ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އެ ކޯޓުން ފެމިލީ ކޯޓަށް ބަދަލުކުރީ ގޯސްކޮށް ކަމަށް ބުނެ އޭނާގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލައެއް ހުށަހެޅުއްވުމުން އެ މައްސަލަ އެތަނުން ނުބެލޭނެ ކަމަށް ނިންމައިިފި އެވެ.
އަބްދުﷲ ގާޒީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުގައި ހުންނަވަނިކޮށް، 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހު އޭނާ ފެމިލީ ކޯޓަށް ބަދަލުކުރީ ގާނޫނުއަސާސީ އާއި، ފަނޑިޔާރުންގެ ގާނޫނާއި، ކޯޓުތަކުގެ ގާނޫނާއި، ޖޭއެސްސީގެ ގާނޫނާ ހިލާފަށް ކަމަށް ބުނެ އޭނާ ވަނީ މީގެ ކުރިން ޖޭއެސްސީ އަށް ރައްދުވާ ގޮތަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.
ނަމަވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމާފައި ވަނީ އެ މައްސަލަ ބެލުމުގެ އިހްތިސާސް އެ ޓްރައިބިއުނަލަށް ލިބިގެން ނުވާ ކަމަށެވެ. ފަނޑިޔާރުންގެ ވަޒީފާއާ ބެހޭ އުސޫލުތައް ކަނޑައަޅާފައި ވަނީ ފަނޑިޔާރުންގެ ގާނޫނުގައި ކަމާއި، ވަޒީފާއާ ބެހޭ ގާނޫނުގައިވާ އިޖުރާއަތްތައް ފަނޑިޔާރުންގެ މައްޗަށް ނުހިނގާނެ ކަމަށް އެ ޓްރައިބިއުނަލުގެ ނިންމުމުގައި ފާހަގަކޮށްފައިވެ އެވެ.
ޓްރައިބިއުނަލްގެ ނިންމުން އަބްދުﷲ ގާޒީގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހެޅުމުން މިދިޔަ ހޯމަ ދުވަހު އެ ކޯޓުގެ ރަޖިސްޓްރާ މަރިޔަމް ހޫރްޝީދާ ވެސް ނިންމެވީ، މައްސަލަ ބަލައިނުގަތުމަށެވެ.
މައްސަލަ ބަލައިނުގަތީ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އެ މައްސަލަ ބެލުމުގެ އިހްތިސާސް ލިބިގެންވާ ކަމަށް ދެކެވަޑައިގަންނަވާ ސަބަބާއި، އިހްތިސާސް ލިބިގެން ނުވާ ކަމަށް ނިންމި ނިންމުން ގާނޫނާ ހިލާފުވާ ކަމަށް ދެކެވަޑައިގަންނަވާ ސަބަބެއް އަބްދުﷲ ގާޒީ ހުށަހެޅުއްވި މައްސަލައިގައި ސާފުކޮށް ބަޔާންކޮށްދީފައި ނުވާ ކަމަށް ބުނެ އެވެ.
އަބްދުﷲ ގާޒީ ފެމިލީ ކޯޓަށް ބަދަލުކުރަން ޖޭއެސްސީއިން ނިންމީ، ސުޕްރީމް ކޯޓުން އެކަމަށް އެދުމުންނެވެ. އޭރު، މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ދިޔައީ ތައްޔާރުވަމުންނެވެ. އޭނާ ފެމިލީ ކޯޓަށް ބަދަލުކޮށްފައި ކްރިމިނަލް ކޯޓު ހަވާލުކުރީ ގާޒީ އަބްދުލް ބާރީ ޔޫސުފަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބޭރުން އަބްދުﷲ ގާޒީ ބަންދުކުރި މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެވެ. ނަޝީދު ފެބްރުއަރީ 7، 2012 ގައި ރައީސްކަމުން އިސްތިއުފާ ދެއްވީ ވެސް އޭނާ ބަންދުކުރުމުން އެ މައްސަލަ ހޫނުވެ، އޭރުގެ އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނުކުމެ ކުރި މުޒާހަރާތަކަށް ފަހު، ވަރަށް ބޮޑަށް ފިއްތުންތައް ކުރިމަތިކޮށްފައި ވަނިކޮށެވެ.
ނަޝީދުގެ މައްޗަށް 13 އަަހަރުގެ ޖަލު ހުކުމެއް އިއްވީ ވެސް އޭނާ ބަންދުކުރުމާ ގުޅިގެން ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވެގެންނެވެ. އެ ހުކުމުން ނަޝީދު ސަލާމަތްވީ 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލު ކުރުމުންނެވެ.