ކީރިތި ޤުރްއާނަކީ ދިރިއުޅުމުގެ ހުރިހާ ކަމެއް އިންތިޒާމުކޮށްދޭ ދުސްތޫރެވެ. އެއީ ނޫރެއް އަދި ހިދާޔަތެއް ކަމުގައި އިންސާނިއްޔަތަށް މާތް ﷲ ބާވައިލެއްވި އެންމެ ފަހުގެ ރިސާލަތެވެ. މުސްލިމުންގެ ހިތްތަކުގައި ޤުރްއާނަށް މަތިވެރި މަގާމެއް ދެވިފައިވެ އެވެ. އެ ފޮތް ތިލާވާ ކުރުމަށާއި ހިތުދަސް ކުރުމަށާއި އެއިން ބަރަކާތް ހޯދުމަށް ސަމާލުކަން ދެވެ އެވެ.
ނަމަވެސް ހިތާމައަކީ ޤުރްއާނުގެ އެންމެ މުހިންމު މަގުސަދަށް އިހުމާލު ވެވުމެވެ. އެއީ އެ ފޮތް ތަދައްބުރު ކުރުމާއި(ފުންކޮށް ވިސްނައި ފޮރުވިފައިވާ ސިއްރުތަކާއި ހިކުމަތް ދެނެގަތުމާއި) ދިރިއުޅުމުގެ ހަޔާތުގައި އެފޮތް ތަތުބީގު (ނަޒަރީ ކަންކަން އަމަލަށް ބަދަލު) ކުރުމެވެ. އެހެންކަމުން ކީރިތި ޤުރްއާނާ މެދު އަމަލު ކުރަންވީ ރަނގަޅު މަންހަޖު ދެނެގަންނަން ޖެހެ އެވެ. އަދި އެ ފޮތަކީ ދިރިއުޅުމުގެ މަގެއް ކަމުގައި ހަދާނެ ގޮތްތައް ދަސްކުރަން އެބަޖެހެ އެވެ.
ޤުރްއާން ބާވައިލެއްވުމުގެ ހަގީގީ މަގުސަދު ދެނެގަތުން
ކީރިތި ޤުރްއާން ބާވައިލެއްވީ ހަމައެކަނި އެ ކިޔަވާކަށް ނޫނެވެ. ކިޔެވުމުން ދަރުމަ އާއި ސަވާބު ލިބުނު ނަމަވެސް އެންމެ ބޮޑު މަގުސަދަކީ އެ ފަހުމުވުމާއި އެއާ އެއްގޮތަށް ޢަމަލުކުރުމެވެ. މިގޮތުން ޞާދު ސޫރަތުގެ 29 ވަނަ އާޔަތުގައި ﷲ އަންގަވަނީ ޤުރްއާނަކީ ބަރަކާތްތެރިކަން އެކުލެވިގެންވާ ފޮތެއް ކަމުގައި އެކަލާނގެ މުޙައްމަދުގެފާނަށް ބާވައިލެއްވި ފޮތެއް ކަމަށެވެ. އެއީ އެ ފޮތުގެ އާޔަތްތަކާ މެދު މީސްތަކުން ވިސްނައި ފިކުރު ކުރުމަށާއި ބުއްދީގެ އަހުލުވެރިން އެ ހަނދުމަކޮށް އެ އިން ނަސޭހަތް ލިބިގަތުމަށް ކަމަށެވެ. އެހެންކަމުން ޤުރްއާނުގެ ހަގީގީ ބަރަކާތް ހާސިލުވާނީ ޤުރްއާނުގެ އާޔަތްތައް ތަދައްބުރުކޮށް ދުވަހީ ހަޔާތުގައި އެއާ އެއްގޮތަށް އަމަލުތައް ބަހައްޓައިގެންނެވެ. ޤުރްއާން ބާވާލެއްވުނު މަގުސަދަކީ މިއީކަން އިތުރަށް ކަށަވަރު ވަނީ ޤުރްއާނާ މެދު ނުވިސްނައި ތަދައްބުރުނުކޮށް އަދި އެ އަށް އަމަލު ނުކުރުމަކީ ހިތްތައް ތަޅުލައިގެން ތިބުން ފަދަ ކަމެއްގެ ގޮތުގައި ޤުރްއާނުގައި ސިފަކޮށްފައިވާތީ އެވެ (މުޙައްމަދު 24)
