ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތައި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރުމުގައި ޒާތީ ތައައްސަބުން އެއްކިބާވާން މޯލްޑިވްސް މީޑިއާ އެންޑު ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު އިލްތިމާސްކޮށްފި އެވެ.

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ޔޫއޭއީގެ ޑިވެލޮޕަރު، އީގަލް ހިލްސް އިން އިންތިޒާމުކުރި މީޑިއާ ދަތުރެއްގައި ދުބާއިއަށް ދިޔަ ބައެއް ނޫސްވެރިންނަށް ސޯޝަލް މީޑިއާގައި ބިރުދެއްކުމުގެ މައްސަލަ ފެންމަތިވެފައި ވަނިކޮށް އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ވަނީ ހުތުރު ބަހުން ފުރައްސާރަކޮށް ފުރާނައަށް ނުރައްކާވާ ފަދަ އިންޒާރުތައް ދީގެން ހިންގާ އެފަދަ ޒިންމާދާރުކަން ކުޑަ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. 

ޑިކޮމްރަސީގެ ހަތަރު ވަނަ ބާރުގެ ގޮތުގައި ބެލެވޭ މީޑިއާގައި ހިމެނޭ ނޫސްވެރިންނަށް ގަނާކޮށް، ބިރުދެއްކުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ކޮމިޝަނުން ބުނީ ހަބަރުތައް ގެނެސްދޭއިރު މީޑިއާތަކުން ވެސް ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑުގެ ދަށުން މީހެއްގެ އަބުރާއި އިއްޒަތަށް އުނިކަން އަންނަ ފަދަ ނުވަތަ މުޖުތަމައުގައި ބޭނުންކުރުން އެކަށީގެންވާ ހަޑި ހުތުރު ބަސްތަކާއި އަމަލުތައް އަދި އިޝާރާތްތައް ހިމެނޭ އެއްވެސް ޝާއިއުކޮށް ދެއްކުމަކީ މަނާ ކަމެއް ކަމަށެވެ. 

"އެހެންކަމުން ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުމަށާއި ހިޔާލުފާޅުކުރުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރުމުގައި އެންމެހާ ފަރާތްތަކުން ވެސް ޒާތީ ތައައްސަބުން އެއްކިބާވެ، ޒިންމާދާރުކަމާއެކު އަމަލުތައް ބެހެއްޓުމަށް މި ކޮމިޝަނުން އިލްތިމާސްކުރަމެވެ،" ބަޔާނުގައިވެ އެވެ. 

ދުބާއިއަށް ދިޔަ ނޫސްވެރިއަކަށް މަރުގެ އިންޒާރުދީ، ބިރު ދެއްކި މައްސަލަ ބަލަން މީޑިއާ ކޮމިޝަނުން ވެސް ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ.