ލައިފްސްޓައިލް / މީހުން

ޕީސީއޯއެސްއާ ހެދި ފިޓްނެސްގައި މައު ކުރީ "ހަނގުރާމައެއް"

މައު. ފިޓްނެސް ޓްރެއިނާއަކަށް އުޅުނަސް ޕީސީއޯއެސްގެ ސަބަބުން ބަރުދަން ދަށްކުރަން ވަރަށް އުނދަގޫވި ކަމަށް ބުނި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޕީސީއޯއެސް ހުރެއޭ ބުނުމުން ގިނަ މީހުންގެ ދުލު ކުރީގެ ބަހަކީ ކަސްރަތުކުރާށެވެ. އޭރުން ބަރުދަން ލުއިވެ، މީހާގެ ހާލަތަށް ކުރިއެރުމެއް އައިސް، އާއްމު ދިރިއުޅުމަށް އެތައް ގޮތަކުން ފަސޭހަވެދާނެ އެވެ. އެކަމަކު، މައުޒާ މުހައިމިން ނުވަތަ އާއްމު ނަމުން ނަމަ މައުއާ ދިމާލަށް މީހަކަށް އެހެން ނުބުނެވޭނެ އެވެ.

ފިޓްނެސް ޓްރެއިނިން ހަދައިގެން، އެހެން މީހުން ފިޓް ކޮށްދޭން އުޅުނަސް 28 އަހަރުގެ ޒުވާނާއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ބަރުދަން ލުއި ނުވުމެވެ. ޓްރެއިނާ ފިޓް ނޫނީ ކީއްވެ؟ މިފަދަ ސުވާލުތަކާ އެކު މީހުންގެ މަލާމާތާ ކުރިމަތިލާން ޖެހުނު ދުވަސްތައް މަދެއް ނޫނެވެ.

މައު ބުނިގޮތުގައި މީގެ 10 އަހަރު ކުރިން ޕީސީއޯއެސްއަށް ޑައިގްނޯޒް ކުރެވުނުއިރު ވެސް އޭނާ އުޅުނީ ވަރަށް ހަރަކާތްތެރި ދިރިއުޅުމެކެވެ. އެކަމަކު، ޑޮކްޓަރަށް ދެއްކުމުން ބަރުދަން ލުއިކުރަން އެންގި އެވެ. އޭރު ހުރީ 50 ކިލޯގަ އެވެ. ނަމަވެސް، އެ ހާލަތާ ގުޅޭގޮތުން ޑޮކްޓަރުން އޭރު ރަނގަޅަށް ކިޔައިނުދިނުމުން ކުރިއަށްދާންވީ މަގެއް އޭނާއަކަށް ސާފެއް ނުވި އެވެ.

"އޭރުއްސުރެ ބަރުދަން އިތުރުވަމުން ދިޔައީ. މައުއަކީ އަބަދު ވެސް ބަރުދަން އިތުރުވީމަ ވަރަށް ވޮރީވާ މީހެއް. އަބަދު ވެސް ފަލަވެގެން އުޅެނީ. އޭރު ވެސް ފަލަވެގެން އުޅުނީ. މިހާރު ވިސްނާލީމަ އެނގޭ އަސްލު އޭރު ހިކިކަން. ޓްރެއިނާ އަކަށް ވީ އޭގެ ފަހުން،" މައު ބުންޏެވެ.

"އަބަދުވެސް ވަރަށް އެކްޓިވްކޮށް އުޅޭނީ. ކުރިން ސްކޫލުގައި ވެސް ސްޕޯޓްސް ހުރިހާ އެކްޓިވިޓީއެއްގައި ބައިވެރިވަން. ކެއުން ވެސް، އެހާ ގިނައިން ކާ މީހެއް ނޫން. ގިނަ ފަހަރަށް ލަންޗު އަދި ޑިނާ، ބްރޭކްފާސްޓް ވެސް ލައިޓުކޮށް ގިނަ ފަހަރަށް ނަގަނީ...ހެލްތަށް އަބަދު ވެސް ބަލަން. އަށާރަ އަހަރުގައި އެގޮތަށް ޑައިގްނޯޒްވީމަ ވެސް ވަރަށް ބޮޑަށް ކަންބޮޑުވި. އެއީ ޑޮކްޓަރުން އެކަމަށް އެއްވެސް ސޮލިއުޝަނެއް ނުދިން،"

އެ ކަންބޮޑުވުންތައް ދުއްވާލަން 2018 ހިސާބުގައި މައު ދާން ފެށީ ބޫޓް ކޭމްޕަކަށެވެ. ފިޓްނެސްގެ ދުނިޔެއަށް ލޯ ހުޅުވުނީ އެ ހިސާބުންނެވެ.

