ސްޓީވަންސް ޖޯންސަންސް ސިންޑްރޯމް ޖެހިފައިވާ މީހެއް
21 އޯގަސްޓް 2017 - 13:40
އައިޖީއެމްއެޗްގައި ފަރުވާ ދިން ކުއްޖަކަށް ދިން ބޭހެއްގެ ސަބަބުން ކުއްޖާގެ މުޅި ހަށިގަނޑުގައި ފޮޅު ނަގައި ފާރުވި ކަމަށް ބުނެ އާއިލާއިން އަންނަނީ ޝަކުވާކުރަމުންނެވެ. ނަމަވެސް ހޮސްޕިޓަލުން ވަނީ އެ ތުހުމަތު ދޮގުކޮށް، އެއީ "ސްޓީވަންސް-ޖޯންސަންސް ސިންޑްރޯމް" ކިޔާ މައްސަލައެއް ކަމަށް ބުނެފަ އެވެ. މިއީ އާންމު ސިއްހީ މައްސަލައަކަށް ނުވާތީ މީގެ ހަގީގަތް އާންމުންނަކަށް ނޭނގެ އެވެ.
މިއީ ވަރަށް މަދުން ދިމާވާ ސިއްހީ މައްސަލަ އެކެވެ. މިކަން ކުއްލިއަކަށް ދިމާވާން މެދުވެރިވަނީ އާދައިގެ އިންފެކްޝަނެއްގެ ސަބަބުން ނުވަތަ ބޭހެއްގެ ސަބަބުން ދިފާއީ ނިޒާމަށް "އޯވާ ރިއެކްޝަނެއް" އައިސްގެންނެވެ.
ތިރީގައި މި ވަނީ އިނގިރޭސި ވިލާތުގެ "ދަ ސަން" ގައި މި ބައްޔާ ބެހޭ ގޮތުން ލިޔެފައިވާ ރިޕޯޓެއްގެ ތަރުޖަމާއެކެވެ.
މި ސިންޑްރޯމަށް ނަން ދީފައިވަނީ 20 ވަނަ ގަރުނުގައި މި ބަލި ދެނެގަތް ދެ ޑޮކްޓަރުންގެ ނަމުންނެވެ. މިކަން މެދުވެރިވުމުން ހަންގަނޑާއި ލޮލާއި އަނގަ އަދި ކަރުތެރޭގެ ހިސާބުތަކުގައި ފޮޅުނެގުމާއި ހަން ދިއުން ފަދަ ކަންތައްތައް ދިމާވެ އެވެ.
މިކަމުން އެންމެ ބޮޑަށް އަސަރުކުރަނީ އަނގަޔާއި ހަޖަމުކުރާ ނިޒާމާއި ބޮޑުކަމުދާ ނަޖިސް ނުކުންނަ ހިސާބާ ގުޅިފައިވާ މަޑު ޓިޝޫ ލޭޔާ ތަކަކަށެވެ. އަދި ދަރިމައިވުމުގެ ނިޒާމާ ގުޅޭ އެތެރެހަށީގެ ގުނަވަންތަކަށާއި އެހިސާބުގައިވާ ދަވައިން ލެވިފައިވާ ދުއްޔަށް ވެސް އަސަރު ކުރެ އެވެ.
ކުޑަކުދިންނަށް އާއްމުކޮށް މި ބަލި ޓްރިގާ ވަނީ ވައިރަލް އިންފެކްޝަންގެ ތެރޭގައި ހިމެނޭ ކޯފުއްޕި އަދި އަރިދަފުސް ރޯގާގެ ސަބަބުންނެވެ. އަދި އެހާ އާއްމު ނޫން ބެކްޓީރިއަލް އިންފެކްޝަނުންނެވެ.
ބޮޑެތި މީހުންނަށް މި މައްސަލަ ކުރިމަތިވަނީ ބޭހަކާ ނުގުޅިގެން އަންނަ ވަރުގަދަ ރިއެކްޝަނަކުންނެވެ.
ދިފާއީ ނިޒާމު ބަލިކަށި، ވައިރަލް އިންފެކްޝަނެއް ޖެހިފައިވާ މީހުންނަށް ނުވަތަ އާއިލާގެ މީހަކަށް މީގެ ކުރިން ސްޓީވަންސް-ޖޯންސަންސް ސިންޑްރޯމް ޖެހިފައިވާ ނަމަ މި ސިންޑްރޯމް ޖެހުމުގެ ނުރައްކާ އިތުރުވެ އެވެ.
