ޔަހޫދީ އަންހެނަކާ ކައިވެނި ކޮށްގެން އޮސްޓްރޭލިއާގައި ދިރިއުޅުނު ކަމަށް ބުނާ މީހާއަކީ ދިވެއްސެއް ނޫންކަން ހާމަވެއްޖެ އެވެ. 

ސްރީ ލަންކާގެ ބައެއް ސައިޓުތަކުން ލިބެން ހުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، އެ ފިރިހެން މީހާއަކީ އެ ގައުމުގެ މީހެކެވެ. 

ކަމީރު ތާސީމް ކިޔާ އެ މީހާ އާއި ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ޔަހޫދީން ނައްތާލުމަށް ހިންގި "ހޮލޮކާސްޓް" އިން ސަލާމަތްވި ޔަހޫދީ އަންހެނެއް ކަމަށްވާ އީވް ތާސިމް ކައިވެނިކުރީ ވެސް ކޮލަމްބޯގެ މައުންޓް ލޭވީނާ ހޮޓެލްގަ އެވެ. އެ މީހުންގެ ކައިވެނީގެ ފޮޓޯއެއް ވެސް "އީލަންކާ" ވެބްސައިޓުގައިވާ އެ އަންހެން މީހާގެ އޮބިޗުއަރީގައިވެ އެވެ. 

އުމުރުން 58 އަހަރުގައި އެ އަންހެން މީހާ މަރުވީ އެޕްރީލް 9، 2024 ގަ އެވެ. އެ ފިރިހެން މީހާ މަރުވީ އިއްޔެ އުމުރުން 86 އަހަރުގަ އެވެ. 

ކަމީރަކީ ދިވެއްސެއް ކަމަށް ބުނީ އޭނާ މަރުވުމުން ޖަނާޒާގެ ކަންކަން އިންތިޒާމުކުރި އޮސްޓްރޭލިއާގެ އަހްމަދު ހުރައިޝީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކެއްގަ އެވެ. އެއާ އެކު، ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ. 

ހުރައިޝީގެ ޕޯސްޓުގައި ބުނީ ދެ ދީނެއްގެ، ދެ ސަގާފަތެއްގެ އެ ދެމަފިރިން 1967 ގައި ކައިވެނިކޮށް، އެކުގައި ދިގު ހަޔާތެއް ވޭތުކުރިއިރު، އެ މީހުންގެ މެދުގައި ދީނީ ތަފާތަކީ ދުވަހަކު ވެސް ދެބަސްވުމެއް އުފެދުނު ސަބަބަކަށް ނުވި ކަމަށެވެ. އޭގެ ބަދަލުގައި އެ މީހުން ދިރިއުޅުން ބިނާކުރީ އެކަކު އަނެކަކަށް ބެހެއްޓި އޯގާތެރިކަމާއި އިހުތިރާމާއި އަދި ވަފާތެރިކަމުގެ މައްޗަށް ކަމަށް ވެސް ހުރައިޝީ ބުންޏެވެ.