"އަސްލު މޯޓިވޭޓްވީ ބޮޑަށް ފީލްޑުގައި އުޅެންޏާ ވެސް އެއީ ވެސް މޯޓިވޭޝަން އަމިއްލަ ސެލްފު ޕުޝްކުރަން. އެ ކަހަލަ ގޮތަކަށް ކެރިއާ ސްޓާޓްކުރީ،" އޭނާ ބުންޏެވެ.

މައު، ވޯކްއައުޓުގައި.-- ފޮޓޯ: ފަޔާުޒު މޫސާ/ މިހާރު

ފިޓްނެސްގެ ތެރޭގައި އަބަދު ހެލިފެލިވެ އަދި މައުގެ އެހީގައި އެތައް ބަޔަކު ހިއްކާލިއަސް، އޭނާގެ ބަރުދަނަށް އެއްވެސް ހިލަމެއް ނުވި އެވެ. ވެއިޓް ޓްރެއިނިން ހަދަން ފެށުމާއެކު ގައިގައި މަސް ޖަހައި، އިތުރަށް ބަރުދަން އިތުރުވަމުން ދިޔަ އެވެ. އެއީ، މައުއަށް ގަބޫލުކުރަން އުނދަގޫވި ހަގީގަތެކެވެ.

ކޮވިޑަކީ ޕީސީއޯއެސް އިތުރަށް ގޯސްވާން މެދުވެރިވި އެއް ސަބަބެވެ. ގަވައިދުން ކަސްރަތުކޮށްފައި ކުއްލިއަކަށް ޖިމަށް ދިއުން ހުއްޓާލުމުން ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދަން ޖެހުނު ކަމަށް މައު ބުންޏެވެ. ނަމަވެސް، އޭރު ދިން ބޭސްތަކުގެ ސައިޑް އިފެކްޓު ބޮޑުވެ، އެ ވޭން ތަހައްމަލުކުރަން އުނދަގޫވާ ހިސާބަށް ދިޔަ އެވެ.

"...ބޭސް ނަގަން ފެށިއަސް އެއްވެސް ކަމެއް ފާހަގަނުކުރެވޭ. އަނެއްކޮޅުން ސިއްހަތު ވެސް ގޯސްވަމުން ދިޔައީ. އެއްވެސް ކަމެއް ނުކުރެވޭ. ގިނަ ފަހަރަށް ވޯކްއައުޓް ވެސް ނުކުރެވޭ. އެގޮތަށް ހަމަ ދިޔައީ. ވޯކްއައުޓް ވެސް ދޭތެރެއަކުން ކޮށްލާ، ވަރަށް ސްކިޕް ކުރެވި، މޫޑް ސްވިންގްސް ވެސް ވަރަށް އާދޭ. އެއްބައި ފަހަރު ވަރަށް އެނާޖީއެއް ވެސް ނުހުރޭ. މި ފީލްގައި އުޅެމުން ޖޮބަށް ގޮސްފައި އެއްބައި ފަހަރު ކްލައިންޓުންނަށް ޕީޓީ ނަގައިދީ، ކްލާސް ނަގައިދީފައި ވެސް އެނާޖީ ނުހުރޭ ވަރަށް އަމިއްލައަށް ކަމެއް ކޮށްލާނެ. ވަރަށް ފެޓީގްވެ، އެގޮތަށް ވަރަށް ބައިވަރު ކަންތައް ވާން ފެށީ،" އޭނާ ބުންޏެވެ.

ކޮވިޑުގެ ލުއިތަކާއެކު ޖިމްތައް ހުޅުވައި، ކަސްރަތުކުރަން ފެށުމުން ހަށިގަނޑުން އަނެއްކާ ވެސް ބަދަލުތައް ފެންނަން ފަށައިފި އެވެ. އެކަމަކު، ބަރުދަނުން އެކަމެއް ނުފެނެ އެވެ. އެހެން ހުއްޓައި، މިދިޔަ އަހަރު ކުއްލިއަކަށް، ދުވަހަކު ވެސް އިތުރުނުވާ ވަރަށް ބަރުދަން މަތިވި އެވެ. އޭގެ އަނެއް ކޮޅުން އޭނާ ދިޔައީ އެ އަދަދު ތިރިކުރަން ކުރެވެން އޮތް ކަމެއް ކުރަމުންނެވެ.

