ޖިންސީ ގުޅުމުން އަރާ، ގޮނޯރިއާ ނުވަތަ ކިހުނު ބަލި އާންމު އެންޓިބަޔޮޓިކަށް ނުގުޑާ ނުރައްކާތެރި ހާލަތަކަށް ބަދަލުވަމުން ދާކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދީފި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން 77 ގައުމެއްގެ ތަފާސްހިސާބާ ހަވާލާދީ ބުނީ ގޮނޯރިއާ އަކީ ހުރަސް ބޭނުންކުރުން އާންމުވުމާ އެކު މަދުވި ބައްޔެއް ކަމަށާއި އެކަމަކު އަނެއްކާވެސް އެ ބަލި އާންމުވާން ފަށައިފި ކަމަށެވެ. ހިސާބުތަކުން ދައްކާ ގޮތުން މި ބަލި މިހާރު ކޮންމެ އަހަރަކު 78 މިލިއަން މީހުންނަށް ޖެހެ އެވެ.

ކުރިން މިއީ ފަސޭހައިން ރަނގަޅުކުރެވޭ ބައްޔެއް ނަމަވެސް މިހާރު އާންމު އެންޓިބަޔޮޓިކްސް އަށް ވެސް ފަސޭހަ ނުކުރެވޭ ބައްޔަކަށް ބަދަލުވަމުން ދާ ކަމަށް ސިއްހަތު ޖަމިއްޔާއިން ބުންޏެވެ.

ގޮނޯރިއާ ފެތުރެނީ ހުރަސް ބޭނުން ނުކޮށް ޖިންސީ ގުޅުން ހިންގުމުންނެވެ. އެގޮތުން އަނގައިގެ ތެރެއިން ވެސް މި ބަލި އަރާނެ އެވެ. މިއީ ކުރިމަތީ ފަރާތަކަށާއި ފުރަގަސްފަރާތަށާއި އަނގަޔަށް ވެސް ޖެހޭ ބައްޔެކެވެ. ބީބީސީން ބުނީ ސިއްހަތު ޖަމިއްޔާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މިހާރު މި ބަލި ޖެހޭ މީހުންގެ ތެރެއިން ވަރަށް ގިނަ މީހުންގެ އަނގަޔާއި އަރު ތެރެއަށް މި ބަލި ޖެހޭތީ ކަމަށެވެ. މިއީ "އޯރަލް ސެކްސް" ގެ ސަބަބުން ބަލި ފެތުރޭ ގޮތެއް ކަމަށާއި މިކަމުގެ ސަބަބުން "ސުޕަ-ގޮނޯރިއާ" އަށް ބަދަލުވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ދެ ޖިންސުގެ މީހުންނަށް ވެސް ޖެހޭ ވޭން ބޮޑު މި ބަލީގެ ނުރައްކާ އެންމެ ބޮޑީ އަންހެނުންނަށެވެ. ކުރިމަތީ ފަރާތާއި ފުރަގަސް ފަރާތް ނުވަތަ އަނގަ ތެރެއަށާއި ލޮލަށް ވެސް ބަލި ޖެހިދާނެއެވެ. ކުރިމަތި ފަރާތުގެ އެހެނިހެން މައްސަލަތަކާއި ދަރިން ނުލިބުމާއި ދަށްބަނޑުގައި ރިއްސުމާއި ލޮލުގެ ފެނުމަށް ބުރޫއެރުމާއި ހުޅުހުޅުގައި ރިއްސުން ފަދަ އުނދަގޫތަކާ މި ބަލިން ކުރިމަތިވެ އެވެ. އަދި އެކްޓޮޕިކް ޕްރެގްނަންސީ (ނުބައި ތަނެއްގައި ދަރިފުޅު އަށަގަތުން) އާއި ދުވަސްނުފުރާ ވިހެއުން ފަދަ ކަންކަން ވެސް ދިމާވުން އެކަށީގެންވެ އެވެ.

ޖިންސީ ގުޅުން ހިންގުމުގައި ހައްދުން ނެއްޓި، ރައްކާތެރި ވަސީލަތްތައް ބޭނުންކުރުން މަދުވުމަކީ ގޮނޯރިއާ އާންމުވަމުން އަންނަ ސަބަބު ކަމަށް ސިއްހަތު ޖަމިއްޔާއިން ބުންޏެވެ. އަދި އެންމެ ބޮޑު ނުރައްކަލަކީ ފަސޭހައިން ފަރުވާކުރެވޭނެ ގޮތްތައް މިހާރު ނެތުން ކަމަށް ވެސް ބުންޏެވެ.