އއ. އުކުޅަހުން ގެއްލިގެން ހޯދަމުން އަންނަ ރަޝިއާގެ ޓޫރިސްޓު މީހާ.
18 ޑިސެމްބަރ 2025 - 10:22
އއ. އުކުޅަހުން ގެއްލިގެން ހޯދަމުން އަންނަ ޓޫރިސްޓު އަދިވެސް ނުފެންނަ ކަމަށާއި ބެލެވެނީ މޫދަށް ގެއްލުނީ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
އުކުޅަހުން ގެއްލިގެން ހޯދަން ކައުންސިލުން އިއްޔެ އިއުލާންކުރީ އެ ރަށުގެ ގެސްޓް ހައުސްއެއް ކަމަށްވާ "ލަ ޕަލްމާ ސްޓޫސް"ގައި ހުރި ރަޝިއާގެ ފިރިހެނެކެވެ.
އިއްޔެ ހެނދުނު އެ ރަށުން ފުރާ ގޮތަށް ހަމަޖެހިފައިވާ އެ ޓޫރިސްޓު އެންމެ ފަހުން ފެނުނީ މިދިޔަ އަންގާރަ ދުވަހުގެ ހަވީރު އެވެ. އޭނާގެ މޮބައިލް ފޯނާއި އެހެން ހުރިހާ ސާމާނެއް ގެސްޓް ހައުސްގައި އޭނާ ހުރި ކޮޓަރީގައި ހުރި ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
އުކުޅަހު ކައުންސިލް ރައީސް ޝައުކަތު އިބްރާހީމް "މިހާރު" އަށް މިއަދު ވިދާޅުވީ އުކުޅަހަށް އެކަނި ގޮސްގެން އުޅޭ ޓޫރިސްޓު މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެވެ. ބޮޑަށް ބެލެވެނީ މޫދަށް ގެއްލުނީ ކަމަށާއި ނަމަވެސް އެކަން ޔަގީން ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަކު، އުކުޅަހުން އެއްވެސް އުޅަނދެއްގައި އެ މީހާ ފުރައިގެން ނުދާ ކަން ޔަގީންކުރި ކަމަށް ޝައުކަތު ވިދާޅުވި އެވެ.
"ހެކިތައް ބޮޑަށް ލިބިފައި ހުރީ އެގޮތަށް. އޭނާ ގެންގުޅުނު ކަމަށް ބެލެވޭ މޫދަށް އެރޭ ތުވާއްޔާއި އެހެން ބައެއް އެއްޗެހި ފެނިފައި ހުރީ މޫދު ކައިރި، ބީޗުން،" އޭނާ ވިދާޅުވި އެވެ.
ކައުންސިލްގެ ރައީސް ލަފާކުރައްވާ ގޮތުގައި ޓޫރިސްޓު ގެއްލުނީ އަންގާރަ ނުވަތަ ބުދަ ދުވަހު އެވެ. އެ ދެ ދުވަހަކީ ވެސް އެ ރަށް ހިމެނޭ ސަރަހައްދަށް މޫސުން ރަނގަޅު ދެ ދުވަސް ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުން ވެސް އަންނަނީ އެ މީހާ ހޯދަން މަސައްކަތް ކުރަމުންނެވެ.
އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ، ލަ ޕާމަ ސޫޓްސްގެ ނަންބަރު 9646363 އަށް ނުވަތަ އުކުޅަހު ޕޮލިސް ޑެސްކުގެ ނަންބަރު 9553510 އަށް ގުޅަން ކައުންސިލުން އެދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގަރީނު
18 December 2025
ގެއްލުނު މީހާގެ ސާމާނު ގޮނޑުދޮށުގައި ބަހައްޓާފައި ހުރިކަން އެބަ އެނގޭ. އެއްވެސް އުޅަނދަކުން ފުރައިގެން ނުދާކަން ކަށަވަރުވޭ. ރަށަކީ ބޮޑެތި ޖަންގަލިތަކާއި ފަރުބަދަތައް ހުރި ތަނެއް ނޫން. ދެން ބަހުސް ދިގު ނުކޮށް ކަނޑުމަތިން ފެނޭތޯ ބަލަންވީއެއް ނޫންބާ؟
އަކްމެޑް
18 December 2025
ރަށު ކައުންސިލްތަކަށް ހެޔޮ ގެސްޓުން އަންނަނިކޮށް، އެމީހުން އަންނަފަހުން ވާނުވާއެއް ބެލުމެއް ނޯވޭ.
އަލިބެ...
18 December 2025
ސީ.އައި.އޭ އިން ހޯދާ ރަޝިޔާ މީހެއް ކަމަށްވާނީ.
ޑރ ވާންޗޯ
18 December 2025
އުކުޅަހުގަ ލޯންޗުތައް ކާރީގަ ފަޅުތެރޭގަވެސް ބޮޑުމީހަކު ގެއްލުވާލާވަރުގެ ބޮޑެތިމިޔަރަށް ކާންދީގެން ފަޅުގަ ގެންގުޅޭ ރަށެއްތީ.
ރަދީފްއޮފިޝަލް / ކްރެމްލިން
18 December 2025
މިކަމުފައި ޕުޓިން ބޭބެ ކޯފާ އިސްކޮށްފިނަމަ ވަރަށް ގޯސްވާނެ.
ރަދީފްއޮފިޝަލް / ކްރެމްލިން
18 December 2025
*ގައި
މިހާލި
18 December 2025
ތީ ގެސްޓްހައުސް އަކީ ކައުންސިލްއިން ހިންގާ ތަނެއްތަ. ވެރިންނައް އޯކޭތާ އެކައުންޓައް ވެދެޗަ އިންނާނި ޑޮލަރު
ކައުންސެލަރު....
18 December 2025
ކިހާދެރަކަމެއްދެންމީ! ގެސްޓުން ރާއްޖެއައިސް މިހާރު މިތިބެންޖެހެނީ ފުރާނަ އަތްމައްޗަށް ލައިގެނެއްނު. ވީތަނެއްނޭނގޭ، ދިޔަތަނެއް ނޭނގޭ، އެމީހުން އުޅޭނޫޅޭގޮތް ބަލަން ޖެހިއްޖިއްޔާ ޕްރައިވަސީ ގެއްލޭ. ގެއްލުމެއް ލިބިއްޖިއްޔާ ބަދުނާމުވޭ............... ކީއްކުރާނީދެން. ކޮންމެ ގެސްޓަކުވެސް ޗެކިން ވާހިސާބުން ޗެކްއައުޓް ވުމާކައަށް ސެޓެލައިޓް ޓްރެކިން ހަރުކުރަންވީއެންުނު. ހާއްސަކޮށް މޫދަށްއެރޭއިރު؟
ހުސެންބޭ
18 December 2025
ތިޔަ ގެސްޓް ގެނައި ގެސްޓް ހައުސްގެ ޒިންމާދާރުވެރިންގެ ބަހެއް ނެތްތަ؟
ފިޒި
18 December 2025
ގެސްޓް ހައުސްއިން ޓުއަރިސްޓް ގެނައީކީ ނޫން، ޓުއަރިސްޓް ގެސްޓް ހައުސްއަށް އައީ،
ކުށްފިއްލި
18 December 2025
ދާރު = ވެރިޔާ. ޒިންމާދާރު = ޒިންމާގެ ވެރިޔާ. އެއީ ޒިންމާ ނަގަން ޖެހޭ މީހާ. "ޒިންމާދާރުވެރިން" ބުނީމާ އެ ބުނެވެނީ "ޒިންމާގެ ވެރި ވެރި". ތިޔައީ "އައި.ޖީ.އެމް.އެޗް. ހޮސްޕިޓަލް" ކިޔުން ކަހަލަ ކަމެއް. އޭގާއި އޮތް އެޗް. އަކީ "ހޮސްޕިޓަލް" ވިއްޔާ. އެހެނެއް ނޫން "ޒިންމާދާރު ވެރިން" ވަކިކޮށް ލިޔުނީމާ ރަނގަޅު ވާނެ. އޭރުން "ޒިންމާދާރު" އެއީ ސިފައެއް. "ވެރިން" އެއީ ސިފަކުރެވޭ ލަފުޒު.