ޔަހޫދީ އަންހެނަކާ ކައިވެނި ކޮށްގެން އޮސްޓްރޭލިއާގައި ދިރިއުޅުނު ކަމަށް ބުނާ ދިވެހި ފިރިހެނެއްގެ ޖަނާޒާއާ އެކު، އެ މީހުންގެ އަސަރުގަދަ ލޯބީގެ ވާހަކަ ގިނަ ބައެއްގެ ސަމާލުކަމަށް އަތުވެއްޖެ އެވެ.

އާންމުންގެ ސަމާލުކަމަށް މި ވާހަކަ އައީ އޮސްޓްރޭލިއާގައި މުސްލިމުންގެ ޖަނާޒާގެ ކަންކަން އިންތިޒާމުކުރާ އަހްމަދު ހުރައިޝީ އެ ދެމަފިރިންގެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކުރުމުންނެވެ. އެ ދެމަފިރިންގެ ވާހަކަ ކިޔައިދޭ ދެ ޕޯސްޓެއް ވީޑިއޯއާ އެކު އޭނާ އިންސްޓަގްރާމްގައި އިއްޔެ ހިއްސާކޮށްފައިވެ އެވެ. 

ހުރައިޝީ ބުނި ގޮތުގައި، އުމުރުން 86 އަހަރުގައި ނިޔާވި، އޮސްޓްރޭލިއާގައި ދިރިއުޅުނު ދިވެއްސެއް ކަމަށް ބުނާ ކަމީރު ތާސީމްއަށް ލޯބިވެވުނީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ޔަހޫދީން ނައްތާލުމަށް ހިންގި "ހޮލޮކާސްޓް" އިން ސަލާމަތްވި ޔަހޫދީ އަންހެނަކާ އެވެ.

އެއީ ދިވެއްސެއް ކަމަށް ބުންޏަސް އެކަން ކަށަވަރު ކުރެވޭ ގޮތެއް ނުވި އެވެ.

ދެ ދީނެއްގެ، ދެ ސަގާފަތެއްގެ އެ ދެމަފިރިން 1967 ގައި ކައިވެނިކޮށް، އެކުގައި ދިގު ހަޔާތެއް ވޭތުކުރިއިރު، އެ މީހުންގެ މެދުގައި ދީނީ ތަފާތަކީ ދުވަހަކު ވެސް ދެބަސްވުމެއް އުފެދުނު ސަބަބަކަށް ނުވި ކަމަށް ހުރައިޝީ ބުންޏެވެ.

އޭގެ ބަދަލުގައި އެ މީހުން ދިރިއުޅުން ބިނާކުރީ އެކަކު އަނެކަކަށް ބެހެއްޓި އޯގާތެރިކަމާއި އިހުތިރާމާއި އަދި ވަފާތެރިކަމުގެ މައްޗަށް ކަމަށް ވެސް ހުރައިޝީ ބުންޏެވެ.

"އެ މީހުން އެކަކު އަނެކަކަށް ލޯތްބާއި އޯގާތެރިކަމާ އެކު، ފުރިހަމަ އިހުތިރާމުގެ މައްޗަށް ދިރިއުޅުމެއް ބިނާކުރި. އެ މީހުން އެކުގައި އީދު ފާހަގަކުރި. ދިރިއުޅުމުގެ ހިތާމަތަކާއި އުފަލުގައި އެކަކު އަނެކަކުގެ ހިމާޔަތުގައި ސާބިތުވެ ތިބި. އެކުގައި ދުވަސްވެ، މުސްކުޅިވި. އަދި އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވި،" އެ ޕޯސްޓުގައިވެ އެވެ. 

ހުރައިޝީ ބުނީ މީގެ އަހަރުތަކެއް ކުރިން އޭނާގެ އަނބިމީހާ ނިޔާވުމުން، އެ އަންހެން މީހާގެ ދީނާ އެއްގޮތަށް ވަޅުލީ އޮސްޓްރޭލިއާގެ ރޫކްވުޑް ގަބުރުސްތާނުގެ ޔަހޫދީންނަށް ހާއްސަ ބައިގައި ކަމަށެވެ. ކަމީރު ނިޔާވުމުން އޭނާ ވަޅުލީ ހަމަ އެ ގަބުރުސްތާނުގެ މުސްލިމުންގެ ބައިގައި ކަމަށް ވެސް ހުރައިޝީ ބުންޏެވެ.

"އެއް ގަބުރުސްތާނެއްގެ ދެ ބައި. ދެ ދީނެއް. ނަމަވެސް، މިއީ ލޯތްބާއި އިހުތިރާމާއި އަދި އިންސާނިއްޔަތުކަމުގެ ހިތްގައިމުއެއް ނަމޫނާ،" ހުރައިޝީގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

ހުރައިޝީ އެންމެ ފުރަތަމަ ހިއްސާކުރި ވީޑިއޯގައި ފެންނަނީ ކަމީރު ވަޅުލާ ތަނެވެ. އޭނާ ދެވަނައަށް ކުރި ޕޯސްޓުގައި އެ ދެމަފިރިންގެ ޒުވާން ދުވަސްވަރުގެ ފޮޓޯއެއް ވެސް ހިއްސާކޮށްފައިވެ އެވެ. 

އެ މީހުންގެ ދިރިއުޅުމާ މެދު ވިސްނާލުމުން އިހުސާސްކުރެވުނީ، ހުރައިޝީ ބުނި ގޮތުގައި، އިންސާނަކު މަރުވުމުން އެމީހެއްގެ ލަގަބުތަކާއި މުއްސަނދިކަމާއި މަގާމާއި އަދި ހުރިހާ ތަފާތުތަކެއް ފިލައިދާ ކަމެވެ. އެކަމަކު، ދުނިޔެ ދަންނާނީ އެމީހެއްގެ އަހުލާގާއި ކުރި ހެޔޮ އަމަލުތަކާއި އަދި އެކަކު އަނެކަކާ މެދު ކަންތައް ކުރި ގޮތެވެ.