އަބަދު ވެސް ޕްރޮޓީނާއި ހެލްތީ ފެޓާއެެކު ބެލެންސް އަދި ފައިދާ ހުރި ކެއުންތައް ކެއަސް މިދިޔަ އަހަރުގެ އެންމެ ޕީކުގައި 85 އަށް އެރުމަކީ، މައު ބުނިގޮތުގައި، އޭނާއަށް ގަބޫލުކުރަން ދަތިވި ހަގީގަތެއް ކަމަށެވެ. ހަމަ އޭރު މެލޭޝިޔާއަށް ގޮސް ޑޮކްޓަރަށް ދެއްކުމުން ޕީސީއޯއެސްގެ ވާހަކަތައް ތަފްސީލުކޮށް ފުރަތަމަ ފަހަރަށް ކިޔައިދިނެވެ.

އެ ފަހަރު ލޭގެ ހުރިހާ ޓެސްޓެއް ހަދައި، ބަރުދަން ދަށް ނުވާ ސަބަބު ހޯދި އެވެ. މައު ބުނީ، އޭނާގެ މައްސަލައަކީ އިންސިއުލިން ރެސިސްޓެންސް ކަން އެ ފަހަރު އެނގުނު ކަމަށެވެ. އޭގެ އިތުރުން ވިޓަމިން ޑީ އަދި ދަގަނޑުގެ މާއްދާތައް ދަށްވުމުން، އެކަންކަން ބޭހާއި ސަޕްލިމެންޓް ނަގަން ފެށި އެވެ.

"ޕީސީއޯއެސް ހުންނަ މީހުން، އެކި މީހުން އެކި ގޮތަށް ސިމްޕްޓަމްސް އަންނަނީ. އަޅުގަނޑަށް ބައެއް ފަހަރު ރޭގަނޑު ގަޑީގައި ނިދަން ވެސް އުނދަގޫވި އެއް ދުވަސްކޮޅެއްގައި ވަރުބަލިވެ، މީހާ ޑްރެއިން ވެފައި ހުންނައިރު ވެސް ހަމަ ނުނިދޭ. އެގޮތަށް ވެފައި ހުންނާތީ ވަރަށް ޓަޔަރިން،"

"އަސްލު ފިޒިކަލީ އިންނަ ޕާޓަކީ އެންމެ ޗެލެންޖިން ޕާޓު. ކޮންމެ ވެސް އެއް ހިސާބަކުން އިހުސާސްކުރެވޭނެ ހެލްޕްލެސްކަން. ކިހިނެއްތޯ ހަދަންވީ، ދިމާވާ އުނދަގޫތަކުން ހައްލެއް ލިބޭތޯ ހުރިހާ ކަމެއް ކޮށްފައި ވެސް، ކޮންސްޓެންޓް ޗޭންޖެއް ނާންނާތީ ވަރަށް ދެރަވެސް ވޭ. ވަރަށް ގިނަ މީހުން ޖަޖު ވެސް ކުރޭ. ޓްރެއިނާއެއް މިހެން ހުންނާތީ އެއްބައި މީހުންނަށް އަންޑަސްޓޭންޑު ނުވާތީ ބައެއް މީހުން ބުނާނެ ކީއްވެހޭ ޓްރެއިނާއަކަށް ހުރެފައި ވެސް ފިޓްނުވަނީ،"

"މައުއަށް ވޯކްއައުޓް ހެދޭނެ ވަރަށް ބަރުކޮށް ވެސް، ހައި އިންޓެންސިޓީގައި ވެސް ދުވަން. ކޮންމެ ކަމެއް ވެސް ކުރެވޭނެ. އެކަމަކު، ބަލާލާފައި އެއްބައި މީހުން ޖަޖުކުރަނީ މައުއަށް ނުވާނެއޭ، ތިމަންނަ ފިޓެއް ނޫނޭ އެ ކަހަލަ އެއްޗެހި ވެސް ވަރަށް އާދޭ. ހީވަނީ ޕީސީއޯއެސް އަށް މީހުން އެވެއާ ނޫންވީމަ ކަންނޭނގެ އެ ކަހަލަ އެއްޗެހި ބުނަނީ،" އޭނާ ކިޔައިދިނެވެ.

