ފިހާރަތަކުން ގަންނަން ލިބޭ ގިނަ ކާބޯތަކެތީގައި ބެކްޓީރިއާ އާއި ފަންގަސް އުފެދުނު ނުދިނުމަށް އާންމުކޮށް ބޭނުންކޮށްފައި ހުންނަ ޕްރިޒަވޭޓިވްސްގެ ސަބަބުން، ލޭމައްޗަށް ދިއުމުގެ ނުރައްކާ 29 ޕަސެންޓް އިތުރުވާ ކަމަށާއި ހާޓް އެޓޭކް ޖެހުމާއި ސްޓްރޯކް ޖެހުމުގެ ނުރައްކާ 16 ޕަސެންޓަށް އިތުރުވާ ކަމަށް ފްރާންސްގައި ހެދި ދިރާސާއަކުން ދައްކައިފި އެވެ.
މީގެ އިތުރުން، ކާބޯތަކެތީގެ ކުލަ ބަދަލުވިޔަނުދީ ހިފެހެއްޓުމަށް ބޭނުންކުރާ ނެޗުރަލް އެންޓިއޮކްސިޑަންޓް ޕްރިޒަވެޓިވްސް — އޭގެ ތެރޭގައި ސިޓްރިކް އެސިޑް އަދި އެސްކޯބިކް އެސިޑް (އާންމުކޮށް ކިޔާ ގޮތުން ނަމަ ވިޓަމިން ސީ) — އެކުލެވޭ ކާނާ ގިނައިން ކާ މީހުންނަށް، ލޭމައްޗަށް ދިއުމުގެ ނުރައްކާ 22 ޕަސެންޓް އިތުރުވާކަން މި ދިރާސާއިން ވަނީ ހާމަވެފަ އެވެ.
ސިޓްރިކް އެސިޑް އަދި އެސްކޯބިކް އެސިޑް ފަދަ އެންޓިއޮކްސިޑަންޓްތަކަކީ މޭވާ ފަދަ ތަކެތިން ގުދުރަތީ ގޮތުން ފެންނަ މާއްދާތަކެއް ނަމަވެސް، ކާބޯތަކެތީގެ މުއްދަތު އިތުރުކުރަން (ޕްރިޒަވެޓިވްސްގެ ގޮތުގައި) ބޭނުންކުރާއިރު އެއީ "މުޅިން ގުދުރަތީ" އެއްޗެހި ނޫން ކަމަށް، މި ދިރާސާގައި އިސްކޮށް ހުންނެވި މަޓިލްޑޭ ޓުވިއޭ ވިދާޅުވި އެވެ.
"ގުދުރަތީ ގޮތުން އުފެދޭ އެސްކޯބިކް އެސިޑާއި، ކެމިކަލް ބޭނުންކޮށްގެން ފެކްޓްރީތަކުގައި އުފައްދާފައިވާ (އިތުރަށް އަޅާ) އެސްކޯބިކް އެސިޑުން ސިއްހަތަށް ކުރާ އަސަރު ތަފާތުވުން އެކަށީގެންވޭ،" ފްރާންސްގެ ޕެރިހުގައި ހުންނަ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތު އެންޑް މެޑިކަލް ރިސާޗްގެ ޑައިރެކްޓަ އޮފް ރިސާޗްގެ މަގާމު ވެސް އަދާކުރައްވާ ޓުވިއޭ ވިދާޅުވި އެވެ.
"އެހެންކަމުން، ކާބޯތަކެތީގެ ރަހަޔާއި މުއްދަތު ހިފެހެއްޓުމަށް އިތުރުކުރާ މިފަދަ މާއްދާތަކުން (އެޑިޓިވްސް އިން) މި ދިރާސާއަށް ފާހަގަކުރެވުނު ނަތީޖާތަކަކީ، މޭވާ އާއި ތަރުކާރީން ގުދުރަތީ ގޮތުން ފެންނަ މާއްދާތަކަށް ހިނގާނެ ނަތީޖާތަކެއް ނޫން،" އޭނާ ވިދާޅުވި އެވެ.
