ތަފާތު "ތަކެތި" ދިވެހިންނާ ގުޅޭ ގޮތަށް

"ތަކެތި" އަކީ ފަހުގެ ދިވެހި ބްރޭންޑެކެވެ. ތަފާތު ގޮތަކަށް ތަކެތި އުފައްދާ ބްރޭންޑެކެވެ. ތާނަ އަކުރު އަދި ނަންބަރު ފޮތް، ޕްރިންޓު ޖަހާފައިވާ ދަބަސް އަދި އެކި ސައިޒުގެ ނޯޓު ފޮތަކީ "ތަކެތި"ގެ މަގުބޫލު ބައެއް އުފެއްދުންތަކެވެ.


މިއީ ހަމަ އެންމެ ފަންނުވެރިއެއްގެ އިޖާދެވެ. މެލޭޝިއާގެ ކުއަލަ ލަމްޕޫރުގެ ރެފްލްސް ކޮލެޖުން ވިޝުއަލް ކޮމިއުނިކޭޝަން ކިޔަވައިގެން ހުރި ފްރީލޭންސް ކުރެހުންތެރިއެއް އަދި ގްރެފިކް ޑިޒައިނަރެއް ކަމަށްވާ އަމިނަތު ޝަރީހާން އިބްރާހިމްގެ މި މަސައްކަތް ވަރަށް ފުރިހަމަ އެވެ.

ކުޑަކުދިންގެ ފޮތް ކުރެހުމުގެ އިތުރުން ޓެލެގްރާމް އެޕްލިކޭޝަނަށް ސްޓިކާ ތައްޔާރު ކުރުން ފަދަ ތަފާތު މަސައްކަތްތައް އޭނާ ކުރެ އެވެ. އޭނާ އުފެއްދުންތަކުގައި ކުރެހުމާއި ފެހުން އެކުލެވެ އެވެ. މި މަސައްކަތް "ތަކެތި"ގެ ނަމުގައި ބްރޭންޑްކޮށް 2016 ގައި ވިޔަފާރި ފެށި ފަހުން ޝަރީހާންގެ އުފެއްދުންތައް އަންނަނީ މަގުބޫލުވަމުންނެވެ.

"ތަކެތި" ފަށަން ވިސްނީ ކިހިނެއް؟

ދިވެހި ވާހަކަ އަދި އެކި ވައްތަރުގެ ހަރުބަހަށް އަބަދުވެސް ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުރޭ. އަދި އަޅުގަނޑުގެ ކޮއްކޮމެންނަށް މި ފަދަ ވާހަކަތަކާއި ދިވެހި ބަހާއި ގުޅޭ ކަންތައްތައް ނޭނގޭތީވެ އަޅުގަނޑު ވަރަށް ކަންބޮޑުވޭ. އަޅުގަނޑު ކޮލެޖުގެ ގްރެޖުއޭޝަން ޕްރޮޖެކްޓަށް ރާއްޖޭގެ ދެކުނު އަތޮޅު ތަކުގައި ކިޔާ އުޅޭ އިހުގެ ވާހަކައަކަށް ބިނާކޮށްގެން ކުޑަކުދިންގެ ވާހަކަ ފޮތެއް ތައްޔާރު ކުރިން. އިހުގެ ދިވެހި ވާހަކަތައް ކުޑަކުދިން ގަޔާވާނެ ކަހަލަ ގޮތަކަށް އާލާކުރެވޭނެކަން އަޅުގަނޑަށް އެނގުނު.

ޝަރީހާންގެ އުފެއްދުން ތަކުގެ ތެރޭގައި އަތްދަބަސް ވެސް ހިމެނޭ. އޭގެ ޑިޒައިނާ މެދު ވިސްނައި ހިޔާލު ހޯދީ ކިހިނެއް؟

އައު އަދި ރީތި އެއްޗެހި އުފައްދާ ހިތްވޭ. އާއްމުކޮށް ޓައިޕޯގްރަފީ އަދި ޕޮޕިއުލާ ކަލްޗާ ބޭނުންކޮށްގެން ރީތި އެއްޗެހި އުފައްދަނީ ބޭރު ގައުމުތަކުން. އެކަމަކު ރާއްޖޭގައި ވެސް ހަމަ އެހާމެ މަޖާ އަދި ރީތި ބަސްތަކާއި ކިޔާ އުޅޭ ހަރުބަސް އެބަހުރި. މިފަދަ ބަސްތައް ތަފާތު އައު ގޮތްގޮތަށް ބޭނުން ކުރެވޭނެކަން އަޅުގަނޑު ގަބޫލުކުރަން.