ޤުރްއާން ބަލައިގަތުމުގައި ނަބަވީ ހިދާޔަތާއި ސަހާބީންގެ މަންހަޖު
ޤުރްއާނަކީ ދިރިއުޅުމުގެ މަންހަޖަކަށް ހަދާނެ ގޮތް އެންމެ ރަނގަޅަށް ފަހުމް ވާނީ ޤުރްއާނުގެ އާޔަތްތައް އެންމެ ފުރަތަމަ ލިބިވަޑައިގެން އެ ތަތުބީގު ކުރެއްވި މުސްލިމް ފުރަތަމަ ޖީލަށް ރުޖޫއަ ވެގެންނެވެ. އެބޭކަލުން ވަނީ އެ ފޮތުގެ ޒަރީއާއިން އިންސާނީ ތާރީހު ބަދަލުކޮށްލައްވައިފަ އެވެ. ކީރިތި ނަބިއްޔާ ﷺ ވެގެންދިޔައީ ޤުރްއާން ތިލާވާ ކުރެއްވުމުގެ އިތުރުން އޭގައިވާ ކޮންމެ އަމުރުފުޅަކަށް ތަބާވެ ވަޑައިގެން އަދި ކޮންމެ ނަހީއަކުން ދުރުހެލިވެ ވަޑައިގެން އެކަލޭގެފާނުގެ މުޅި ހުލްގުފުޅު އެއާ އެއްގޮތަށް ބައްޓަން ކުރެއްވި ބޭކަލެއްގެ ގޮތުގަ އެވެ. އެކަލޭގެފާނުގެ ހުލްގުފުޅާ ބެހޭގޮތުން ޢާއިޝަތުގެފާނު ވިދާޅުވެފައި ވަނީ، "އެކަލޭގެފާނުގެ ހުލްގުފުޅަކީ ޤުރްއާން" ކަމަށެވެ.
ހަމައެފަދައިން އެކަލޭގެފާނުގެ އަސްހާބުން ވެސް ޤުރްއާން ބަލައިގަތީ އެއީ ހަމައެކަނި ކިޔާލަން އޮންނަ ފޮތެއްގެ ގޮތުގައެއް ނޫނެވެ. އެކަމަކު އެއީ ތަންފީޒު ކުރަންޖެހޭ އަމުރުތަކެއްގެ ގޮތުގަ އެވެ. ތާބިޢީ ބޭކަލެއް ކަމުގައިވާ އަބޫ އަބްދުއްރަހްމާން އައްސުލަމީ ވިދާޅުވެފައިވެ އެވެ. "ތިމަންބޭކަލުންނަށް ޤުރްއާން އުނގަންނައި ދެއްވި އުސްމާން ބިން އައްފާނާއި އަބްދުﷲ ބިން މަސްއޫދު ފަދަ ބޭކަލުން ވިދާޅުވަނީ އެބޭކަލުން ނަބިއްޔާ ﷺ ގެ އަރިއަހުން 10 އާޔަތް އުނގެނިވަޑައިގެންފި ނަމަ އޭގައިވާ ކަންކަން ރަނގަޅަށް ފަހުމްވެ، އެ ތަތުބީގު ކޮށްފުމަށް ދާންދެން އެހެން އާޔަތްތަކަކަށް ވަޑައެއް ނުގަންނަވާ ކަމަށެވެ. އެބޭކަލުން ޤުރްއާނުން އޭގެ އިލްމާއި އަމަލު އެކުއެކީގައި އުނގެނު ކަމަށެވެ"(އައްޠަބަރީ).