މި ދިރާސާގެ ސަބަބުން، "އަލްޓްރާ-ޕްރޮސެސްޑް" ކާބޯތަކެތި (ޔޫޕީއެފް) ނުވަތަ ސިނާއީ ގޮތުން ވަރަށް ބޮޑަށް ބަދަލުކޮށްފައިވާ ކާނާގައި ހިމެނޭ ތަފާތު އެޑިޓިވްސްގެ ސަބަބުން، ހިތުގެ ބަލިތަކަށް މަގުފަހިވާ ގޮތް އިތުރަށް ސާފުވި އެވެ.
މިއީ ޔޫރަޕިއަން ސޮސައިޓީ އޮފް ކާޑިއޮލޮޖީގެ އެންމެ ފަހުގެ ނިންމުމަށް ބާރުލިބޭ ހޯދުމެއް ކަމަށް ވެސް ބުނެފައިވެ އެވެ. އެ ނިންމުމުގައި ޔޫޕީއެފް އަކީ މުޅި ދުނިޔޭގެ އާންމު ސިއްހަތަށް އޮތް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.
އަލްޓްރާ-ޕްރޮސެސްޑް ކާބޯތަކެތީގެ ސަބަބުން ހިތުގެ ބަލިތަކުގައި މަރުވުމުގެ ނުރައްކާ ގާތްގަނޑަކަށް 50 ޕަސެންޓް އިތުރުވާކަން ހާމަވެފައިވެ އެވެ. އަދި މީގެ އިތުރުން، ފަލަވުމުގެ ފުރުސަތު 55 ޕަސެންޓް، ނިދުމުގެ މައްސަލަތައް ދިމާވުމުގެ ފުރުސަތު 41 ޕަސެންޓް، އަދި ޓައިޕް 2 ހަކުރުބަލި ޖެހުމުގެ ފުރުސަތު 40 ޕަސެންޓަށް މަތިވެ އެވެ. ފަލަވުމާއި، ހަކުރުބައްޔާއި ނިދި ހަމައަށް ނުލިބުމަކީ ހިތުގެ ދުޅަހެޔޮކަން ގެއްލުމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަންކަމެވެ.
މި ނަތީޖާތަކުން، ޓުވިއޭ އަދި އޭނާގެ ޓީމުން ހަދާފައިވާ އެހެން ދެ ދިރާސާއެއްގެ ހޯދުންތަކަށް ބާރުލިބެ އެވެ. އެ ދިރާސާތަކުން ވެސް ވަނީ ޕްރިޒަވެޓިވްސް ބޭނުންކުރުމާއި، ކެންސަރާއި ޓައިޕް 2 ހަކުރުބަލި ޖެހުމުގެ ނުރައްކާ ބޮޑުވުމާ ދެމެދު މިފަދަ ގުޅުންތަކެއް ހުރިކަން ހާމަވެފަ އެވެ.
ހަ ޕްރިޒަވެޓިވްސްއެއް ކަމަށްވާ—ސޯޑިއަމް ނައިޓްރައިޓް، ޕޮޓޭސިއަމް ނައިޓްރޭޓް، ސޯބޭޓްސް، ޕޮޓޭސިއަމް މެޓަބައިސަލްފައިޓް، އެސިޓޭޓްސް އަދި އެސިޓިކް އެސިޑް—ބޭނުންކުރުމުން ޕްރޮސްޓޭޓް ކެންސަރާއި، އުރަމަތީގެ ކެންސަރު އަދި އެހެނިހެން ހުރިހާ ބާވަތެއްގެ ކެންސަރު ޖެހުމުގެ ނުރައްކާ 32 ޕަސެންޓާ ހަމައަށް މަތިވާކަން ވަނީ ފާހަގަކުރެވިފަ އެވެ. އަދި މީގެ ތެރެއިން އެންމެ މާއްދާއެއް ފިޔަވައި އެހެން ހުރިހާ ޕްރިޒަވެޓިވްސްއެއްގެ ސަބަބުން، ޓައިޕް 2 ހަކުރުބަލި ޖެހުމުގެ ފުރުސަތު 49 ޕަސެންޓަށް އިތުރުވެގެންދެ އެވެ.
