ރީތި ފިރިހެނުންގެ އަނބިން މި ކިޔާލަން ވާނެ

ކޮންމެ މީހަކު ވެސް ބުނާނީ އެ މީހެއްގެ ފިރިމީހާ ނުވަތަ އަނބިމީހާ އަކީ އެންމެ ރީތި މީހާ ކަމަށެވެ. އެކަމަކު ބޮޑީ ހަގީގަތަކަށް ނުވުމުގެ ފުރުސަތެވެ. ސިފަ މުހިންމު ނޫން ކަމަށް ވެސް ބުނާނެ އެވެ. އެކަމަކު ގިނަ ފަހަރު އެއީ ހަމަ ހުސް ވާހަކައެކެވެ.


ބޮޑީ އިމޭޖް ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާއާ މެދު ވިސްނާލަން ޖެހެނީ އެހެންވެ އެވެ. އޭގައި ބުނަނީ ހަށިގަނޑާ މެދު އަޅާނުލައި ކެއުމުގެ ރަނގަޅު އާދައެއް ގެންގުޅުމަށް ސަމާލުކަން ނުދޭ އަންހެނުންގެ ތެރެއިން ގިނަ މީހުންނަކީ ރީތި ފިރިން ތިބި މީހުން ކަމަށެވެ. މާނަ އަކީ ރީތި ފިރިޔަކު ހުރި ނަމަ އެ މީހެއްގެ އަނބިމީހާ ރީއްޗަށް ހުންނަން ކުރާ މަސައްކަތް ކުޑަވުމެވެ.

ފްލޮރިޑާ ސްޓޭޓް ޔުނިވަސިޓީގެ މި ދިރާސާގައި ބުނަނީ އަނބިމީހާ އާއި ފިރިމީހާގެ ރީތިކަމާއި އެ މީހުންގެ ކެއިންބުއިމުގެ އާދަ އާއި ކަސްރަތުކުރުން ފަދަ ކަންކަމާ ގުޅުން އެބަހުރި ކަމަށެވެ. އަނބިމީހާ، އޭނާ އަކީ ފިރިމީހާއާ އަޅާބަލާއިރު މާ ރީތި މީހެއް ކަމަށް ގަބޫލުކުރާ ނަމަ ޑައެޓް ކުރުން ފަދަ ކަންކަމަށް ދޭ ސަމާލުކަން ކުޑަ ކަމަށް، ޒުވާން އުމުރުގެ 113 ދެމަފިރިއަކާ ސުވާލުކޮށްގެން ކޮށްފައިވާ ދިރާސާގެ ނަތީޖާއިން ދައްކަ އެވެ.

މި ދިރާސާއިން އެނގުނު ގޮތުގައި ލޫޅާފަތި ހަށިގަނޑެއް ހޯދަން މަސައްކަތްކުރުމުގެ ފުރުސަތު އެންމެ ބޮޑީ، ފިރިމީހާއާ އަޅާބަލާއިރު ހުތުރު މީހެއް ކަމަށް ގަބޫލުކުރާ އަނބިންނެވެ.

މިކަމުގައި ފިރިހެނުންގެ ވިސްނުމަކީ ކޮބައިހެއްޔެވެ؟ ދިރާސާއިން ދެއްކީ އަނބިމީހާ ރީއްޗަސް، ހުތުރަސް ހަށިގަނޑަށް ބަލައިގެން އުޅުމުގައި ފިރިހެނުން ގެންގުޅޭ ވިސްނުމުގައި ތަފާތެއް ނުހުންނަކަމެވެ.

މި ދިރާސާކުރި ޓީމުން ބުނީ މިއީ އަންހެނުން ޑައެޓްކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމާއިރު އެ މީހެއްގެ ފިރިހެން ބައިވެރިޔާ އާއި އޮންނަ ގުޅުމާ ބެހޭ ގޮތުން ކަންކަން އެނގެންޖެހޭކަން ހާމަކޮށްދިން ދިރާސާއެއް ކަމަށެވެ.