ދުނިޔޭގެ މަޝްހޫރު އޯޕަން ވޯޓާ ސްވިމިން ފްރެންޗައިސް "އޯޝަންމޭން ގްލޯބަލް" އާ ގުޅިގެން ރާއްޖޭގައި ބާއްވާ "އޯޝަންމޭން މޯލްޑިވްސް" މި އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ކ. މާފުށީގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.
ރާއްޖޭގެ އަމިއްލަ ކްލަބެއް ކަމަށްވާ "ސްވިމް މޯލްޑިވްސް" އިން އިންތިޒާމުކުރާ މި އިވެންޓަކީ، މިހާތަނަށް ރާއްޖޭގައި ބާއްވާ އިންޓަނޭޝަނަލް އެންމެ ބޮޑު ކުޅިވަރު ހަރަކާތަށް ވެގެންދާނެ އެވެ.
މި މުބާރާތުގައި ޖުމްލަ 507 އެތުލީޓުން ވާދަކުރާނެ އެވެ. އޭގެ ތެރެއިން ބޭރުގެ 370 އެތުލީޓުން ހިމެނެ އެވެ .
މިއީ 2024 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕަށް ވުރެ ވެސް ބޮޑު ކޮންޓިންޖެންސީއެއް ހިމެނޭ ހަރަކާތެކެވެ. އައްޑޫގެ ކެނެރީފް ރިސޯޓްގައި ބޭއްވި ބޮޑީބިލްޑިން މުބާރާތުގެ ކޮންޓިންޖެންޓުންގެ ގޮތުގައި ބައިވެރިވީ 500 އެއްހާ މީހުންނެވެ.
އޯޝަންމޭން އިވެންޓުގެ ކޮންޓިންޖެންޓްގެ ޖުމުލަ އަދަދު 570 އަށް ވުރެ މަތިވާނެ އެވެ. މި ބޮޑު ހަރަކާތަށް އެތުލީޓުންނާއި، އެމީހުންގެ އާއިލާތަކުގެ އިތުރުން ގާތް މީހުންނާ އެކު 1,300 އަށް ވުރެ ގިނަ މީހުން މާފުށްޓަށް ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރެވެ އެވެ.
މިއީ ރާއްޖޭގެ ޓޫރިޒަމް އާއި ކުޅިވަރު ފަތުރުވެރިކަމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.
މި ހަރަކާތުގެގެ ސްޕޮންސަރުންނަކީ މޯއެމްއައިބީ އާއި ސޮލިޑް ޕްރޯ ސޮލިއުޝަންސް އެވެ. ހައިޑްރޭޝަން ޕާޓްނަރަކީ ބޮންއަކުއާ އެވެ. ރިސްކް ޕާޓްނަރަކަށް އެލައިޑް އިންޝުއަރަންސެވެ. އޮފިޝަލް ހޮޓެލް ޕާޓްނަރުންނަކީ އެރީނާ ހޮޓެލް އަދި ކާނި ހޮޓެލް އެވެ. ޓްރާންސްޕޯޓް ޕާޓްނަރަކީ އައިކޮމް ޓުއާސް މާފުށި އެވެ. އަދި ޑިޖިޓަލް ޕާޓްނަރަކީ ދިރާގު އެވެ. މީޑިއާ ޕާޓްނަރަކީ މިހާރު އެވެ.
ވިޒިޓް މޯލްޑިވްސްއިން ވަނީ މި މުބާރާތް އެންޑޯޒް ކޮށްފަ އެވެ.
މުބާރާތުގައި ހިމެނޭ ކެޓަގަރީތައް
- 10 ކިލޯމީޓަރު
- 5 ކިލޯމީޓަރު
- 2 ކިލޯމީޓަރު
- 2 ކިލޯމީޓަރު ފިންސް
- އޯޝަންކިޑްސް
- އޯޝަންޓީމްސް