މި އާ ދިރާސާގެ ހޯދުންތަކަކީ ހަމައެކަނި އޮބްޒަވޭޝަނަލް (އާންމު ހާލަތްތަކަށް ބަލައިގެން ހަދާފައިވާ) ދިރާސާއަކަށް ވެފައި، މީގެ ސަބަބުން ސީދާ ސަބަބާއި ނަތީޖާ (އެކަތި އަނެކައްޗާ ހުރި ގުޅުން) ސާބިތުކޮށްނުދެވުނު ނަމަވެސް، ސިއްހަތަށް އަސަރު ފޯރަފާނެ އެހެން ކަންކަމަށް މި ދިރާސާގައި ރަނގަޅަށް ބަލާފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި އުމުރު، ބޮޑީ މާސް އިންޑެކްސް (ބީއެމްއައި)، ދުންފަތުގެ އިސްތިއުމާލުކުރުން، ޖިސްމާނީ ހަރަކާތްތެރިކަން އަދި އާންމުކޮށް ކެއިންބުއިމުގެ އާދަތައް ގެންގުޅޭ ގޮތް ހިމެނެ އެވެ.
ބުދަ ދުވަހު "ޔޫރަޕިއަން ހާޓް ޖާނަލް" ގައި ޝާއިއުކުރި މި ދިރާސާގައި، އުމުރުން 15 އަހަރުން މަތީގެ 112,000 އަށްވުރެ ގިނަ މީހުންގެ ހިތުގެ ދުޅަހެޔޮކަމަށް 58 ޕްރިޒަވެޓިވްސްއަކުން ކުރާ އަސަރު ވަނީ ބަލައިފަ އެވެ. މިއީ 2009 ވަނަ އަހަރުން ފެށިގެން ފްރާންސްގެ އެކި ހިސާބުތަކުން ހިލޭސާބަހަށް ބައިވެރިވި މީހުންގެ ކެއިންބުއިމުގެ އާދަތައް ދިރާސާކުރަމުން އަންނަ "ނިއުޓްރިއެންޓް-ސަންޓޭ" ޕްރޮގްރާމްގެ ބައިވެރިންނެވެ.
މި ދިރާސާގައި ބައިވެރިވުމަށް، ކޮންމެ މީހަކުވެސް ކޮންމެ ހަ މަހަކުން އެއްފަހަރު، ތިން ދުވަހުގެ މުއްދަތަށް އެ މީހުން ކައިބޮއި ހަދާ ހުރިހާ އެއްޗެއްގެ ތަފްސީލާއި، އެ ތަކެތި އުފައްދާފައިވާ ބްރޭންޑްތަކުގެ ނަން ނޯޓުކޮށް ބަލަހައްޓަންޖެހެ އެވެ. އެއަށްފަހު، ދިރާސާކުރާ ފަރާތްތަކުން އުފެއްދުންތަކުގައި ހިމެނޭ މާއްދާތަކުގެ ޑޭޓާބޭސްއެއް ބޭނުންކޮށްގެން، އޭގައި ހިމެނޭ އާންމު ޕްރިޒަވެޓިވްސް ދެނެގަނެ އެވެ. އަދި ވެއަތުވެ ދިޔަ އަހަރުތަކުގައި މި ތަކެތި ބޭނުންކޮށްފައިވާ މިންވަރު، ފްރާންސްގެ ގައުމީ ސިއްހީ ނިޒާމުގައި ރައްކާކުރެވިފައިވާ މެޑިކަލް ރެކޯޑުތަކާ އަޅާކިޔައިގެން ބަލަ އެވެ.