އީރާނުން ތާއީދުކުރާ ހޫތީ ހަނގުރާމަވެރިން ރަތްކަނޑުގައި އުޅަނދުތަކަށް އަލުން ދޭން ފެށި ހަމަލާތަކާއި، އެކަމުގެ ރައްދުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރާ އެކު، ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް އަނެއްކާވެސް އުފުލިއްޖެ އެވެ.

ބައިނަލްއަގުވާމީ ބެންޗްމާކް، ބްރެންޓް ނޯތު ސީ ކްރޫޑް ތެލުގެ އަގު ވަނީ ހަ ޕަސެންޓަށް ވުރެ މައްޗަށް އުފުލި، 100 ޑޮލަރު ފަހަނަޅައި ގޮސްފަ އެވެ.  ވެސްޓް ޓެކްސަސް އިންޓާމީޑިއޭޓްގައި 6.3 ޕަސެންޓް މަތިވެ، ފީފާއެއް 92.31 ޑޮލަރަށް އެރި އެވެ.

މި ހަމަލާތަކާ އެކު މެދުއިރުމަތީގެ ހަނގުރާމައިގެ ތެރެއިން އާ ނުރައްކަލެއް އުފެދިފައިވާއިރު، ޓްރަމްޕް ވަނީ ހޫތީންނަށް "އަސްކަރީ ބޮޑު އަދަބެއް" ދެއްވާނެ ކަމަށް އިންޒާރު ދެއްވައިފަ އެވެ.

އަނެއްކޮޅުން އީރާނުން ބުނެފައިވަނީ، އެމެރިކާއިން އެ ގައުމަށް ހަމަލާދެމުންދާހާ ހިނދަކު، ގަލްފު ސަރަހައްދަށް ހަމަލާތައް ދިނުމުގައި ދެމިއޮންނާނެ ކަމަށެވެ.

ސައޫދީ އަރަބިއްޔާއިން އާންމުކޮށް ހޮރްމޫޒް ކަނޑުއޮޅިން ފޮނުވާ އެތައް މިލިއަން ފީފާ ތެލެއް، މިފަހުން ރަތްކަނޑުގެ މަގުން އެކްސްޕޯޓް ކުރަމުންދިޔުމާ އެކު، އެ މަގު ބަންދުވުމަކީ ބާޒާރަށް ނުކުންނަ ތެލުގެ މިންވަރު އިތުރަށް ދަށްވެގެންދާނެ ކަމެކެވެ.

"ވެލްތު ކްލަބް" ގެ ޗީފް އިންވެސްޓްމަންޓް ސްޓްރެޓެޖިސްޓް ސުޒާނާ ސްޓްރީޓާ ވިދާޅުވީ "ހަކަތައިގެ ކްރައިސިސްއާ ގުޅިގެން އުފެދުނު ބިރުވެރިކަމާ އެކު އިންވެސްޓަރުން ތިބީ ވަރަށް ނުތަނަވަސްވެފައި" ކަމަށެވެ.

"ހޮރްމޫޒް ކަނޑުއޮޅި އާއި ރަތްކަނޑަށް ކުރިމަތިވެފައިވާ ނުރައްކާ ބޮޑުވަމުންދާތީ، ހަކަތަ ފޯރުކޮށްދޭ މުހިންމު މަގުތައް މި ހަނގުރާމައިގެ ސަބަބުން ބަންދުވެ، ތެލުގެ އަގު މަތީގައި ހިފެހެއްޓިފައި ހުރެދާނެ ކަމަށް ބާޒާރުތަކުން އަންނަނީ ތައްޔާރުވަމުން،" އޭނާ ވިދާޅުވި އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ތެލުގެ އަގު އުފުލުމަކީ އިންފްލޭޝަން މަތިވެ، އިންޓްރެސްޓް ރޭޓްތައް ބޮޑުކުރަންޖެހޭނެ ކަމަކަށް ކަމަށްވާތީ، މިއީ ބާޒާރުގެ އިތުބާރު އިތުރަށް ކުޑަވެގެންދިޔަ ކަމެކެވެ.

މީގެއިތުރުން، ސަރުކާރުތަކުގެ ބޮންޑް ޔީލްޑްސް މައްޗަށް ދިއުމުގެ ސަބަބުން ދުނިޔޭގެ ގައުމުތަކުގެ ސަރުކާރުތަކުގެ ހަރަދުތަކަށް ލޮޅުން އަރާނެ އެވެ.