ގޭތެރޭގައި ހާމަޔަށް އޮންނަ އެއްޗެއް ވެސް ނުފެނިގެން ފިރިހެނަކު އުޅެފާނެ އެވެ. އެކަހަލަ ކަމެއްގައި ފިރިހެނަކު ދެކެ ރުޅި އައިސްގެން އެއްޗެކޭ ބުނެވިފައި އޮތް ނަމަ އެ މީހެއްގެ ކިބައިން އަވަހަށް މާފަށް އެދޭށެވެ.

ފިރިހެނެއް ގާތު، އެވެނި ތަނެއްގައި މިވެނި އެއްޗެއް އޮންނާނޭ ބުނުމުން އެތަން ކިތަންމެ ވަރަކަށް ހޯދާފައި ވެސް ނެތޭ ބުނެފާނެ އެވެ. މިހެން ވުމުން ބައެއް ފިރިހެނުން ހީކުރަނީ އަންހެނުން އެއްޗެހި ފޮރުވަން، ނުފެންނަ ތަންތަނަށް އެއްޗެހި ލަނީ ކަމަށެވެ. އެކަމަކު އެއްޗެހި ނުފެންނަ ކަމަށް ހަދައިގެން ފިރިހެނުން ކަންފަސޭހަކޮށްލަނީ ކަމަށް އަންހެނުން ހީކޮށްފާނެ އެވެ.

އަންހެނުންނާއި ފިރިހެނުންގެ ޖެނެޓިކް ތަފާތުތައް ގިނަ އެވެ. މީގެ ތެރެއިން، އެއް ކަމަކީ ކުލަތައް ފެނުމާއި ފާހަގަވުމުގެ ގާބިލްކަން އަންހެނުންގެ ކިބައިގައި ބޮޑަށް ހުރުމެވެ. ކޮންމެ ފަރާތަކަށް ވެސް، މައްޗަށް އަދި ތިރިއަށް ވެސް ގާތްގަނޑަކަށް 45 ޑިގްރީގެ ސަރަހައްދެއް އަންހެނުންނަށް ސާފުކޮށް ފެނެ އެވެ. ގާތްގަނޑަކަށް 180 ޑިގްރީ ފެނެ އެވެ.

އެކަމަކު ފިރިހެނުންނަށް ރީތިކޮށް ފެންނަނީ ހުރި ދިމާލުން ދުރެވެ. ކައިރީގައި ހުންނަ އެއްޗެހި ހޯދުމަކީ އެ މީހުންނަށް އެހާ ފަސޭހަ ކަމަކަށް ނުވެ އެވެ. އެއީ ކައިރީގައި ހުންނަ އެއްޗެހި އެހާ ބޮޑަށް ފާހަގަ ނުވާތީ އެވެ. ބޮޑެތި ފިރިހެނުން ނޫނަސް ކުޑަ ކުދިންގެ ކިބައިން ވެސް ހަމަ މިކަން ފާހަގަވެ އެވެ.

އެހެންވެ ފިރިހެނަކު އެއްޗެއް ހޯދަން އެތައް އިރެއް ވަންދެން ތަނެއް ހޭވިޔަސް އެކަން މާބޮޑު ކަމަކަށް ނުހަދާށެވެ. އެއީ އެ މީހުންގެ ގޮތެވެ.