މައު ކަސްރަތުކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ބޭހާއި ސަޕްލިމެންޓް ނަގަން ފެށުމުން ރަނގަޅަށް ނިދި، ކޮލެސްޓްރޯލް ދަށްވެ، ވިޓަމިން ހުންނަން ޖެހޭ ރޭންޖަށް ބަދަލުވި އެވެ.

މައު ބުނީ ބަރުދަން އިތުރުވާ ސަބަބު ހޯދުމާއެކު އޭނާ މެޑިޓޭރިއަން ޑައިޓަކަށް ބަދަލުކުރި ކަމަށެވެ. ގްލޫޓެން ފްރީ އަދި ހަކުރު ގެ ބާވަތްތައް މަދުކޮށްލުމުން ބަރުދަނަށް ބަދަލު އަންނަން ފެށި އެވެ.

"ޓްރެއިނިން އަށް އަންނަ ހުރިހާ ކުދިން ކަހަލަ ގޮތަކަށް ޕީސީއޯއެސް ހުރޭ. އެ ކުދިން ޑޮކްޓަރަށް ދެއްކުމުން ވެސް ބަރުދަން ލުއިކުރަން ބުނޭ އެކަމަކު އެއަށް ހައްލެއް ނުލިބޭ. ރޫޓް ކޯސް ބަލާކަށް ވެސް ނޫޅޭ،"

"އައިވުޑް ސަޖެކްޓް އަބަދު ވެސް ފިޒިކަލީ އެކްޓިވްކޮށް އުޅެން. މައުއަށް ވެސް ދިޔަ ދުވަސްކޮޅެއް ކޮންސްޓެންޓް ނުވެ. ފަސޭހައެއް ނޫން އެގޮތަށް ބޮޑީއަށް ޗޭންޖުތައް އައިސްފައި މީހުންގެ ތެރެއަށް ނުކުމެގެން އުޅެން ވެސް، ލަދުވެސް ގަނޭ އެއްބައި ފަހަރު އެއީ މީހުންނަށް އަންޑަސްޓޭންޑު ނުވޭ ހާލަތެއް. ވަރަށް ޖަޖްމެންޓަލް އެއްޗެހި ވެސް އާދޭ، މިކަން ފަސޭހައެއް ނޫން،" އޭނާ ކިޔައިދިނެވެ.

"މައުގެ ބަރުދަން ލުއިވެ، ބަދަލުތައް އަންނަން ފެށީމަ ވަރަށް އުފާވޭ އަދި ވަރަށް މޯޓިވޭޓް ވެސް ވޭ ޗޭންޖުތައް ފެންނާނީ. ކްލައެންޓުން ވެސް އެބަތިބި ޕީސީއޯއެސްގައި ބަރުދަން ލުއިވެފައި،" އަހަރެއްގެ ތެރޭގައި 12 ކިލޯ ދުއްވާލައި، ބަރުދަން 73 ކިލޯއަށް ދަށްލައިގެން ހުރި ޒުވާނާ ބުންޏެވެ.

ޕީސީއޯއެސްގެ ސަބަބުން އަމިއްލަ ދިރިއުޅުމަށް ބިންދާލި ކިތައްމެ ރާޅަކަށް އަރައި މައު ކުރި ހޯދައިފި އެވެ. އޭރު ނުވާނެއޭ ހިތަށް އަރައި ހުއްޓާލިނަމަ، މިހާރު މި ފެންނަ ޒުވާނާއެއް ނުލިބޭ އެވެ. ބަރުދަން ލުއި ނުވެގެން ފިޓްނެސްގައި ކުރަން ޖެހުނު ހަނގުރާމަ އިން ހޯދި ކާމިޔާބީއަކީ މިހާތަނަށް އޭނާގެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

7 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 0%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 77%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދަލޭކަ ދައިތަ

03 October 2025

ވެއިޓް ޓްރެއިނިންގ ހަދާ މީހަކު ހައި ޕްރޮޓިން، ހައި ފެޓް (ގުޑް ފެޓްކަމަށްވިޔަސް) ޑައެޓެއް ކުރާކަމަށް ވަންޏާ ނުހިކޭނެކަމަށް ބުނަނީ. ހިކެންބޭނުންމީހާ ހުރިހާއެއްޗެއް ކާބްސް، ޕްރޮޓިން، ފެޓް ދައްކޮށްލަބަލަ. ނުހިކޭނެ ގޮތެއްނޯންނާނެ. ބޭހުން ފަލަވާވާހަކަ މީހުންކިޔާ. ހަގީގަތަކީ ބޭހުގެ ސަބަބުން އަންނަ ރިއެކްޝަނާ ގުޅިގެން ކަވާތީ ކަނީ އަނެއްބަޔަކު ބަނޑުހައިވުން ކުޑަކުރާތީވެ ކެއުން މަދުވޭ. ދެން ހިކެނީ. ހަމަ އެތެރެކުރާ ވަރާ ހަރަކާތްތެރިކަން.

