ސާފު ނުކުރާ ތެލުގެ ބައިނަލްއަގުވާމީ ބެންޗްމާކް ބްރެންޓްގެ އަގު ހަތަރު ޕަސެންޓަށްވުރެ ބޮޑަށް ދަށަށް ގޮސް، ފީފާއެއްގެ އަގު 87 ޑޮލަރަށް ވަނީ ތިރިވެފަ އެވެ. މިއީ ހަމަލާތައް ހުއްޓާލުމުން ގަލްފު ކަނޑުގެ ދަތުރުފަތުރާއި ތެލުގެ ސިނާއަތަށް ލިބުނު ލުއީގެ ނަތީޖާ އެވެ.
ޖީއެމްޓީން މިއަދު މެންދުރު ފަހު 1:30 ގައި؛
- ބްރެންޓް: 4.7 ޕަސެންޓް ދަށަށް - ފީފާއެއް 87.33 ޑޮލަރަށް
- ވެސްޓް ޓެކްސަސް އިންޓަމީޑިއަޓް: 5.5 ޕަސެންޓް ދަށަށް - ފީފާއެއް 84.42 ޑޮލަރަށް ދަށަށް ދިޔަ އެވެ.
އެމެރިކާއިން ހަމަލާތައް މެދުކަނޑާލީ "މަޝްވަރާތަކަށް ފުރުސަތު ދޭން" ކަމަށް އެމެރިކާއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ވިދާޅުވެފައި ވާއިރު އީރާނުން ވަނީ އެމެރިކާއިން ހަމަލާ ނުދޭތީ އެ ގައުމުން ވެސް ރައްދު ނުދޭނެ ކަމަށް ބުނެފަ އެވެ.
އުމާންގެ ކަނޑުގެ ސަރަހައްދުން ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރި އުޅަނދުފަހަރަށް އީރާނުން ހަމަލާދިނުމާ ގުޅިގެން، އެމެރިކާ އާއި އީރާނާ ދެމެދު އޮތް، ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުން ރޫޅި، މި މަހު އަލުން ހަމަލާތައް ފެށުނެވެ. މަސްރަހު ގޯސްވުމާ ގުޅިގެން ތެލުގެ އަގު ވަރަށް ބޮޑަށް އުފުލި، ފާއިތުވި ހަފުތާގައި ބްރެންޓް ތެލުގެ އަގު ވަނީ ފާއިތުވި މޭ މަހަށް ފަހު ފުރަތަމަ ފަހަރަށް، ފީފާއެއްގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް ގޮސްފަ އެވެ.
އެކްސްޓީބީ ޓްރޭޑިން ގްރޫޕްގެ ރިސާޗް ޑިރެކްޓަރު ކެތުލީން ބްރޫކްސް ވިދާޅުވީ، މެދުއިރުމަތީގެ މަސްރަހު ހަމައަކަށް އެޅުނު ކަމުގައި ވިޔަސް، މައްސަލައަށް ދާއިމީ ހައްލެއް ލިބިފައި ނުވާތީ، މި ދަނޑިވަޅުގައި ތެލުގެ އަގު ފީފާއެއް 85 ޑޮލަރަށްވުރެ ދަށަށް ދިއުން އެކަށީގެންނުވާ ކަމަށެވެ.
މަސްރަހަށް އައި ފިނިކަމާ އެކު ވޯލްސްޓްރީޓްގެ ހިއްސާގެ ބާޒާރު ފެށުނީ ކުރިއެރުމަކާއެކުގަ އެވެ. ޓެކްނޮލޮޖީ ހިއްސާ ގިނަ ނާސްޑެކް އިންޑެކްސް 1.6 ޕަސެންޓަށް އުފުލުނެވެ. މީގެ ތެރޭގައި އަލްފަބެޓް، އެމަޒޯން އަދި އެޕަލް ހިމެނޭ "މެގްނިފިސެންޓް ސެވަން" ޓެކްނޮލޮޖީ ކުންފުނިތަކުގެ ހިއްސާގެ އަގު ވަނީ މައްޗަށް ގޮސްފަ އެވެ. ޔޫރަޕްގައި، ފްރެންކްފަޓްގެ ހިއްސާގެ ބާޒާރު 1.6 ޕަސެންޓަށް ވުރެ ބޮޑަށް އުފުލުނުއިރު، ލަންޑަނާއި ޕެރިސްގެ ބާޒާރުތަކަށް ވެސް ވަނީ ކުރިއެރުން ލިބިފަ އެވެ.