ރަޝިޔާގެ މޮސްކޯގެ ހިތް ކަމުގައި ދެކޭ ރެޑް ސްކޮއާގެ މެދުގައި، ކްރެމްލިންގެ އުސް ފާރުތަކުގެ ހިޔަލުން ދައްކުވައިދެނީ ތާރީހުގެ މުއްސަނދި އެތައް ޝައުގުވެރި ވާހަކަތަކެވެ. އެ ތަނުގައި އޮތް އެންމެ ބޮޑު ތާރީހީ ފިލާވަޅަކީ ސޯވިއެޓް ޔޫނިއަންގެ އިންގިލާބީ ލީޑަރު ވްލަޑިމިއާ ލެނިންގެ ހަށިގަނޑު ބާއްވާފައި އޮތް ތަނެވެ. ލެނިންގެ ހަށިގަނޑު ކުނިވެ ނެތިނުދާނޭހެން ރައްކާތެރިކޮށް، ބާއްވާފައި އޮންނަތާ މިހާރު ގަރުނަކަށް ވުރެ ގިނަ ދުވަސްވީ އެވެ.
އާދައިގެ މަތިން މޮސްކޯ އަށް ޖެހުމުންދިޔަ ފިނިވައިރޯޅިތަކާއި ސްނޯގެ ހިމުން ތިކިތަކުގެ ތެރެއިން އަހަރެން ގޮސް މަޑުކުރީ ޓޫރިސްޓުންނާއި ދަރިވަރުންނާއި އަދި ތާރީހަށް ލޯބިކުރާ މީހުން ހިމެނޭ ދިގު ސަފެއްގަ އެވެ. އެއީ ކޮންމެ ދުވަހެއްގެ ހެނދުނު އެ ސަރަހައްދުގައި ދަމާލާ ސަފެކެވެ. އެ ސަފުގައި ހުރެ ވަށައިގެން ބަލާލާއިރު މޮސްކޯގެ ތާރީހީ ބިނާ ކްރެމްލިންގެ ރަތް ގަލުގެ ފާރުތަކާއި ސްޕަސްކަޔާ ޓަވަރުގެ މަޝްހޫރު ގަޑިން މުޅި މައިދާނަށް އެތައް ވާހަކައެއް ކިޔައިދެމުންދިޔަ އެވެ.
އެ ސަފުން، ސެކިއުރިޓީ އޮފިސަރުންގެ ބެލުންތަކާ އެކު ގޮސް ވަންނަން ފުރުސަތު ލިބެނީ 'ކްރެމްލިން ވޯލް ނެކްރޯޕޮލިސް' އަށެވެ. އެއީ ސޯވިއެޓް ދައުރުގެ އިސް ވެރިންނާއި ޝަހުސިއްޔަތުތައް ވަޅުލާފައިވާ މާހަނާތައް ހިމެނޭ ސަރަހައްދެވެ.
އެ މަހާނަތައް ކައިރީގައި ބަހައްޓާފައިވާ ތާޒާ ރަތް މާތަކުން ރަމްޒު ކޮށްދެނީ ސޯވިއެޓް ޔޫނިއަން އުވިދިޔަތާ 30 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވީ ނަމަވެސް، އެ ދައުރުގެ ހަނދާންތައް އަދިވެސް ރަޝިޔާގެ މުޖުތަމައުގައި ބަދަހިކޮށް، ތާޒާކަމާ އެކު ދެމިއޮތް ކަމެވެ.
އެ މަންޒަރުގެ ޝައުގުވެރިކަން އަހަރެންގެ ދެ އަރިމަތީ ތިބި ނޭޕާލް އަދި ސްރީ ލަންކާގެ ދެ ނޫސްވެރިން ފޯނުގައި ރައްކާކުރަމުންދިޔަ އެވެ.
އެ ޝައުގުވެރިކަމުގެ ތެރެއިން ކުރިއަށް ފެންނަން ހުރީ ރަތްކުލައިގެ ކުޑަވަރެއްގެ ގަނޑުވަރެއް ފަދަ ތަނެކެވެ. ރަޝިޔާގެ މީހުން ކިޔާ ގޮތުން އެއީ ލެނިންގެ މަގްބަރާ އެވެ. އެތަނާ ގާތްވަމުން ދިޔަވަރަކަށް ސަލާމަތީ ކަންކަން ވަރުގަދަވެ، މީހުންގެ ވާހަކަތައް މަޑުވެ، ހިމޭންކަން ވެރިވި އެވެ. އެ ތަނުގެ އެތެރޭގައި ފޮޓޯ ނެގުމަކީ މަނާ ކަމެކެވެ. ވަށައިގެން ހަތިޔާރު އެޅި ސިފައިން ފޯރިމަރަމުންދެ އެވެ.
ކަޅު ގްރެނައިޓުން ބިނާކޮށްފައިވާ އެ އިމާރާތުގެ އެތެރެއަށް ވަދެގެން ދާއިރު، ފަނޑު އަލިކަމެއް ހުރި ކޮޓަރިއަކުން ފެންނަނީ ބިއްލޫރި ސަންދޯކެއްގެ ތެރޭގައި ބާއްވާފައި އޮތް 20 ވަނަ ގަރުނުގެ އެންމެ ނުފޫޒުގަދަ އެއް ޝަހުސިއްޔަތެވެ.
މަޑު އަލިކަމެއްގެ ތެރޭގައި އެ އޮތީ ވްލަޑިމިއާ އިލީޗް ލެނިން އެވެ.
ކަޅުކުލައިގެ ސޫޓެއްގައި، ބިއްލޫރި ކަވަރުގެ ދަށުން ފެންނަން އޮތް ލެނިންގެ ހަށިގަނޑަށް ބަލާލަން އެ ތަނުގައި މަޑުކޮށްލެވެނީ ހިނދުކޮޅަކަށެވެ. އޭނާ މަރުވިތާ 100 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވީ ނަމަވެސް، އެ ހަށިގަނޑަށް މާބޮޑު ބަދަލެއް އައިސްފައިވާހެން ހީއެއް ނުވެ އެވެ. އެއީ މީގެ 100 އަހަރު ކުރިން މަރުވެ، އެގޮތުގައި ބާއްވާފައި އޮތް ހަށިގަނޑެކޭ މީހަކު ބުނެނުދިނިއްޔާ ނޭނގޭނެ އެވެ. މޫނުގެ ސިފަތައް ސާފުކޮށް އެނގެން ހުރިއިރު ހަންގަނޑަށް ވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ.
އެ ތަނުގައި މަޑުކޮށްލަން ލިބޭ ކުޑަ ހިނދުކޮޅުގެ ތެރޭގައި ތާރީހީ ހަނދާންތަކާއި އަދި ސައިންސްގެ ފުންކަނޑަކަށް މީހާ ޣަރަގު ކޮށްލަ އެވެ.
ބައެއް މީހުން ލެނިން ސިފަކުރަނީ 1917 ވަނަ އަހަރުގެ ބޮލްޝެވިކް އިންގިލާބުގެ މޭސްތިރިޔާގެ ގޮތުގަ އެވެ. އޭނާއަކީ ރަޝިޔާގެ ގަދީމީ ނިޒާމު އުވާލައި، ދުނިޔޭގައި ފުރަތަމަ ފަހަރަށް ސޯޝަލިސްޓް ދައުލަތެއް ބިނާކުރި ލީޑަރެވެ. އަނެއް ބަޔަކު އޭނާއާ މެދު ސިޔާސީ ވިސްނުން ތަފާތުވެ ދެކެނީ ހުދުމުހުތާރު ވެރިކަމެއްގެ ރަމްޒެއްގެ ގޮތުގަ އެވެ. ސިޔާސީ ފިކުރު ކޮންމެ ގޮތަކަށް ހުރި ނަމަވެސް 20 ވަނަ ގަރުނުގެ ތާރީހު ބަދަލުކޮށްލި ނުފޫޒުގަދަ ލީޑަރެއްގެ ހަށިގަނޑު ކުރިމަތީގައި ހުރެވުމަކީ އާދަޔާ ހިލާފު ތަޖުރިބާއެކެވެ.
ދުނިޔެ ބަދަލުކޮށްލި އިންގިލާބީ ލީޑަރު
ރަޝިޔާގެ ސިމްބިރްސްކަށް 1870 ވަނަ އަހަރު އުފަންވި ލެނިން އަކީ އޭނާގެ ޒަމާނުގައި ފާހަގަކޮށްލެވޭ ވަރުގަދަ މުފައްކިރެވެ. ސިޔާސީ ހަރަކާތްތަކުގަ އާއި އަރުވާލެވިގެން ހުރި ދުވަސްތަކާއި ސިއްރު ރޭވުންތަކަށް ފަހު، 1917 ގެ ރަޝިޔާގެ އިންގިލާބުގައި ބޮލްޝެވިކުންނަށް ވެރިކަން ހޯދައިދިނުމުގައި އޭނާ އިސް ދައުރެއް އަދާކުރި އެވެ. ބޮލްޝެވިކްސްއަކީ ލެނިން އިސްވެ ހުރެ އުފެއްދި އިންގިލާބީ ސިޔާސީ މޫވްމެންޓެކެވެ.