އެންމެ ފަހުން އިނގިރޭސި ވިލާތުގައި މި ބަލި ޖެހުނު ކުދިންގެ ތެރޭގައި 18 މަހުގެ ކުޑަ އަންހެން ކުއްޖަކު ހިމެނެ އެވެ.
އޮސްޓްރޭލިޔާގެ މެލްބަންގެ، އުމުރުން އަށް އަހަރުގެ އިސަބެލް އޯލްސަން އަށް މި ބަލި ޖެހުމުގެ ސަބަބުން މި ކުއްޖާގެ ދެ ލޯ ވަނީ އަނދިރިވެފަ އެވެ. އަދި ވާހަކަ ދައްކާށާއި ހިނގަން ވެސް ޖެހުނީ އަލުން ދަސްކޮށްދޭށެވެ.
ދިހަ އަހަރުގެ ފިރިހެންކުއްޖަކަށް ވެސް މި ބަލި ޖެހުމުން ވެސް ދެ ލޯ އަނދިރިވި އެވެ. މި ކުއްޖާއަށް ސްޓީވަންސް-ޖޯންސަންސް ސިންޑްރޯމް ޖެހުނީ ޑޮކްޓަރަކަށް ނުދައްކާ، އާއްމުކޮށް ފިހާރަތަކުން ގަންނަން ލިބޭ ބޭހެއް ކެވިގެންނެވެ.
ސްޓީވަންސް ޖޯންސަންސް ސިންޑްރޯމް ޖެހުމުން ނަގާ ބިހިތައް ފުރަތަމަ ހުންނަ ގޮތް
މި ބަލީގެ ނިޝާންތައް ފެންނަން ފެށުމުގެ ކުރިން ގިނަ ބަޔަކު އަރިދަފުސް ރޯގާ ޖެހުމުން ދިމާވާ ބޮލުގައި ރިހުން، ހުޅުތަކުގައި ރިހުން އަދި ކެއްސުން ފަދަ ކަންތައްތަކެއް ދިމާވެ ބަލިވެގެން އުޅެ އެވެ. ގައިން ބިހިތައް ނަގައިގަންނަނީ އެގޮތަށް ބަލިވެ އުޅޭތާ ދުވަސްކޮޅެއް ފަހުންނެވެ. މި ބިހިތައް ހުންނަނީ ވަށްކޮށެވެ. މެދުގައި ތަންކޮޅެއް އަނދިރިކުލައެއްގެ ބިއްސެއް އިނދެފައި ވަށައިގެން ތަންކޮޅެއް އަލި ކުލައެކެވެ.
މި ބިހިތަކަކީ އެހާ ހިރުވާ އެއްޗެއް ނޫނެވެ. ނަމަވެސް މަދު ގަޑިއިރުތަކެއްގެ ތެރޭގައި ބިހިތައް ބޮޑެތިވެ ބޮޑެތި ފޮޅުތަކަކަށްވެ އެވެ. އަދި ފޮޅުތައް ކަނޑައިގެން ދިއުމުން އެތަންތަން ފާރުވެ އެވެ.
މޫނާއި ތުންފަތް ދުޅަވުމާއި މަތި ބެދިފައި ހުންނަ ފާރުގަނޑުތައް ހުރުމަކީ މި ބަލީގައި ދިމާވާ ކަމެކެވެ. އަނގަޔާއި ކަރުތެރޭގައިވާ ތުނި ދުލިފަށުގައި ވެސް ފޮޅުލައި ކައި ބޮއި އުޅުމަށް ދަތިވުމުގެ ނަތީޖާއަކަށް ވަނީ ގައިން ފެން މަދުވެ ސީރިއަސް ސިއްހީ މައްސަލަތައް ދިމާވުމެވެ.
ލޮލުގެ ސާފަސް އަށް ވެސް ބައެއް ފަހަރަށް އަސަރުކޮށް އެކަށީގެންވާ ފަރުވާއެއް އަވަހަށް ނުދެވިއްޖެ ނަމަ ލޯ ތެރެ ވެސް ފާރުވާން މެދުވެރިވެ އެވެ.
ސްޓީވަންސް-ޖޯންސަންސް ސިންޑްރޯމް ޖެހިފައިވާކަން ޔަގީންކަމާ އެކު ބުނަން އެނގޭނީ ހަމުގެ ޚާއްސަ ޑޮކްޓަރުންނަށެވެ. ނަމަވެސް މި ބަލި ޖެހިފައިވާކަން ޔަގީންކުރަނީ ބައޮޕްސީ ހަދައިގެންނެވެ.
