ރެއާލް މެޑްރިޑާއި އިންގްލެންޑުގެ ތަރި ޖޫޑް ބެލިންހަމް، އޭނާގެ އުފަން ސިޓީ، ބާމިންހަމްގެ ކްރިކެޓް ޓީމެއް ކަމަށްވާ "ބާމިންހަމް ފީނިކްސް" ގެ 1.2 ޕަސަންޓްގެ ހިއްސާ ގަނެފި އެވެ.

އުމުރުން 22 އަހަރުގެ ބެލިންހަމް ބުނިގޮތުގައި، މިއީ އޭނާ ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ބޮޑުވި ސިޓީއަށް ކޮށްދޭ ޚިދުމަތެއްގެ ގޮތުންނާއި، އެ ސިޓީގައި ކްރިކެޓް ކުރިއެރުވުމަށް އެޅި ފިޔަވަޅެކެވެ. ބެލިންހަމް މި ޓީމުން ގަތް ހިއްސާގެ އަގު ގާތްގަނޑަކަށް 800،000 ޕައުންޑަށް އަރާނެ ކަމަށް ބެލެވެ އެވެ.

ބާމިންހަމް ފީނިކްސް އަކީ އިނގިރޭސިވިލާތުގެ "ދަ ހަންޑްރެޑް" ފޯމެޓަށް ކުޅޭ ޓީމެކެވެ. ބެލިންހަމްގެ ކުރީގެ ކްލަބް، ބާމިންހަމް ސިޓީގެ ވެރިން ކަމަށްވާ އެމެރިކާގެ ނައިޓްހެޑް ކެޕިޓަލް މެނޭޖްމަންޓުން ވަނީ މިދިޔަ އަހަރު މި ޓީމުގެ 49 އިންސައްތަ ހިއްސާ ގަނެފަ އެވެ.

ބެލިންހަމް ހިއްސާ ގަތުމުން މިހާރު ޓީމުގެ މެޖޯރިޓީ ނުވަތަ ބޮޑު ބައި ކޮންޓްރޯލް ކުރާނީ 50.4 ޕަސަންޓް ހިއްސާއާ އެކު ވޯވިކްޝަޔާ ކައުންޓީ ކްރިކެޓް ކްލަބުންނެވެ.

"އަހަރެން ބާމިންހަމް ދެކެ ލޯބިވޭ. މުޅި ބާމިންހަމް ސިޓީ އަހަންނަށްޓަކައި ކޮށްދިން ކަންތައްތަކަށް އަހަރެން ވަރަށް ޝުކުރުވެރިވަން. އަހަރެން ކްރިކެޓަށް ވެސް ވަރަށް ލޯބިކުރަން، އެހެންވެ މި ފުރުސަތު ލިބުމުން ދެވަނަ ވިސްނުމަކަށް ނުގޮސް ބައިވެރިވީ. މި ޓީމާ ގުޅުމުން ވަރަށް އުފާވެއްޖެ،" އޭނާ ބުންޏެވެ.

ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ބެލިންހަމް އަކީ ކުޑައިރުއްސުރެ ކްރިކެޓަށް ލޯބިކުރާ މީހެކެވެ.

އޭނާ ތައުލީމު ހާސިލްކުރި ސްކޫލަކީ ވެސް ބާމިންހަމް ސިޓީގައި މަޝްހޫރު އެޖްބަސްޓަން ކްރިކެޓް ދަނޑާ ވަރަށް ކައިރީގައި ހުންނަ ސްކޫލެކެވެ.

ބެލިންހަމް ބުނިގޮތުގައި ފުޓްބޯޅައިގައި ކިތަންމެ ބިޒީކޮށް އުޅުނަސް، އޭނާގެ އުފަން ސިޓީއަށް އެހީތެރިވުމަކީ ކުރަންޖެހޭ ކަމެކެވެ.

"އަހަރެން ގަބޫލުކުރަނީ މި ސިޓީއަށް ކޮންމެވެސް ކަމެއް ކޮށްދޭންޖެހޭ ކަމަށް. މިހާރު ފުޓްބޯޅައިގެ ސަބަބުން ވަރަށް ބިޒީ، އެކަމަކު އެހީތެރިވެވޭނެ ގޮތެއް އޮތްނަމަ އެކަމެއް ކުރަން ބޭނުން. މިއީ އެކަމަށް އޮތް ވަރަށް ރަނގަޅު މަގެއް ކަމަށް ފެނޭ،" އޭނާ ބުންޏެވެ.