އަމަލީ ސުލޫކަށް ޤުރްއާން ބަދަލުކުރުމަށް އެޅިދާނެ ބައެއް ފިޔަވަޅުތައް
ކީރިތި ޤުރްއާނަކީ ހަމައެކަނި ތިލާވާކުރާ ނުވަތަ ހިތުދަސްކުރާ ފޮތަކަށް ނުހަދައި ދިރިއުޅުމުގެ ހަޔާތުގައި އަމަލީ ގޮތުން ތަތުބީގު ކުރުމަށްޓަކައި އެޅިދާނެ ބައެއް ފިޔަވަޅުތައް އެބަހުއްޓެވެ. މިގޮތުން އެއް ފިޔަވަޅަކީ، ހިދާޔަތު ހޯދުމުގެ ނިޔަތާއި އަޒުމާ އެކުގައި ތިލާވާ ކުރުމެވެ. މިގޮތުން މުޞްޙަފު ހުޅުވަން ވާނީ ހަމައެކަނި ހަތިމުކުރުމުގެ ބޭނުމަކު ނޫނެވެ. އޭގެ ބަދަލުގައި އޭނާގެ ހިތުގެ ބަލިތަކަށް ޝިފާ ހޯދުމަށާއި ދިރިއުޅުމުގެ މައްސަލަތަކަށް ހައްލު ހޯދުމުގެ ނިޔަތާ ވެސް އެކުގަ އެވެ. އެހެނީ މާތް ﷲ އަންގަވަނީ ހަމަކަށަވަރުން ވެސް ޤުރްއާން އެންމެ ސީދާވެގެންވާ މަގަށް މަގުދައްކައިދޭ ކަމަށެވެ (އަލްއިސްރާއު 9). ސީދާމަގުގައި ހުރެވޭނީ އެކަމަށް އެދިގެން މަސައްކަތް ކުރުމުންނެވެ.
ދެވަނަ ފިޔަވަޅަކީ، ތިލާވާކުރާ އާޔަތްތައް ތަދައްބުރު ކުރުކޮށް ފަހުމުކުރުމެވެ. އެހެނީ ނޭނގޭ އެއްޗަކަށް އަމަލެއް ނުކުރެވޭނެ އެވެ. އެހެންވެ އާޔަތްތަކުގެ މާނަ އާއި ބާވައިލެއްވި ސަބަބުތަކާއި އާޔަތްތަކުގެ މަގުސަދުތައް ދެނެގަތުމަށް ތަފްސީރު ފޮތްތަކުގެ އެހީ ހޯދުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ތިންވަނަ ފިޔަވަޅަކީ، އާޔަތްތައް އަމިއްލަ ނަފްސާ ގުޅުވުމާއި ނަފުސު ހިސާބު ކުރުމެވެ. އެބަހީ، މުއުމިނުންގެ ސިފައެއް ނުވަތަ ސިފަތަކެއް ބަޔާންކުރާ އާޔަތެއް ކިޔަވާ ހިނދު ތިމާއަކީ އޭގެ ތެރެއިންވާ މީހެއްތޯ އަމިއްލަ ނަފްސާ ސުވާލު ކުރުމެވެ. ނުވަތަ ދޮގު ހެދުމާއި ޣީބަ ބުނުމާއި މީސްތަކުންގެ މުދާ ނުހައްގުން ކެއުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވާން އަމުރުކުރާ ނުވަތަ އެކަންކަމުގެ ނުބައިކަން ބަޔާންކުރާ އާޔަތެއް ކިޔަވައިފި ނަމަ ތިމާގެ ކިބައިގައި އެފަދަ ނުބައި ސިފައެއް އަނެއްކާ އެބަހުރިތޯ ބެލުމެވެ. މިސާލަކަށް މުޠައްފިފީން ސޫރަތުގެ ފުރަތަމަ އާޔަތްތައް ކިޔަވާއިރު އެއީ ހަމައެކަނި މިނެކިރައި އުޅޭ ވިޔަފާރިވެރިންނަށް ހާއްސަ އާޔަތެއް ކަމަށް ނުދެކި، ތިމާގެ ދުވަހީ މަސައްކަތާ ވެސް އެ އާޔަތްތައް ގުޅުވަން ޖެހެ އެވެ. މިގޮތުން ވަޒީފާގެ ގަޑިން ހުއްދަ ނުހޯދައި ނުވަތަ ބަދަލުގައި އިތުރަށް ވަގުތު ނުދީ އަމިއްލަ ކަންކަމަށް ވަގުތު ހޯދަންތޯ ބަލަން ޖެހެ އެވެ. ނުވަތަ މީހުންގެ މާއްދީ އަދި މައުނަވީ އެއްވެސް ހައްގަކަށް އެއްވެސް އުނިކަމެއް ގެނެވޭތޯ ސުވާލުކުރަން ޖެހެ އެވެ.
