ނޫސް މަޖައްލާ ރަޖިސްޓްރީކުރުމުގެ ގަވާއިދުގެ ދަށުން ރީ-ރަޖިސްޓްރީ ނުކުރާ ނޫސް މަޖައްލާތައް އަންނަ މަހުގެ 27 ގެ ފަހުން ބާތިލުކުރާނެ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން މިއަދު ބުނެފި އެވެ.
އެމްއެމްބީސީން ނެރުނު އިއުލާނެއްގައި ބުނީ ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްގެން ހިންގަމުން ގެންދާ ނޫސް މަޖައްލާތައް "ނޫސް މަޖައްލާ ރަޖިސްޓްރީކުރުމުގެ ގަވާއިދު" ގެ ދަށުން ހަ މަސް ދުވަހުގެ ތެރޭގައި ރީ-ރަޖިސްޓްރީކޮށް ރެކޯޑު އަދާހަމަކުރަންޖެހޭ ކަމަށެވެ.
އެކަމަށް ދީފައިވާ އެންމެ ފަހު މުއްދަތު ހަމަވަނީ އޮކްޓޫބަރު 27 ވަނަ ދުވަހަށް ކަމަށް އެމްއެމްބީސީން ބުންޏެވެ.
އެހެންވެ، އެ މުއްދަތު ހަމަވާއިރު ރީ-ރަޖިސްޓްރީކޮށް ރިކޯޑު އަދާހަމަ ނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓްރީތައް ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ބާތިލުކުރާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
ރާއްޖޭގައި ހިންގަމުން އަންނަ ނޫސް މަޖައްލާތައް މީގެ ކުރިން ރަޖިސްޓްރީވާން ޖެހެނީ ޔޫތު މިނިސްޓްރީގަ އެވެ. އެކަމަކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނު ވުޖޫދުވެ، ނޫސް މަޖައްލާތައް ރަޖިސްޓްރީކޮށް ދަފްތަރު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައި ވަނީ އެ ކޮމިޝަނާ އެވެ.