ގެނބިފައި 15 މިނިޓް އޮތް ކުއްޖެއްގެ ފުރާނަ ސަލާމަތްކޮށްފި

ސްވިމިން ޕޫލަކަށް ގެނބި ފެނު އަޑީގައި 15 މިނެޓް ވަންދެން އޮތް ތުއްތު ކުއްޖެއްގެ ސިކުނޑިއަށް ލިބުނު ގެއްލުންތައް ރަނގަޅުކޮށް އެ ކުއްޖާގެ ފުރާނަ ސަލާމަތްކުރުމުގައި ސައިންސްވެރިން ކާމިޔާބު ހޯދައިފި އެވެ.


އޮކްސިޖަން ތެރަޕީ ބޭނުންކޮށްގެން ސައިންސްވެރިން ވަނީ ދެ އަހަރުގެ މި އަންހެންކުއްޖާ އަށް މި އެކްސިޑެންޓް ދިމާވިތާ މަދު މަސްތަކެއްގެ ތެރޭގައި އަލުން ހިނގާބިނގާވެ ވާހަކަދެއްކޭ ވަރު ކޮށްދީފަ އެވެ. މިއީ މިފަދަ ގޮތަކަށް ކުއްޖަކު ސަލާމަތްކުރެވުނު ފުރަތަމަ ފަހަރެވެ.

މި ކުއްޖާ ސްވިމިން ޕޫލަށް ގެނބިފައި 15 ވަރަކަށް މިނެޓު އޮތެވެ. އަދި ސްވިމިން ޕޫލުން ނެގި ފަހުން ވެސް ހިތުގައި ވިންދު ނެތި ވެސް ދެ ގަޑިއިރުވި އެވެ.

ފެބްރުއަރީ 2016 ގައި ހިނގި މި އެކްސިޑެންޓުގައި ދެ އަހަރުގެ އީޑެން ކާލްސަން ވަނީ އޭނާގެ ގޭގައި އޮންނަ އާއިލީ ސްވިމިން ޕޫލަށް ވެއްޓިފަ އެވެ. އޭނާ ޕޫލްކައިރިއަށް ގޮސްފައި ވަނީ ބޭބީ ގޭޓަކުންނެވެ. ސްވިމިން ޕޫލުން އޭނާ ނެގިއިރު ތަނުގެ ފިނިމިނުގައި ފަސް ޑިގްރީ ސެލްސިއަސް ހުއްޓެވެ. އަދި އޭރު އެ ކުއްޖާ ޕޫލުގެ އަޑީގައި އޮންނަތާ 15 ވަރަކަށް މިނިޓް ވެއްޖެ އެވެ.

ހޮސްޕިޓަލަށް ގެންގޮސް މި ކުއްޖާގެ ފުރާނަ ސަލާމަތްކުރުމުގެ މަސައްކަތް ކޮށްފައިވެ އެވެ. ނަމަވެސް މަހެއްހާ ދުވަހު ހޮސްޕިޓަލުގައި އޮތްއިރު ވެސް މި ކުއްޖާއަށް ދިން އެއްވެސް ފަރުވާއަކުން އަސަރެއް ނުކުރި އެވެ. ކުއްޖާ އޮތީ ޕޫލުން ނެގިއިރު ވެސް އޮތް ހާލަތުގައި އެއްވެސް ހަރަކާތެއް ނެތި އެވެ.

ސިކުނޑީގެ ގްރޭ މެޓާގައި ފުން ޒަޚަމްތަކެއް ހުރި ކަމަށް އެމްއާރުއައި ސްކޭނުން ވަނީ ދައްކާފަ އެވެ. އަދި ގްރޭ އާއި ވައިޓް މެޓާ މަދުވަމުންދާކަން ވެސް ފާހަގަކޮށްފައިވެ އެވެ.

މި ކުއްޖާއަށް ދިން ފަރުވާއާ ބެހޭ ރިޕޯޓު ޖާނަލް މެޑިކަލް ގޭސް ރިސާޗްގައި ވަނީ ޝާއިއުކޮށްފަ އެވެ.