އޭނާގެ އިސްނެގުމުގެ ދަށުން ސޯވިއެޓް ދައުލަތް އުފެދި، ދާހީލީ ހަނގުރާމަތަކުން އަރައިގަނެ، ދުނިޔޭގެ ނުފޫޒުގަދަ ބާރަކަށް ވެގެންދިޔަ އެވެ. މީގެ ނުފޫޒު ޔޫރަޕް، އޭޝިއާ، އެފްރިކާ އަދި ލެޓިން އެމެރިކާއަށް ފެތުރިގެން ދިޔަ އެވެ. ލެނިންގެ ލިޔުންތަކާއި ސިޔާސީ ފިކުރުތަކަކީ މުޅި ދުނިޔޭގެ ކޮމިއުނިސްޓް ހަރަކާތްތަކަށް ލިބުނު ބޮޑު ހިތްވަރެކެވެ. މިއީ އޭނާ ފަހުގެ ތާރީހުގައި އެންމެ ނުފޫޒުގަދަ އެއް ސިޔާސީ ޝަހުސިއްޔަތަށް ވެގެންދިޔަ ސަބަބެވެ.
އުމުރުން 53 އަހަރުގައި 1924 ވަނަ އަހަރު ލެނިން އަވަހާރަވުމުން، ސޯވިއެޓް އިދާރާތައް ހާސްކަމުގެ ތެރެއަށް ދިޔަ އެވެ. އޭނާގެ ހަށިގަނޑާ މެދު އަމަލުކުރާނީ ކިހިނެއްކަމާ މެދު ސުވާލު އުފެދިގެންދިޔަ އެވެ.
ލެނިންގެ މަރުގެ ޚަބަރާ އެކު ގަދަ ފިނީގެ ތެރޭގައި ވެސް އެތައް ހާސް ބަޔަކު އޭނާ އަށް އިހުތިރާމް އަދާކުރުމަށް މޮސްކޯއަށް ޖަމާވެ، ދިގު ކިއުތައް ހެދި އެވެ. ރައްޔިތުންގެ މެދުގައި އުފެދުނު މި ބޮޑު ހިތާމައާ ގުޅިގެން، ލެނިން ވަގުތުން ވަޅުލުމުގެ ބަދަލުގައި، ސޯވިއެޓް ދައުލަތުގެ ބާނީގެ ގޮތުގައި އަންނަން އޮތް ޖީލުތަކަށް އޭނާ ފެންނާނެހެން ހަށިގަނޑު ރައްކާތެރިކޮށް ބޭއްވުމަށް އޭރުގެ ލީޑަރުން ނިންމި އެވެ.
ވަގުތީ ފިޔަވަޅެއްގެ ގޮތުން ފެށި މި މަސައްކަތް، ފަހުން ވެގެންދިޔައީ ދާއިމީ ކަމަކަށެވެ.
ގަރުނެއްވީ ސައިންޓިފިކް މަސައްކަތް
ލެނިންގެ ހަށިގަނޑު މިހާ ގިނަ ދުވަހު ކުނިވެ ނެތިނުދާނެހެން ބޭއްވުމަކީ ޒަމާނީ ތާރީހުގައި ހިންގި އެންމެ ފާހަގަކޮށްލެވޭ އެއް ސައިންޓިފިކް މަސައްކަތެވެ.
އާންމުކޮށް މަރުވާ މީހުންގެ ހަށިގަނޑު އެމްބާމް ކުރާ އުސޫލުތަކާ ހިލާފަށް، ލެނިންގެ ހަށިގަނޑު މިގޮތުގައި ބޭއްވުމަށް މުޅިން އާ އުކުޅުތަކެއް ތައާރަފުކުރަން ޖެހުނެވެ. އެނަޓޮމިސްޓުންނާއި ބަޔޯކެމިސްޓުން ހިމެނޭ ސޯވިއެޓް ސައިންސްވެރިންގެ ޓީމަކުން، ހަށިގަނޑު ކުނިވިޔަނުދީ ހިފެހެއްޓުމުގެ އިތުރުން، ހަމުގެ ދިރުން ހުރިކަން ދެއްކުމަށްޓަކައި ހާއްސަ ފަންނީ ގޮތްތަކެއް ތަރައްގީކުރި އެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް، ހަށިގަނޑުގެ އެތެރެހަށީގެ ގުނަވަންތައް ނެގުމަށްފަހު، ހާއްސަ ކެމިކަލް މާއްދާތަކެއް ބޭނުންކޮށްގެން ހަށިގަނޑަށް ފަރުވާ ދިނެވެ. ތަޖުރިބާކާރުން ވަކި ދުވަސްވަރެއްގައި ގްލިސަރޯލް އަދި ޕޮޓޭސިއަމް އެސިޓޭޓް ފަދަ ކެމިކަލްތައް ހިމެނޭ ދިޔާ އެއްޗެއްގެ ތެރެއަށް ހަށިގަނޑު ގަންބައި، އޭގެ ތެތްކަން ހިފެހެއްޓުމާއި ހަލާކުވިޔަނުދީ ހިފެހެއްޓުމުގެ މަސައްކަތް ކުރި އެވެ.
