ހދ. ކުޅުދުއްފުށީގައި މިދިޔަ މަހު މީހަކު ރަހީނުކޮށް، އެ މީހާ އަށް ބިރުދައްކައި މާރާމާރީ ހިންގި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހެއްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހުން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ފޮނުވައިފި އެވެ.

މޫނު ނިވާކޮށްގެން ތިބި ބަޔަކު އުމުރުން 29 އަހަރު ޒުވާނަކަށް އަނިޔާކުރީ ކާރަކަށް އަރުވައިގެން، އެ ރަށުގައި މީހުން ދިރިއުޅޭ ހިސާބާ ދުރު ތަނަކަށް ގެންގޮސްގެންނެވެ. އެ އަނިޔާގައި ލިބުނު ޒަހަމްތަކާ އެކު ހާލު ބޮޑުވެގެން، އޭނާ މާލެ ގެނެސްގެން ވެސް ވަނީ ފަރުވާ ދީފަ އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ މި މައްސަލައިގައި ތުހުމަތުވާ ދެ މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

މި މައްސަލާގައި ތުހުމަތު ކުރަނީ ހދ. ކުޅުދުއްފުށި، މާތުނޑި، މުއާޒް އަލީ އާއި އެ ރަށު، ސެޓްލައިޓް، މުހައްމަދު އާދަމަށެވެ.

މި ދެމީހުންގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވެ އެވެ. އެއީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާ އެވެ. މި މައްސަލާގައި ތުުހުމަތު ކުރެވޭ އިތުރު ހަތަރު މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކޮށް، ކުށް ސާބިތުކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ، އެ ހަތަރު މީހުންގެ ބައި ފުލުހުންނަށް އަނބުރާ ފޮނުވާލަން ނިންމާފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

އަނިޔާ ލިބުނު ޒުވާނާގެ ބޮލުގައި ދަގަނޑަކުން ޖެހުމުގެ ސަބަބުން ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑި އަށް ލޭ އެޅިފައިވާއިރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އޭނާ އަށް މިހާރު ފަރުވާ ދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ.