ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އެރުވި ހަނގުރާމަ ނިމުމަކަށް އައިސް އެމެރިކާ އާއި އީރާނާ ދެމެދު ސުލްހައިގެ އެއްބަސްވުމަކަށް އާދެވިއްޖެކަން އިއުލާނުކުރުމާ އެކު، ހޯމަ ދުވަހު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހަތަރު ޕަސެންޓަށް ވުރެ ބޮޑަށް ދަށަށް ހިނގައްޖެ އެވެ.

ލުބުނާން ހިމެނޭ ގޮތަށް ހުރިހާ ތަނެއްގައި އަސްކަރީ ހަރަކާތްތައް "ވަގުތުން އަދި ދާއިމީކޮށް" ހުއްޓާލުމަށް އެމެރިކާ އާއި އީރާނުން އެއްބަސްވެފައިވާ ކަމަށް މެދުވެރިއެއްގެ ދައުރު އަދާކުރި ޕާކިސްތާނުން ބުނުމާ އެކު، ޓޯކިޔޯގެ ބާޒާރުގައި ވެސްޓް ޓެކްސަސް އިންޓަމީޑިއަޓް (ޑަބްލިޔުޓީއައި) ސާފުނުކުރާ ތެލުގެ ފީފާއެއްގެ އަގު 4.39 ޕަސެންޓް ދަށަށް ގޮސް، 81.15 ޑޮލަރަށް ވެއްޓުނެވެ.

އާދީއްތަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި ބަޔާނެއްގައި، "އީރާނާ އެކު ވެވުނު އެއްބަސްވުން މިހާރު މިވަނީ ފުރިހަމަވެފައި" ކަމަށް ވިދާޅުވެ، ޕާކިސްތާނުގެ ވާހަކަ ވަނީ ވަގުތުން ކަށަވަރުކޮށްދެއްވައިފަ އެވެ.

މީގެ އިތުރުން، ސާފުނުކުރާ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް 20 ޕަސެންޓް ހުރަސްކުރާ މުހިންމު ކަނޑުގެ މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލާނެ ކަމަށް ވެސް ޓްރަމްޕް އިއުލާނުކުރެއްވި އެވެ.

"ހޮރްމޫޒް ކަނޑުއޮޅި، އެއްވެސް ފީއެއް ނުނަގާ ގޮތަށް ހުޅުވާލުމަށް އަޅުގަނޑު މިހާރު ފުރިހަމައަށް ހުއްދަ ދެން. އަދި ހަމައެއާ އެކު، އެމެރިކާގެ ކަނޑުގެ ސިފައިން ބަންދުކޮށްފައިވާ އީރާންގެ ބަނދަރުތައް ވަގުތުން ދޫކޮށްލަން އަމުރުކުރަން ..." ޓްރަމްޕު އޭނާގެ ޓްރޫތު ސޯޝަލްގައި ލިޔުއްވާފައިވެ އެވެ. 

އޭގެ ކުޑައިރުކޮޅެއް ފަހުން އީރާނުން ވެސް ވަނީ، އެމެރިކާއާ އެކު  އިއުލާނުކުރި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ހިނގަމުންދިޔަ ހަނގުރާމަ "ވަގުތުން" ނިމުމަކަށް އައިސްފައިވާ ކަމަށް ބުނެފައެވެ.