ހަތަރުވަނަ ފިޔަވަޅަކީ، މަޑުމަޑުން ފިޔަވަޅަކުން ފިޔަވަޅަކުން ތަތުބީގު ކުރަމުން ގެންދިއުމެވެ. އިންސާނީ ފިތުރަތާ އެންމެ ގުޅޭނީ މިގޮތެވެ. އަދި ސަހާބީންގެ ނަމޫނާއަކީ ވެސް މިއެވެ. މިގޮތުން ކޮންމެ ހަފްތާއަކު ޤުރްއާނުގެ އެއް އަޚްލާޤު ނުވަތަ އެއް އަމުރު ތަތުބީގު ކުރުމަށް އަމާޒު ހިފިދާނެ އެވެ. މިސާލަކަށް އަލްބަޤަރާ ސޫރަތުގެ 83 ވަނަ އާޔަތް ކިޔަވާ ދުވަހެއްގައި، އެ ދުވަހުން ފެށިގެން ކުރިއަށް އޮތްތަނުގައި ދޫ ރައްކާތެރިކުރުމަށާއި ހެޔޮބަހެއް ނޫނީ ނުބުނުމަށް އަމާޒު ކަނޑައެޅިދާނެ އެވެ. އެހެނީ އެ އާޔަތުގައި ވަނީ "އަދި ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސް ބުނާށެވެ!" އެވެ.
ފަސްވަނަ ފިޔަވަޅަކީ، ޤުރްއާނަށް އަމަލުކުރާ މީހެއްގެ ގޮތުގައި ލެއްވުމަށް އެދި ދުއާ ކުރުމެވެ. އެހެނީ ނަބިއްޔާ ﷺ ގެ ދުއާފުޅުތަކުގެ ތެރޭގައި ވެސް އެ ދުއާ ހިމެނޭތީ އެވެ. މިސާލަކަށް "މަންފާކުރަނިވި އިލްމެއް މިއަޅާ އަށް ދެއްވުން އެދި އިބަރަސްކަލާނގެ ހަޒުރަތުން ދަންނަވަމޭ" އޮންނަ ދުއާ ޤުރްއާން ކިޔަވާ ކޮންމެ ފަހަރަކު ކުރެވިދާނެ އެވެ.
ދުވަހީ ދިރިއުޅުމުގައި ޤުރްއާނީ މަންހަޖު ތަތުބީގު ކުރެވިދާނެ ދާއިރާތަކުގެ ބައެއް މިސާލު
ފަރުދުންނާއި މުޖުތަމައުގެ ދިރިއުޅުމުގައި އެކި ދާއިރާތަކުން ޤުރްއާނީ މަންހަޖު ދައްކައި ދެވިދާނެ އެވެ. މިގޮތުން އެއް މިސާލަކީ، އަމިއްލަ ނަފުސު ތަޒުކިޔާ ކުރުމެވެ. އައްޝަމްސު ސޫރަތުގެ 9 އާއި 10 ގައި ވަނީ ނަފުސު ތަޒުކިޔާ ކޮށްފި މީހަކަށް ކާމިޔާބު ވާނެ ކަމަށެވެ. ނަފުސަށް އުނިކަން ދީފި މީހާ ނާކާމިޔާބުވާނެ ކަމަށެވެ. ވީމާ މި އާޔަތްތައް ތަތުބީގު ކުރުމަށްޓަކައި ނަފުސުގައިވާ ހުރިހާ ނުބައި ސިފަތައް އެއްފަރާތްކޮށް ތާހިރުކޮށް ރަނގަޅު ސިފަތަކުން ނަފުސު ޒީނަތްކޮށް ތަހުޒީބު ކުރަން ޖެހޭނެ އެވެ. މިސާލަކަށް ހަސަދަވެރިކަމާއި ބޮޑާކަން ފަދަ ސިފަތަކުން ނަފްސު ތާހިރުކޮށް، ކެތްތެރިކަމާއި މިންވަރަށް ރުހުން ފަދަ ސިފަތަކުން ނަފްސު ޒީނަތް ކުރެވިދާނެ އެވެ.
