"އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފު ކުރުމުގެ ދައުވާއަށް އެ ދެ މީހުން މިއަދު އިންކާރުކޮށްފި އެވެ.
ފިޔާޒާއި ހަސަންގެ މައްޗަށް ހިންގާ ޝަރީއަތުގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާ އިއްވައިފަ އެވެ. އަދި ދައުވާއާ ގުޅޭ ގޮތުން ދިފާއުން ކުރި ސުވާލުތަކަށް ޖަވާބުދީފައިވެ އެވެ.
އެ ދައުވާއަށް ފިޔާޒާއި ހަސަން ވެސް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވަނީ އިންކާރުކޮށްފަ އެވެ. އެހެންވެ، ދައުލަތުން ވަނީ އެ ދެ ނޫސްވެރިންނާ ދެކޮޅަށް ހެކި ހުށަހަޅައިފަ އެވެ. އަދި ދިފާއުގައި ހެކި ހުށަހަޅަން ފިޔާޒާއި ހަސަންއަށް ފުރުސަތު ދިނެވެ.
އެ ބާވަތުގެ މައްސަލަތައް ކޯޓުގައި ކުރިއަށް ގެންދަނީ ސިއްރުންނެވެ. އަދި އެ ޝަރީއަތާ ގުޅޭ މައުލޫމާތު އާންމު ނުކުރަން ގެގް އޯޑަރެއް ކުރިން އޮތީ ނެރެފަ އެވެ. އެހެންވެ، އަޑުއެހުމުގެ އެއްވެސް ކަމެއް ވަކީލުން ވެސް ހާމައެއް ނުކުރެ އެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ފަރާތުން އެ ދެ ނޫސްވެރިންގެ މައްޗަށް ދައުވާކޮށް ކޯޓަށް ފޮނުވީ ތަހުގީގު ފެށިތާ ދެ ހަފުތާއެއްހާ ދުވަސް ތެރޭގަ އެވެ. އަދި އެ މައްސަލައިގެ ތަހުގީގުގައި އެ ދެ މީހުން ހަނު ތިބެފައިވާތީ ތަހުގީގު ވަރަށް އަވަހަށް ނިމުނެވެ.
ގަޒުފުގެ ތުހުމަތުގައި ފިޔާޒާއި ހަސަން ފުލުހަށް ހާޒިރު ކުރުމުން ހަނު ތިބެފައިވަނީ ނޫސްވެރިން މަސްދަރު ހިމާޔަތް ކުރުމަކީ ގާނޫނުއަސާސީން ލިބިދޭ ހައްގެއް ކަމަށް ބުނެ އެވެ.
މީގެ އިތުރުން "އަދަދު" ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުދައްކަން ކޯޓުން އަމުރު ނެރެފައި ވަނިކޮށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމުން އަދި އެ އަމުރާ ގުޅޭ ހަބަރު ލިޔުނު ގޮތަކުން ދެ ނޫސްވެރިއަކު ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި، އަދަދު ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށްލާން ވެސް ކޯޓުން ކުރިން ހުކުމްކުރި އެވެ.
އެ ދެ ނޫސްވެރިން މިހާރު މިނިވަންވެފައިވާއިރު، ޖަލު ހުކުމުގެ އެ މައްސަލަ މިހާރު އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
އެ މައްސަލާގެ ތަހުގީގުގައި އަދަދު ނޫހުން ފުލުހުން ގެންގޮސްފައިވާ ލެޕްޓޮޕްތަކާއި ހާޑްތަކާއި ޕެން ޑްރައިވްތަކާއި ކްލައުޑް ސްޓޯރޭޖްތަކާއި ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ޕާސްކޯޑްދީ، އެ ޑިވައިސްތަކުގައި ހުރި ޑޭޓާތަކަށް އެކްސެސް ވެވޭނެ ގޮތް ހެދުމަށް ވެސް ކްރިމިނަލް ކޯޓުން ކުރިން އަމުރުކުރި އެވެ. ނަމަވެސް އަދަދުގެ ސީއީއޯ ފިޔާޒު ވަނީ އެގޮތަށް އަމަލު ކުރަން ދެކޮޅު ހައްދަވައިފަ އެވެ.