އެމެރިކާއިން އީރާނަށް ވަރުގަދަ ހަމަލާތަކެއް އަލުން ދިނުމާ އެކު އީރާނުން ބަދަލުހިފުމުގެ ގޮތުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލުން ހަމަލާ ދީފި އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ވަނީ އީރާނުގެ ދެކުނު އައްސޭރީގައި ހުރި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ މުހިންމު އަސްކަރީ މަރުކަޒުތަކަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. މީގެ ތެރޭގައި އީރާނުގެ ރާޑަރު ސިސްޓަމްތަކާއި، ވައިގެ ދިފާއީ ނިޒާމުތައް ހިމެނޭއިރު ފުރަތަމަ ފަހަރަށް އީރާނު ސަރުކާރުގެ ދެ ތެޔޮ ޓޭންކަރަކަށް ވެސް ވަނީ ބޮންއަޅައިފަ އެވެ. މީގެ އިތުރުން، އީރާނުގެ ސިރިކް ސިޓީއަށް ދިން ހަމަލާއެއްގައި މިސައިލްގެ ބައިތަކެއް،  ކައިވެނީގެ ހަފުލާއެއް ހިނގަމުންދިޔަ ގެއަކަށް ވެއްޓި، އާންމުންގެ ހަތަރު މީހަކު މަރުވެ 50 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

އާންމުން މަރުވުމާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން އީރާނުން ވަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާތަކެއް ފޮނުވާލައިފަ އެވެ.

  • އުރުދުން: އުރުދުންގައި ހުންނަ ޕްރިންސް ހަސަން އެއާ ބޭސްއަށް އީރާނުން ދިން މިސައިލް ހަމަލާތަކުގެ ތެރެއިން 10 މިސައިލް އުރުދުންގެ އަސްކަރިއްޔާއިން ވައްޓާލާފައިވާއިރު، ބައެއް މިސައިލްތައް ވަނީ އެ ސަރަހައްދަށް ވެއްޓިފައި.
  • އިރާގު: އިރާގުގެ އުރުބީލް ބައިނަލްއަގުވާމީ ވައިގެ ބަނދަރުގައި ހުންނަ އެމެރިކާގެ ކޭމްޕަށް ދިން ޑްރޯން ހަމަލާއެއްގައި އެތަނުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައި.
  • ގަލްފް ގައުމުތައް: އީރާނުގެ މި ނުރައްކަލާ އެކު ކުވައިތާއި ބަހްރޭން ފަދަ ގަލްފުގެ ގައުމުތަކުން ވަނީ ވައިގެ ދިފާއީ ނިޒާމުތައް ތައްޔާރީ ހާލަތަކަށް ގެނެސް، ސައިރަންގެ އަޑާއެކު ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ވަނުމަށް އަންގާފައި.

މި ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ވަނީ ސާފުނުކުރާ ތެލުގެ އަގު ވަނީ 4.4 ޕަސެންޓަށް އުފުލި، ފީފާއެއްގެ އަގު 94 ޑޮލަރަށްވުރެ މައްޗަށް ގޮސްފަ އެވެ. އަދި އެމެރިކާއިން ދަނީ އީރާނާ ދެކޮޅަށް އިގްތިސާދީ ގޮތުން އިތުރު ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. އެކަމުގެ ސަބަބުން އީރާންގެ އިގްތިސާދަށް ބޮޑެތި މައްސަލަތަކާ ދަނީ ކުރިމަތިވަމުންނެވެ.

ހާލަތު އިތުރަށް ގޯސްވެފައި ވާއިރު އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ އިތުރަށް ހަނގުރާމަކުރުމުގެ ފައިދާއެއް ނެތް ކަމަށާއި ސުލްހައިގެ އެއްބަސްވުމަށް އެމެރިކާ ރުޖޫއަވެއްޖެ ނަމަ އީރާނުން ވެސް އެގޮތަށް އަމަލުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.