ދެވަނަ މިސާލަކީ، އަނބިންނާ މެދު ހެޔޮގޮތުގައި މުއާމަލާތު ކުރުމެވެ. އައްނިސާއު ސޫރަތުގެ 19 ވަނަ އާޔަތުގައި މިކަމަށް އަންގަވާފައި ވެ އެވެ. ވީމާ މި އާޔަތް ތަތުބީގު ކުރުމަށްޓަކައި އަނބިމީހާގެ ހައްގުތައް އަދާކުރުމާއި އަނިޔާ ނުކުރުމާއި ލޯތްބާއި އޯގާތެރިވުމާއި މާފުކުރުން ފަދަ ކަންކަން ކުރަން ޖެހެ އެވެ.
ތިންވަނަ މިސާލަކީ، އަމާނާތްތެރިވުމެވެ. އައްނިސާއު ސޫރަތުގެ 58 ވަނަ އާޔަތުގައި އަންގަވަނީ އަމާނާތްތައް އޭގެ އަހުލުންނަށް ރައްދު ކުރުމަށެވެ. މި އާޔަތް ތަތުބީގު ކުރުމުގައި އެންމެ ފުރަތަމަ ވިސްނަންވީ އަމާނާތްތެރި ވުމަކީ ހަމައެކަނި ވަދީއާ އަކަށް ރައްކާތެރިވެ އޭގެ މުއްދަތު ހަމަވީމާ އަނބުރާދިނުން އެކަނި ނޫން ކަމެވެ. އެކަމަކު ހަވާލު ކުރެވޭ ކޮންމެ ކަމެއް އެކަން ކުރަންޖެހޭ ގޮތަށް ކުރުމަކީ ވެސް އަމާނާތްތެރިވުން ކަމެވެ. އެހެންކަމުން ވަޒީފާގެ ޒިންމާތައް ފުރިހަމައަށް އަދާކުރުމާއި އަދުލުވެރިވުމާއި ހައްގުތައް އަދާކުރުން ފަދަ ކަންކަން ކުރަން ޖެހެ އެވެ.
ހަތަރުވަނަ މިސާލަކީ، ހަލާލު ވިޔަފާރި ކުރުމާއި ރިބާގެ މުއާމަލާތުން ދުރުހެލިވުމެވެ. އަލްބަޤަރާ ސޫރަތުގެ 275 ގައި ވަނީ މިކަމަށް އަމުރުކޮށްފަ އެވެ. މި އާޔަތް ތަތުބީގު ކުރުމަށްޓަކައި ހަލާލު މަސައްކަތްތައް ކުރުމާއި ގަނެވިއްކުމުގައި ހަރާމް ކަންކަމުން ދުރުހެލިވުމާއި ރިބާ އާއި އެ ނޫން ވެސް ހުއްދަ ނޫން އެހެން މުއާމަލާތު ތަކުން ދުރުހެލިވާން ޖެހޭނެ އެވެ.
ވީމާ، މިފާހަގަކުރި ކަންކަމުގެ އަލީގައި މިއަދު އަހަރެމެން ވިސްނަންވީ ކަމަކީ ޤުރްއާނަކީ ހަމައެކަނި ކިޔަވާ ފޮތެއްގެ ބަދަލުގައި ދިރިއުޅުމުގެ ދުވަހީ ހަޔާތުގައި އަހަރެމެންގެ ސުލޫކުން ފެންނަ ދިރިހުރި ހަރަކާތްތެރި ފޮތަކަށް ކީރިތި ޤުރްއާން ހެދޭތޯ ބެލުމެވެ.