The name is already taken The name is available. Register?

ފެނޭދޯދޯ

03 October 2025

އަދިވެސް ފަލަ އަންހެނެއްގެ ބަރުދަނުގައި ހުންނަން ޖެހޭނީ 50 ކިލޯގްރާމް އެއަށް ވުރެން ބަރުވެއްޖެނަމަ ބަރުވީއޭ އެކަމަކު އާދަޔާއި ޚިލާފަށް ފަލަ އަންހެނުން މާލޭގައި ތިބޭ ކަން ފާހަގަވޭ އަދި އެމެން ކާވަރުވެސް ގިނަ ކަން ފާހަގަވޭ ހޮޓާ ތަކަށް ވަދެ އެމެން ކާތަން ފެނުމުން ވެސް...

The name is already taken The name is available. Register?

ސެކަންޑް ލޯ އޮފް ތާމަޑައިނަމިކްސް

03 October 2025

އިންސާނާގެ ހަށިގަނޑަކީ އަމިއްލައަށް ހަކަތަ އުފެއްދުމުގެ ބާރު ލިބިފައިވާ އެއްޗެއްނޫން. ސަރުބީއަކީ ހަކަތަ ހަށިގަނޑުގައި ދިގު މުއްދަތަކަށް ރައްކާކުރަން ބޭނުން ކުރާ ވަސީލަތް. އެހެންކަމުން ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ ގިނައިން ނުކަންޏާ ބަރުދަން އިތުރު ވާނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެ. ހެލްތީ ފުޑް ވިޔަސް ބޭނުންވާ ވަރަށް ވުރެ ގިނައިން ކަންޏާ ހަށިގަނޑުން އެބަދަލު ކުރާނީ ސަރުބީއަށް. ޕީކޮސް ހުއްޓަސް ބޭނުންވާވަރަށް ވުރެ ގިނައިން ނުކައި ފަލައެއް ނުވާނެ

The name is already taken The name is available. Register?

މީރާ

03 October 2025

މުޅިއަކުން ރަނގަޅު ވާހަކައެއް ނޫން. ޕީސީއޯއެސް އަކީ ޖޯކެއް ނޫން. ކެލޮރީ ޑެފިސިޓް އަކުން އެކަނި ޕީސީއޯއެސް މެނޭޖެއް ނުކުރެވޭނެ!

The name is already taken The name is available. Register?

ފަތާތީނާއްތަ

03 October 2025

މަށަށް "ލައިޓް" މީލް "ލައިޓް" ކަމަށް ނުވެދާނެ އެހެން މީހަކަށް

The name is already taken The name is available. Register?

ނާނާ

03 October 2025

މަގޭ ކޯޗު ގެ އެހުންނަ ސިނގު ބަނޑަކީ ފިރިހެނެއްވީމާ ގައިމު ޕީސީއޯއެސްއެއް ނޫން. ނުލާހިކު އެކްޓިވް. އެބަނޑު ތިރިނުވެގެން އޭނަ ނުލާހިކު ދެރަވޭ، ކޯޗެއްވީމަ.

The name is already taken The name is available. Register?

ނީނާ 2

05 October 2025

ޕީސީއޯއެސް ނުހުއްޓަސް އިންސިއުލިން ރެސިސްޓެންސް ހުރެދާނެ! މީގައި މިވާގޮތަކީ މީހާގެ ބޮޑީ އިންނާނީ ފެޓް ސްޓޯކުރާ މޯޑުގައި، މަދުން ކެޔަސް އަދި ކަސްރަތު ކުރިޔަސް، ބޮޑީ ފެޓްބަރނިން މޯޑަކަށް ނުދޭ. އެހެންވީމަ އަދި މަދުން ކެޔަސް ނުހިކޭނެ ހާއްސަކޮށް ބަނޑާ ދިމާލުގައި ފެޓް އިތުރުވޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454