ހަށިގަނޑު ރައްކާތެރިކުރުމުގެ މަސައްކަތުގެ ގިނަ ތަފްސީލުތަކަކީ ވަރަށް ބޮޑަށް ސިއްރުކުރެވިފައިވާ ކަންތައްތަކެއް ކަމުގައި ވިޔަސް، ކަމާބެހޭ މާހިރުން ދެކޭ ގޮތުގައި ލެނިންގެ ހަށިގަނޑަކީ އިންސާނެއްގެ ހަށިގަނޑު އެންމެ ކާމިޔާބުކަމާ އެކު ގިނަ ދުވަހަށް ރައްކާތެރިކޮށްފައިވާ އެންމެ ފާހަގަކޮށްލެވޭ އެއް މިސާލެވެ. އިންސާނުން އިޖާދުކޮށްފައިވާ ސައިންސްގެ މޮޅު އުކުޅުތަކެވެ.
މިއިން ދައްކައިދެނީ ހަމައެކަނި އެއްވެސް ބަދަލެއް ނުގެނެސް ބާއްވާފައި އޮންނަ ހަށިގަނޑެއް ނޫނެވެ. ހަނދާންކޮށްދެނީ ދުނިޔެ ބަދަލުކޮށްލި އިންގިލާބާއި ސޯވިއެޓް ޔޫނިއަން އުފެދި އުވިދިޔަ ގޮތާއި އެ ރަމުޒުތަކެވެ.
އޭނާ މަރުވިތާ ގަރުނަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރަތްކުރާ މިލިއަނުން އެތައް ބަޔަކަށް ލެނިންގެ ހަށިގަނޑު އަދިވެސް ފެންނަން އެބައޮތެވެ. އެކަމަކު، އޭނާގެ ހަށިގަނޑު ވަޅުލަންޖެހޭ ކަމުގެ ބަހުސް ވެސް މިހާރު ކޮންމެވެސް ވަރަކަށް އެބައޮތެވެ. އެ މަގްބަރާއަކީ މާޒީވެފައިވާ ޒަމާނަކަށް ނިސްބަތްވާ ތަނެއް ކަމަށް ދެކޭ މަދުބަޔަކު ވެސް މިހާރު އެބައުޅެ އެވެ.
ލެނިންގެ ހަށިގަނޑު ބާއްވާފައި އޮތް ތަނުގެ ހަމޭހިމޭންކަމުގެ ތެރެއިން ނުކުމެ ރެޑް ސްކޮއާގެ މެދުގައި ހުރެ ވަށާނަޒަރު ހިންގާލާއިރު ފެންނަމުންދިޔައީ ސިޓީގެ ހަލަބޮލިކަމާއި އެތަނަށް އައިސްފައިވާ ޒަމާނީ ކުރިއެރުމެވެ. މާޒީގެ އެ ހިމޭންކަމާއި މިއަދުގެ ހަގީގަތުގެ ދެމެދު ހުރި ބޮޑު ތަފާތު އެ ވަގުތު އިހުސާސްކުރެވުނެވެ. ގިނަ ފަހަރަށް ތާރީހަކީ ފޮތްތަކާއި އަރުޝީފުތަކުގެ ތެރޭގައި ބަންދުވެފައިވާ، ދުރު އެއްޗެއްގެ ގޮތުގައި އިހުސާސް ކުރެ އެވެ. ނަމަވެސް، ލެނިންގެ ހަށިގަނޑުން އެ ތާރީހު ފެންނަން އެބައޮތެވެ. އެއީ ހަމައެކަނި ހަނދާނެއްގެ ގޮތުގައެއް ނޫނެވެ. އޭގެ އަސްލު ޖިސްމާނީ ސިފައިގަ އެވެ.