މާވެލްގެ ފިލްމުތަކުގައި "ހަލްކު"ގެ ރޯލު ކުޅޭ ހޮލީވުޑްގެ އެކްޓަރު މާކް ރަފެލޯއަށް ޔަހޫދީންނާ ދެކޮޅު (އެންޓި-ސެމިޓިކް) ހިޔާލުތައް ފަތުރާކަމަށް ކުރެވޭ ތުހުމަތުތަކުން އޭނާ ދިފާއުކޮށް، މީޑިއާ އާއި އެންޓަޓެއިންމަންޓް ދާއިރާގައި ހަރަކާތްތެރިވާ 180 އަށް ވުރެ ގިނަ ޔަހޫދީން އޯޕަން ލެޓާއެއްގައި ސޮއިކޮށްފި އެވެ.
މި މައްސަލަ އުފެދުނީ ޕެރަމައުންޓް ސްކައިޑާންސް އާއި ވޯނާ ބްރަދާސް ޑިސްކަވަރީ އެއްކޮށްލުމަށް ކުރެވޭ މަޝްވަރާތަކަށް ރަފެލޯ ފާޑުކިޔައި، ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ.
މިދިޔަ މަހު 21 ގައި ރަފެލޯ ކުރި ޕޯސްޓެއްގައި، އެ ކުންފުނިތައް އެއްކޮށްލުމާ ދެކޮޅަށް ވާހަކަދައްކަމުން، ޕެރަމައުންޓްގެ ސީއީއޯ ޑެވިޑް އެލިސަންގެ ޔަހޫދީ އާއިލާއިން އޮރެކަލް ކުންފުނި މެދުވެރިކޮށް އިޒުރޭލަށް އެހީތެރިވެ، ޣައްޒާގެ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ ނަސްލު ނައްތާލުމުގެ އަމަލުތަކުގައި ބައިވެރިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
އޮރެކަލްގެ ކުރީގެ ސީއީއޯ އަދި ޕެރަމައުންޓް ބޯޑު މެންބަރު ސަފްރާ ކެޓްޒް، ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ އަމަލުތަކާ މެދު އުފާކުރާ ކަމަށް ބުނާ ވީޑިއޯއެއް ވެސް ރަފެލޯ ވަނީ އާންމުކޮށްފަ އެވެ. އަދި ޣައްޒާގައި ހިންގާ ގަތުލުއާންމުގައި އެ ކުންފުނީގެ ޓެކްނޮލޮޖީ ބޭނުންކުރި ކަމަށް ވެސް ތުހުމަތުކުރި އެވެ.
ނަމަވެސް ކެޓްޒްގެ ތަރުޖަމާނު ފަހުން ބުނެފައި ވަނީ އެ ޓެކްނޮލޮޖީއަކީ އޮކްޓޯބަރު 7، 2023 ގައި ހަމާސް އިން ރަހީނުކުރި ކަމަށް ބުނާ އިޒުރޭލު މީހުން ސަލާމަތްކުރުމަށް ބޭނުންކުރި ސިސްޓަމެއް ކަމަށެވެ.
ރަފެލޯގެ މި ވާހަކަތަކާ ގުޅިގެން ޕެރަމައުންޓުގެ ތަރުޖަމާނަކާއި ހޮލީވުޑްގެ ގާތްގަނޑަކަށް ހާހެއްހާ ބަޔަކު ވަނީ އޭނާ ނަސްލީ ތަފާތުކުރުމާއި ޔަހޫދީންނާ ދެކޮޅު "ނުރައްކާތެރި ނަޒަރިއްޔާތައް" ފަތުރާ ކަމަށް ބުނެ ނުރުހުން ފާޅުކޮށްފަ އެވެ.
އެ މީހުން ބުނެފައި ވަނީ ވިޔަފާރިގެ މުއާމަލާތްތަކުގެ ތެރެއަށް ޔަހޫދީންނާއި އެންޓި-ޒަޔަނިޒަމްގެ މައުލޫތައް ވަައްދައިގެން ނުވާނެ ކަމަށެވެ.
ރަފެލޯ ވަނީ އޭނާއަށް ކުރާ ތުހުމަތުތަކަކީ "ބަލައިގަނެވޭނެ ކަންކަމެއް ނޫން" ކަމަށާއި އޭގައި އެއްވެސް ތެދުވެރިކަމެއް ނެތް ކަމަށް ބުނެ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
އޭގެ ފަހުން 180 އަށް ވުރެ ގިނަ ޔަހޫދީ ފަންނާނުން ސޮއިކުރި އޯޕަން ލެޓާއެއްގައި ވަނީ ރަފެލޯއަށް ކުރެވޭ ތުހުމަތުތަކަކީ އޭނާގެ އަބުރު ކަތިލުމަށް ހިންގާ "ސިޔާސީ ކެމްޕޭނެއް" ކަމަށެވެ. އަދި ޣައްޒާގައި ހިންގާ އުދުވާނާއި ހޮލީވުޑްގެ ވިޔަފާރިތަކާ ހުރި ގުޅުންތަކަށް އަލިއަޅުވާލުމަކީ ޔަހޫދީންނާ ދެކޮޅުވުން ނޫން ކަމަށާއި އެއީ ސުވާލު އުފައްދަން ޖެހޭ ކަމެއް ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
އެ ސިޓީގައި ސޮއިކުރި މަޝްހޫރު ފަންނާނުންގެ ތެރޭގައި އެކްޓަރު ވަކީން ފީނިކްސް، "ދަ ޒޯން އޮފް އިންޓްރެސްޓް"ގެ ޑިރެކްޓަރު ޖޯނަތަން ގްލޭޒާ، އެކްޓްރެސް ރޮސާނާ އާކުއެޓް، ސްކްރީން ރައިޓަރު ޓޯނީ ކުޝްނާ އަދި "ޔަންގް ޝެލްޑަން"ގެ އެކްޓަރު ވާލޭސް ޝޯން ހިމެނެ އެވެ.
އެ ސިޓީގައި ސޮއިކުރި ޔަހޫދީ ފަންނާނުންގެ އިތުރުން ވެސް، އޮސްކާ އެވޯޑު ހާސިލުކޮށްފައިވާ ފިލްމީ އަދި ތިއޭޓަރު ޑިރެކްޓަރު ކެނެތު ލޮނާގަން، އޮސްކާ އެވޯޑު ކާމިޔާބުކޮށްފައިވާ ޖޭން ފޮންޑާ އަދި އެކްޓަރު ޖޯން ކުސެކް ކަހަލަ ހޮލީވުޑްގެ ބޮޑެތި ތަރިން ވެސް ވަނީ ރަފެލޯގެ ދިފާއުގައި ވާހަކަދައްކައި، އޭނާއަށް ތާއީދުކޮށްފަ އެވެ.