ބަލި ހުރިކަން ޔަގީންވެއްޖެ ނަމަ އަވަހަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ފަށަން ޖެހެ އެވެ. ހޮސްޕިޓަލުން ދޭ ފަރުވާ ލަސްވެއްޖެ ނަމަ ފުރާނައަށް ނުރައްކާވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
މި ބަލި ޖެހުމުގެ ސަބަބުން ހަންގަނޑަށް ބޮޑުވަރު ވެފައިވާ މީހުންނަށް އިންޓެންސިވް ކެއާގައި ނުވަތަ ފިހިފައި ތިބޭ މީހުން ބައިތިއްބާ ޔުނިޓުގައި ފަރުވާ ދޭން ޖެހެ އެވެ. މިގޮތަށް ފަރުވާ ދޭއިރު މިކަން މެދުވެރިވީ ކޮން ބޭހެއް ބޭނުން ކުރެވިގެންތޯ ދެނެގަތުމުގެ މަސައްކަތް ޑޮކްޓަރުން ކުރާނެ އެވެ.
ހޮސްޕިޓަލުގައި މި ބައްޔަށް ބޭސް ކުރަނީ ބާރުގަދަ ޕެއިންކިލާ ދީގެންނާއި ހަންގަނޑު ފިނިކުރަން ކޫލް ކޮމްޕްރެސް އަޅައިގެންނެވެ. އެއްވެސް މީރު ވަހެއް ނުހުންނަ މޮއިސްޗަރައިޒާއެއް ގަވާއިދުން އުނގުޅައިގެން އަދި ކޯޓިކޯސްޓެރޮއިޑް ބޭހެއް ދީގެން ހަމުގައިވާ އިންފްލްމޭޝަން ކޮންޓްރޯލް ކުރަން މަސައްކަތް ކުރެވޭނެ އެވެ.
ބައެއް ހާލަތުތަކުގައި، ބަލި ޖެހިފައިވާ ކުދިން ނުވަތަ މީހުންނަށް އަނގައިން އެއްޗެހި ނުދިރުވިގެން ނޭފަތަށް ހޮޅި ގުޅައިގެން ކާ އެއްޗެހި އަޅަ އެވެ.
ބަލި ދެނެގަނެވުމަށް ފަހު ހަމަށް އައި ރިއެކްޝަނަށް ފަރުވާ ކުރަން ފެށުމުން މަޑުމަޑުން އެ ރިއެކްޝަން އައުން ހުއްޓި ހަންގަނޑު ފަސޭހަވެ ދުވަސްކޮޅަކުން އާ ހަން އަރާގޮތް ވާނެ އެވެ.
ބަލި ފަސޭހަވުން އަވަސްވެ ލަސްވުން ބިނާވާނީ އެމީހަކަށް ބަލި ޖެހުނު މިންވަރަކަށެވެ. ބައެއް މީހުން ބަލި މުޅިން ފަސޭހަވާން އެތައް ހަފުތާއެއް ނަގާއިރު އަނެއްބައި މީހުން މުޅިން ފަސޭހަ ވަނީ އެތައް މަސް ދުވަހަކުންނެވެ.
ބަލި ރަނގަޅުވުމަށް ފަހުވެސް ވަރަށް ގިނަ ބަދަލުތައް ހަންގަނޑަށް އާދެ އެވެ. އޭގެ ތެރޭގައި ހަންގަނޑުގެ ކުލަ ބަދަލުވުމާއި ލަކުނު ލުން ފަދަ ކަންތައް ހިމެނެ އެވެ. އަދި ސެލުލައިޓީސް ކަހަލަ ސެކަންޑަރީ ސްކިން އިންފެކްޝަނެއް ވެސް ޖެހިދާނެ އެވެ. ބައެއް މީހުންގެ އެތެރެހަށީގެ ބައެއް ގުނަވަންތަކަށާއި ލޮލަށް އަދި ޖިންސީ ގުނަވަންތަކަށް ވެސް މައްސަލަތައް ދިމާވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާހިލް
23 August 2017
ޕެރަސެޓަމޯލް އަކީ ތަފާތު ގައުމުތަކުގަ ނަންތަފާތު ބޭހެކެވެ. ކޮންމެ ނަމެއްކިޔަސް އަސްލު އެއްޗެކީ ހަމަ ޕެރެސެޓަމޯލް އެވެ. މިސާލަކަށް ޕެރަނޯލް، ޕެނަޑޯލް، ކަލްޕޯލް، ޓައިރެނޯލް އަކީވެސް ޕެރަސެޓަމޯލް އެވެ. https://en.wikipedia.org/wiki/Paracetamol_brand_names
އިސްމާއިލް
21 August 2017
އަޅުގަންޑަށް ތިބަލި ޖުހުނު.. ޑޮކްޓަރުންބުނި މަރުވާނޭ.. އަހަރެން ރަންގަޅުވީ ރުގްޔާކޮއްގެން..
ފާތުން
21 August 2017
އަޅުގަނޑުގެ ދަރިފުޅަށް 2ފަހަރު ޖެހުނު. އައި.ޖީ.އެމް.އެޗް އަދި ތިނަދޫ އަބްދުސަމަދު މެމޯރިއަލް ހޮސްޕިޓަލުން ފަރުވާ ހޯދީ.
ކީކޭ ބުނާނީ
21 August 2017
މިދައްކަނީ ޕެރަސެޓަމޯލްގެ މައްސަލައެއް ނޫން. މިދައްކަނީ ޕެރަމޯލް ބުރޭންޑް ޕެރަސެޓަމޯލްގެ ވާހަކަ. ޙީވަނީ އެކުއްޖާ އަލަށް ޕެރެސެޓަމޯލް ކައިގެން އުޅޭހެން. ޢަޅުގަނޑަށް ގަބޫލް ކުރެވޭ ގޮތުގައި އެކުއްޖާ މީގެ ކުރިންވެސް ޕެރަސެޓަމޯލް ބޭނުން ކޮށްފައި ހުންނާނެހެން. މިކޭސްގައި ބެލެވެނީ ދެވިގެން އެއުޅެނީ ފޭކް ޕެރަސެޓަމޯލްހެން . ޙަގީގަތް ބުނެދެން އައިޖީއެމްއެޗް ޖެހިލުންވަނީބާ؟
ކޯކް
21 August 2017
ބޭސް އުފެއްދީ ވެސް އައި ޖީ އެމް އެޗް އިން ތަ؟
އޭނަ
22 August 2017
ޑޮކްޓަރު ލިޔާނީ ޕެރަސެޓަމޯލް.. އެކަމަކު ބެލެނިވެރިޔާ ފާމަސީ އަށް ގޮސް ތަފާތު ބްރޭންޑްގެ ޕެރަސެޓަމޯލް ގަންނަނީ..
ކަރަންކާ
21 August 2017
އެހެންވީމަ އައިޖީ އެމް އެޗްގެ ވާހަކަ ހީވަނީ ގޯސް ނޫންހެން. މި އާޓިކަލްގެ ކަންކަމާ ވަރަށް އެއްގޮތަށް އެވީ. އެ ބޭސް ބޮއިގެން ވީކަމެއްކަމަށް ބެލެވެނީ. މާހުން ގަދަވީމަ ގިނައިން ބޭސ ދެވުނީކަމަށްވެސް ވެދާނެ.
ޒާހިދު
21 August 2017
އައިޖީއެމްއެޗް ގެ ނޫސް ބަޔާނުގަ މިބައްޔައް ކިޔާ ނަން ޖަހާފަ އޮތް ކިހިނެއް އެގުނީ އާޓިކަލްގަ އޮތްގޮތުން މިބަލި ދެނެގަނަވެނީ ހަމަ އެކަނި ބަޔޮޕްސީ ހަދައިގެން ހަމަ ޔަގީނުން ވެސް މީގެ 6 މަސްކުރިން ބަޔޮޕްސީ ނެހެދޭ އެތަނުން ވެދާނެ ލަންކާ ހޮސްޕިޓަލައް ގުޅާގެން މައުލޫމާތު ހޯދައިގެން ނޫސްބަޔާން ނެރެލީ ކަމައް
ޝޫން
21 August 2017
ތިއިން އެއްވެސް އަލާމާތެއް ނިޝާނެއް އެކުއްޖާ ގަޔަކު ނެތް. ހޮސްޕިޓަލުން އިހުމާލުވެފަ މިޮއޮތީ. އޮޅުވާނުލާ
ޖަމަލޭއަށް
21 August 2017
ހަމަ އާޓިކަލް ކިޔާފަތަ ތި ކޮމެންޓް ކުރަނީ... މީހުންގެ ހިތްތަކުގައި ނަފްރަތް އުފެދޭގޮތަށް ވާހަކަ ނުދައްކަބަލަ
ޖަމަލޭ
21 August 2017
އަދިވެސް ހޮސްޕިޓަލުން އެކަން ދޮގު ކުރޭ.