ބޮލީވުޑްގެ މަޝްހޫރު އާއިލާއަކަށް އުފަންވިޔަސް، ކުދިން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމުގެ ފުރުސަތު ދޭން ބޭނުންވާ ކަމަށާއި ދޮށީ ފިރިހެން ދަރިފުޅު ތައިމޫރު އަލީ ޚާން ބޭނުންވަނީ އެކްޓަރަކަށް ވުމުގެ ބަދަލުގައި ކްރިކެޓް ނުވަތަ ފުޓްބޯޅަ ކުޅުންތެރިއަކަށް ވާން ކަމަށް ބޮލީވުޑްގެ ތަރި ކަރީނާ ކަޕޫރު ޚާން ބުނެފި އެވެ. 

ކަރީނާ އާއި ސައިފް އަލީ ޚާންގެ 9 އަހަރުގެ ދަރިފުޅު ތައިމޫރު ވަނީ ބޮލީވުޑާ ދުރު، ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިއުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

އިންޑިއާގެ ލިޔުންތެރިޔާ ހަނޫމާން ދާސްއާ އެކު ބޭއްވި އިންޓަވިއުއެއްގައި ކަރީނާ ބުނީ ތައިމޫރު މިހާރު އެންމެ ޝައުގުވެރި ވަނީ ކުޅިވަރަށް ކަމަށެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގައި ކްރިކެޓް ނުވަތަ ފުޓްބޯޅަ ކުޅެން ބޭނުންވާ ކަމަށް ތައިމޫރު ބުނުމުން، އެކަން ހާސިލުކުރުމަށް ރަނގަޅު މިސްރާބަކަށް ދިއުމަށް ދަރިފުޅަށް ހިތްވަރުދޭން ޖެހޭ ކަމަށް ކަރީނާ ބުންޏެވެ.

ފިލްމީ އާއިލާއަކުން އައިސްފައި ވާތީ އެކްޓަރަކަށް ވާން މަޖުބޫރު ނޫން ކަމަށާއި އޭނާގެ އުމުރުގައި ކަރީނާ އެކްޓަރަކަށް ވާން ބޭނުންވި ފަދައިން، ތައިމޫރު ވެސް އޭނާ ބޭނުންވާ ދާއިރާއާ މެދު ޔަގީންކަން އެބައޮތް ކަމަށް ކަރީނާ ބުންޏެވެ.

ތައިމޫރުގެ ގައިގައި ކުޅިވަރުގެ "ޖީންސް" ހުރުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. އޭނާގެ ކާފަ، މަންސޫރު އަލީ ޚާން ޕަޓޯޑީއަކީ 10 އަހަރު ވަންދެން އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަންކަން ކުރި މީހެކެވެ.

މީގެ އިތުރުން، މުނި ކާފަ އިފްތިޚާރު އަލީ ޚާން ޕަޓޯޑީ ވަނީ އިންޑިއާގެ އިތުރުން އިންގްލޭންޑަށް ވެސް ޓެސްޓް ކްރިކެޓް ކުޅެފަ އެވެ.

ކުރިން ސޯހާ އަލީ ޚާންގެ ޕޮޑްކާސްޓެއްގައި ވާހަކަދައްކަމުން ކަރީނާ ވަނީ އޭނާގެ ދެ ދަރިން ކަމަށްވާ ތައިމޫރު އާއި ޖޭ އެކްޓަރުންނަށް ވުރެ ބޮޑަށް ކުޅިވަރު ތަރިންނަށް ޝައުގުވެރިވާ ކަމަށް ބުނެފަ އެވެ. އަދި އިންޑިއާގެ ކްރިކެޓް ތަރިން ކަމަށްވާ ރޯހިތު ޝަރުމާ އާއި ވިރާޓް ކޯލީ، ނުވަތަ ފުޓްބޯޅަ ތަރި ލިއޮނަލް މެސީއާ ކަރީނާ ރައްޓެހިތޯ ތައިމޫރު ގަވާއިދުން އަހާ ކަމަށާއި، އަދިއަދަށް ދާންދެން ވެސް ތައިމޫރު އެކްޓިންއަށް އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް ކަރީނާ ބުންޏެވެ.

ކަރީނާގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު، އޭނާ އެންމެ އަވަހަށް ފެންނާނީ މެގްނާ ގުލްޒާރުގެ ފިލްމު "ދާއިރާ" އިންނެވެ. މިއީ މެގްނާ އާއި ކަރީނާ އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.

ދެކުނު އިންޑިއާގެ އެކްޓަރު ޕްރިތުވީރާޖް ސުކުމާރަން ވެސް މުހިންމު ރޯލަކުން ފެންނަ، އަދި ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ އެ ފިލްމުގައި ކަރީނާ އާއި ޕްރިތުވީރާޖް ފެންނާނީ ފުލުހުންގެ ރޯލުންނެވެ. އެ ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައި ވަނީ މި މަހު 18 ގަ އެވެ.