ޝަރީހާން ތައްޔާރު ކުރި ތާނަ ސޮފްޓް ބްލޮކްސް. މިއީ ރާއްޖެއަށް މުޅިން އައު ދިވެހިވަންތަ އުފެއްދުމެއް
އުފެއްދުންތަކުގައި ބޭނުންކޮށްފައި ހުންނަ ޕްރިންޓްތައް އެ ސްޓައިލަށް ކުރަހައި ޕްރިންޓުކުރަން ވިސްނީ ކިހިނެއް؟ އޭގެ ތަފާތު ކަމަކީ ކޮބާ؟

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ ސްޓައިލް ޗޫޒް ކުރީ އަޅުގަނޑު. ސިމްޕަލް ޝޭޕްސް އާއި ގަދަ ކުލަތަކަކީ އަޅުގަނޑު ކުރަހާއިއިރު އެންމެ ގިނައިން ބޭނުންކުރާ ވައްޓަފާޅި. އަދި މިއީ ކުޑަކުދިންނަށް ތައްޔާރުކުރާ ޕްރޮޑަކްޓްތަކުގައި ގެންގުޅެން އެންމެ އެކަށިގެންވާ ގޮތް. ކުޑަކުދިންގެ އެޑިއުކޭޝަނަލް މެޓީރިއަލް ބަހައްޓަންވާނީ ސިމްޕަލްކޮށް އަދި ކުލަ ގަދަކޮށް ކަމަށް ދެކެނީ.

ރާއްޖޭއިން ލިބެން ހުންނަ އުފެއްދުންތަކަށްވުރެ ތަފާތު ވައްތަރުތަކެއް ތައްޔާރު ކުރެވޭތޯ އަބަދުވެސް މަސައްކަތް ކުރަން. މިސާލަކަށް ތާނަ ބްލޮކްސް ނުވަތަ ބޯޑް ފޮތް ބޭރު ފޮތްތަކުގައި ހުންނަ ފެންވަރަށް ކުރަހައި ތައްޔާރު ކުރެވޭތޯ މަސައްކަތް ކުރަން. ދިވެހިރާއްޖެ އާއި ދިވެހި ބަހާ ގުޅޭ ފޮތްތަކަކީ ވެސް ރީތިކޮށް ކޮލިޓީކޮށް ތައްޔާރުކުރެވޭނެ އުފެއްދުންތަކެއް ކަމަށް ގަބޫލުކުރަން.

ޝަރީހާން ފަރުމާކޮށް، ކުރަހައި އަދި ފަހާފައިވާ ކުދި ދަބަސްތަކެއް
ޝަރީހާންގެ އުފެއްދުންތައް ވިއްކަނީ ހަމައެކަނި ރާއްޖޭގަތަ؟

މިވަގުތު ތަކެތިގެ އުފެއްދުންތައް ވިއްކަނީ ހަމައެކަނި ރާއްޖޭގައި. ކައިރި މުސްތަގުބަލެއްގައި ނުކުންނާނެ ފޮތްތައް އިނގިރޭސި ބަހަށް ޓްރާންސްލޭޓު ކޮށްގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކިޔުންތެރިންނާ އެކު ހިއްސާކުރަން ބޭނުން. އެކަމަކު މިވަގުތު އަޅުގަނޑުގެ ފޯކަސް އަކީ ރާއްޖޭގައި އަޅުގަނޑުގެ ޕްރޮޑަކްޓްތައް ވިއްކުން، އެއީ ރާއްޖޭގެ މިދާއިރާއަށް ހިދުމަތްތަކެއް ކޮށްދޭން ބޭނުންވާތީ

ޝަރީހާން ފަރުމާކޮށް އަތުން ފަހާފައިވާ އަތްދަބަސްތަކެއް
ދިވެހިންގެ ފަރާތުން ތަރުހީބު ލިބޭތަ؟

ވަރަށް ރަނގަޅު. ވަރަށް ހިތްވަރު ލިބޭ. އަދި ޕްރޮޑަކްޓްތަކަށް ރަނގަޅު ފީޑްބެކް ވެސް ލިބޭ.

"ތާނަ ސޮފްޓް ބްލޮކް" އަކީ މީގެ ކުރިން ދިވެއްސަކު އުފައްދާފައި ނުވާ އެއްޗެއް. މިއީ ވަރަށް ތަފާތު ޕްރޮޑަކްޓެއް؟

