ދިވެހި ރާއްޖޭގެ ކުޅިވަރުގެ ހިދުމަތްތެރިއެއް ކަމަށްވާ މާދިހު އިސްމާއިލް ކުއްލި ގޮތަކަށް ރޭ ނިޔާވެއްޖެ އެވެ.

މާދިހުގެ އާއިލާގެ ބޭފުޅަކު ވިދާޅުވީ ރޭގެ ވަގުތެއްގައި މާދިހު ނިޔާވީ ހޮނޑުލެވި، ހާލު ދެރަވެގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށެވެ.

މާދިހު، 51، އަކީ ދިވެހި ކުޅިވަރުގައި ފާހަގަކޮށްލެވޭ ހިދުމަތްތެރިއެކެވެ. މާދިހުގެ ހިދުމަތް އެންމެ ބޮޑަށް ފާހަވެގެންދިޔައީ ކްރިކެޓާއި ފުޓްބޯޅަ އަދި ސްވިމިންނެވެ. މީގެ އިތުރުން ވެސް، އެކި ކުޅިވަރުތަކުގައި އޭނާގެ ބައިވެރުން އޮތެވެ.

މާދިހު ވަނީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އަށް ގިނަ ހިދުމަތްތަކެއް ކުރައްވައިފަ އެވެ. އެގޮތުން އެ އެސޯސިއޭޝަންގެ ނައިބު ރައީސްކަން ވެސް އޭނާ އަދާކުރެއްވި އެވެ. އަދި އެފްއޭއެމްގެ އެގްޒެކަޓިވް ކޮމިޓީގެ މެންބަރުކަމާއި އެތުލެޓިކްސް އެސޯސިއޭޝަންގެ ވައިސް ޗެއާޕާސަން ކަމުގެ މަގާމާއި ނެޓް ބޯލް އެސޯސިއޭޝަންގެ އެގްޒެކަޓިވް ކޮމިޓީގެ މެންބަރުކަން ވެސް އަދާކުރެއްވި އެވެ.

ގިޔާސުއްދީން ސްކޫލްގެ ސްޕޯޓްސް ކޯޑިނޭޓަރެއްގެ ވަޒީފާ އަދާކުރައްވަމުން ދިު މާދިހު ވަނީ ނިމިގެންދިޔަ ފުޓްބޯޅަ ސީޒަންގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ބެންޗުން ވެސް ފެނިފަ އެވެ. މާޒިޔާގައި އޭނާ މަސައްކަތްކުރަމުންދިޔައީ އެ ކްލަބުގެ ފިޒިއޯތެރަޕިސްޓްގެ ގޮތުގަ އެވެ.

"މުޅި އުމުރު ދުވަސް ކަހަލަ ގޮތަކަށް އޭނާ ހޭދަކުރީ ދިވެހި ކުޅިވަރުގެ ހިދުމަތްތެރިއެއްގެ ގޮތުގައި. ހާއްސަކޮށް ކުޅިވަރުގެ އާ ޖީލުތައް ބިނާކުރުމުގައި،" ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަދި ރާއްޖޭގެ ކުރީގެ އެއްވަނަ ގޯލްކީޕަރު މައުރޫފް އަހްމަދު (މާއްޓޭ) ފޭސްބުކްގައި ލިޔެފައިވެ އެވެ.

މާދިހު އަކީ ކޮވިޑްގެ އާލާސްކަންފުޅުގައި މިދިޔަ އަހަރު ނިޔާވި ރ.އަތޮޅުގެ ކުރީގެ މެމްބަރު ޒަކަރިއްޔާ އިސްމާއިލްގެ ބޭފުޅެކެވެ. މާދިހު އަކީ ރާއްޖޭގެ ކުރީގެ އެއްވަނަ ފޯވަޑް އަދި އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއިލްގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ.