ތަލަ ފިރިހެނުން ހަރުދަނާ ކަމަށް އަންހެނުން ދެކޭ

ބޮލުގެ އިސްތަށިގަނޑު ތުނިވެ ބޮލު މެދުން ދިއްލޭތީ އެކަމާ ފިކުރުކުރާ މީހުން މި ކިޔާލާފައި ހިތްހަމަޖައްސާލާށެވެ. ތަލަ ފިރިހެނުންނަކީ އަމިއްލަ ނަފްސަށް އިތުބާރު އޮންނަ، ބަސް ވިކޭ މީހުންގެ ގޮތުގައި އަންހެނުން ދެކޭ ކަމަށް ޔުނިވަސިޓީ އޮފް ޕެންސިލްވޭނިއާގެ ތަޖުރިބާކާރުންގެ ދިރާސާއަކުން ދައްކައިފި އެވެ.


މި ދިރާސާކުރުމަށް ކޮލެޖް ދަރިވަރުންތަކެއް ބޭނުންކޮށްގެން ތަފާތު ތިން ޓެސްޓެއް ހެދި އެވެ. މި ދަރިވަރުންގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ވެސް ހިމެނެ އެވެ. ފިރިހެނުންގެ ފޮޓޯ ދެއްކުމަށް ފަހު އެ މީހުންގެ ކިބައިން ފެންނަ ރީތިކަމާއި އަމިއްލަ ނަފްސަށް އިތުބާރު ކުރުމާއި އެހެން މީހުންގެ ކުރިމަތީގައި ބަސް ވިކޭ މިންވަރު ހުންނާނެ ކަމަށް ބެލެވޭ ގޮތް ލަފާކުރުމަށް ބުންޏެވެ. މިގޮތަށް ބައެއް މީހުންގެ ފޮޓޯ ދެ ފަހަރު ވެސް ދައްކާފައިވެ އެވެ. އެއީ ބޮލުގައި އިސްތަށި ހުރި ފޮޓޯ އާއި ތަލަކޮށް ހުއްޓާ ނަގާފައިވާ ފޮޓޯ އެވެ.

މިގޮތަށް ފޮޓޯ ދައްކައިގެން ކުރި ދިރާސާއިން އެނގުނީ ތަލަކޮށް ތިބި މީހުންގެ ކިބައިން އަމިއްލަ ނަފްސަށް އިތުބާރު ކުރުމާއި ހަރުދަނާ ކަމުގެ ސިފަ މާބޮޑަށް ފެންނަ ކަމަށް، ދިރާސާގައި ބައިވެރިކުރި ގިނަ އަންހެނުންނަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި އެ މީހުންގެ އިސްކޮޅު ހުންނާނެ ކަމަށް ލަފާކުރެވޭ ވަރު ވެސް ބުނުމަށް ދިރާސާގެ ބައިވެރިންނާ ހަވާލުކޮށްފައި ވާއިރު، ތަލަ މީހުންގެ އިސްކޮޅު ލަފާކުރުމުގައި އެވްރެޖްކޮށް އެއް އިންޗި ދިގު ކަމަށް ބުނެފައިވެ އެވެ. މާނަ އަކީ ތަލަ މީހުން އިސްކޮޅުން ދިގު ކަމަށް ވެސް ހީވުމެވެ.

ދިރާސާ ޓީމުން ބުނީ އެއް ބައެއްގެ ފޮޓޯ، ބޮލުގައި އިސްތަށި ހުއްޓާ އަދި ތަލަވެފައި ވަނިކޮށް ދެއްކުމުން ވެސް އެ މީހުންނާ މެދު ދެކޭ ގޮތް ބަދަލުވެފައި ވާތީ، މި ދިރާސާގައި އެ ބުނާ ސިފަތައް އަންހެނުން ވަޒަންކޮށްފައި ވަނީ އެ ފިރިހެނުންގެ ތަލަޔަށް ނިސްބަތްކޮށްގެން އެކަނިކަން ޔަގީންވާ ކަމަށެވެ.

މި ދިރާސާއިން ދެއްކި ގޮތުގައި ތަލަ މީހުންނަށް ވުރެ ބޮލުގައި އިސްތަށި ހުންނަ ފިރިހެނުން ބަލައިލަން ރީތި ކަމަށް އަންހެނުން ގަބޫލުކުރެ އެވެ.

ދިރާސާ ޓީމުން ބުނި ގޮތުގައި، މި ނަތީޖާއަށް ބަލާއިރު، ބޮޑެތި ކަންކަމުގައި މީހުންނާ މަޝްވަރާކޮށްގެން ކަންކަން ހައްލުކުރަން ޖެހޭ ހާލަތްތަކުގައި ތަލަ މީހުންނަށް އެ ކަންކަން ކާމިޔާބުކުރެވުމުގެ ފުރުސަތު ބޮޑުވުން އެކަށީގެންވެ އެވެ.

އެކަމަކު ދެން އޮތީ ހިތާމަވެރި ވާހަކައެކެވެ. މި ދިރާސާއިން ދައްކާފައި ވަނީ ތަލަ މީހުން އެ މީހުންގެ އުމުރަށް ވުރެ ހަތަރު އަހަރު މުސްކުޅި ކަމަށް ދައްކާ ކަމަށެވެ.