ވަރަށް ކުރީއްސުރެން މި ކަހަލަ ޕްރޮޑަކްޓެއް އުފައްދަން ވިސްނިން. އެކަމަކު އާއްމުން މި ޕްރޮޑަކްޓް ބަލައިގަންނާނެ ގޮތާ މެދު ޝައްކުވި. ދެން މޯލްޑިވްސް ފެސްޓިވަލް އޮފް އާޓްސްގައި ބައިވެރިވާން ވެގެން ތާނަ ބްލޮކްތައް ތައްޔާރުކުރިން. އަދި ވަރަށް ގިނަ މީހުންނަށް ކަމުދިޔަ. މިވަގުތު ތާނަ ބްލޮކްސް ލިބެން ހުންނަނީ ލިމިޓެޑް ކަލެކްޝަނެއްގެ ގޮތުގައި. މިއަހަރު އޭޕްރިލް ނޫނީ ޖޫން މަހު ފެކްޓަރީއަކުން މި ބްލޮކްތައް ތައްޔާރުކުރާނަން. އެއީ އަގު ބޮޑު ލަގްޒަރީ އައިޓަމެއްގެ ގޮތުގައި ހުންނަ ޕްރޮޑަކްޓަކަށްވުރެން، ކޮންމެ މީހަކަށް ވެސް ގަނެވޭނެ އަގެއްގައި ބަހައްޓަން ބޭނުންވާތީ.

ވިޔަފާރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ އުނދަގޫ ކަމެއްތަ؟

ފުދޭވަރަކަށް އުނދަގޫ އެއީ އަޅުގަނޑު މިއީ މި ވިޔަފާރީގެ ސޯލްް އެންޓްރަޕްރެނިއާ. އަދި ބޭރު ގައުމެއްގައި އުޅެމުން އަމިއްލައަށް ފަންޑްކޮށްގެން މިކަން ކުރަނީ. އަޅުގަނޑުގެ ފިރިމީހާ އަދި ރަހުމަތްތެރިންނާ ނުލައި މިކަން މެނޭޖެއް ނުކުރެވޭނެ.

އަޅުގަނޑު ބުނާނީ އެކި ވައްތަރުގެ ލީގެލިޓީޒް. އެއީ ވިޔަފާރިއެއް ފަށާ ނަމަ އެކި ވައްތަރުގެ ފޯމްތައް އަދި ގަވައިދުން ފުރިހަމަ ކުރަންޖެހޭ ގިނަ ކަންތައްތައް އޮވޭ. އަދި ވިޔަފާރީގެ ބެކްގްރައުންޑެއް ނެތި މިކަން ކުރަން ފުދޭވަރަކަށް އުނދަގޫ. އަދި އަޅުގަނޑުގެ ރަހުމަތްތެރީން މިކަމުގައި ވަރަށް ބޮޑަށް އެހީވެދިން. ޓްރޭޑް މިނިސްޓްރީގައި އައު ވިޔަފާރިތައް ފަށަން އުޅޭ ފަރާތްތަކަށް އެހީވެދޭނެ ސަޕޯޓް ސްޓާފެއް ހުންނަ ނަމަ ވަރަށް ރަނގަޅުވާނެ.

މި ރޮނގުން ކުރިއަށްދާން ބޭނުންވާ މީހަކަށް ދޭނީ ކޮންކަހަލަ ނަސޭހަތެއް؟

ނަސޭހަތަށްވުރެ އަޅުގަނޑު ބުނާނީ ރާއްޖޭގެ ބަހާއި ސަގާފަތް ދައްކުވާދޭ އެކި ވައްތަރުގެ ރީތި ޕްރޮޑަކްޓް އުފައްދާށޭ. މިކަހަލަ ފޮތް އަދި ޕްރޮޑަކްޓް އުފައްދާ އަދި އުފައްދަން ބޭނުންވާ މީހުންނާ ދިމާވޭ ވަރަށް ގިނައިން. އެންމެންވެސް ވަރަށް އެހީތެރިވެގެން، ގުޅިގެން މަސައްކަތް ކުރަނީ. ކޮމްޕެޓިޝަނަކަށް ވުރެން. އެއްބައިވަންތަކަން މާބޮޑު ކަމަށް ފާހަގަ ކުރެވޭ. ވީމާ މި ރޮނގުން ކުރިއަށްދާން ބޭނުންވާ ކުދިންނަށް އަޅުގަނޑުގެ ސަޕޯޓާއި އެހީ ލިބޭނެ.

ކައިރި މުސްތަގުބަލުގައި ޝަރީހާންގެ އައު އުފެއްދުމެއް ނުވަތަ ތަފާތު މަސައްކަތެއް ފެންނާނެބާ؟

ދެން އެންމެ އަވަހަށް ފެންނާނީ ތާނަ ސޮފްޓް ބްލޮކްސް. އިންޝާﷲ އެއަށްފަހު "ވައިޕަބްލް ތާނަ ލެޓަރިން" ފޮތެއް، އޮޕޮސިޓްސް އަދި އަލިފު ބާ ފޮތެއް ވެސް ނެރެން އުއްމީދު ކުރަން.

މި ހަފުތާގައި ނިމުނު "މޯލްޑިވްސް ފެސްޓިވަލް އޮފް ދި އާޓްސް" ގައި ވެސް ޝަރީހާން ބައިވެރިވެ އޭނާގެ އުފެއްދުންތައް ދައްކާލި އެވެ. ޝަރީހާންގެ ސްޓޯލަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.