އެބޯޝަން ހަދައި އެއްލައިލިތާ 20 އަހަރު ފަހުން މަންމަ ހޯދައިފި

މިއީ ބަނޑަށް އަށް މަހުގައި އެބޯޝަން ހަދައިގެން ވައްޓާލުމަށް ފަހު، ކުނިއަޅާ އެއްޗަށް އެއްލާލާފައި އޮއްވާ ނަރުހެއްގެ އޯގާތެރިކަމުން ސަލާމަތްކުރި ކުއްޖެއްގެ އާދަޔާޚިލާފު ވާހަކަ އެވެ.


މެލީސާ އޯޑެންގެ މަންމަ އެމެރިކާގެ އަޔޯވާގެ ހޮސްޕިޓަލަކުން ނުކުމެގެން ދިޔައީ އޭނާގެ ބަނޑުގައި އޮތް ކުއްޖާ ވައްޓާލަން ފަސް ދުވަސް ވަންދެން އޭނާގެ ރަހިމަށް ފޮނުވި ވިހަ ސޭލައިން ސޮލިއުޝަނުން އޭނާގެ ދަރިފުޅު މަރުވެގެން ވެއްޓިފައިވާ ކަމަށް ގަބޫލުކޮށްގެންނެވެ. އެ އެބޯޝަނަކީ އޭނާ ބޭނުންވެގެން ކުރި ކަމެއް ނޫނެވެ. އެ ދުވަހު އެބޯޝަން ހަދައިގެން ވައްޓާލި ދަރިފުޅު ދުނިޔޭގައި ހުރިކަން އޭނާއަށް އެނގުނީ 36 އަހަރު ފަހުންނެވެ.

އެމެރިކާގެ ކެންސަސް ސިޓީގައި ދިރިއުޅޭ މެލީސާ، 40، އަށް އޭނާގެ ބިރުވެރި މާޒީ އެނގުނީ 20 އަހަރު މަސައްކަތް ކޮށްގެންނެވެ. އެ ދުވަހު އޭނާއަށް އެނގުނު ގޮތުގައި އޮގަސްޓް 1977 ގައި އޭނާ ސަލާމަތްވީ ހިތްހެޔޮ ރަނގަޅު ނަރުހެއްގެ ސަބަބުންނެވެ.

މެލީސާގެ މާމަ އަކީ އެބޯޝަން ހެދި ހޮސްޕިޓަލުގެ ނަރުހެކެވެ. އެހެންވެ އެބޯޝަން ހަދާފައި ކުއްޖާ މަރުނުވާ ނަމަ މަރުވަންދެން ބާއްވަން އެހެން ސްޓާފުންނަށް އަމުރު ކުރީ ވެސް އޭނާ އެވެ. އެހެންވެ ކުއްޖާ އޮތީ ކުނި އަޅާ އެތި ތެރޭގައި މަރުވަންދެން ބާއްވާފަ އެވެ. ނަމަވެސް ކުއްޖާ ރޯ އަޑު އިވުނު ނަރުހަކު އޭނާ ނަގައިގެން ދުވަމުން ޑޮކްޓަރުން ކައިރިއަށް ގެންގޮސް ފަރުވާ ދޭން ފެށީ އެވެ. އަދި މެލީސާގެ މާމައަށް އެކަން ސިއްރުކޮށްފައި ބޭއްވީ ވެސް އެ ނަރުހެވެ. އެހެން ނޫން ނަމަ މެލީސާގެ މާމަ މެލީސާ މަރާލަން މަސައްކަތް ކޮށްފާނެކަމުގެ ބިރު އެ ނަރުހަށް އޮތެވެ.

އޭރު މެލީސާގެ މަންމަގެ އުމުރުން އެންމެ 19 އަހަރެވެ. އެބޯޝަން ހެދީ މެލީސާގެ މާމަ މަޖުބޫރުކޮށްގެންނެވެ.

މެލީސާގެ މި ތަޖުރިބާ އޭނާ ލިޔެ "ޔޫ ކެރިޑް މީ: އަ ޑޯޓާޒް މެމޯ"ގެ ނަމުގައި ޝާއިއުކޮށްފަ އެވެ. މި ފޮތުގައި މެލީސާ އޭނާގެ މާމަ އާއި މަންމަގެ ނަން ހާމަކޮށްފައެއް ނުވެ އެވެ. އޭނާ ބުނެފައިވަނީ ކޮންމެވެސް ގޮތަކުން އޭނާ ވަނީ މަންމަ އަށާއި މާމަ އަށް މާފުކޮށްފައި ކަމަށެވެ.

"މަންމައަށް އޮތީ ރިހުން ކަނޑުވާ ބޭސް ދީފަ. އެހެންވެ މަންމައަކަށް ވީނުވީއެއް ނޭނގުނު. އަދި އަހަރެން އުފަންވީ ދިރިހުއްޓާ ކަމެއް ވެސް މަންމައަކަށް ނޭނގޭ. މަންމައަށް ހަގީގަތް އެނގުނީ އޭގެ 30 އަހަރު ފަހުން،" މެލީސާ އޭނާގެ ފޮތުގައި މަންމައާ ބެހޭ ގޮތުން ބުނެފައިވެ އެވެ.

މެލީސާ އެޑޮޕްޓްކުރީ އެމެރިކާގެ މިސޫރީގެ ދެމަފިރިއެކެވެ. އެމީހުން އޭނާއަށް ލޯބިދީގެން ގެންގުޅެފައިވެ އެވެ. އޭނާ އުފަންކުރި މަންމައާ އޭނާއާ ބައްދަލުވީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. މަންމަ ހޯދީ 17 އަހަރު ވަންދެން އޭނާ ކުރި ބުރަ މަސައްކަތުންނެވެ.

މެލީސާގެ މަންމަގެ އެބޯޝަން ހަދައިދިން ޑޮކްޓަރުން ހީކުރީ ބަނޑަށްވީ އެންމެ 20 ހަފުތާ ކަމަށެވެ. ނަމަވެސް ސޭލައިން ދޫކުރުމުން ވެސް ކުއްޖާ ސަލާމަތްވީ މަދުވެގެން ވެސް ބަނޑަށް 31 ހަފުތާ ވެފައި ވާތީކަމަށް ފަހުން އެމީހުންނަށް ވެސް ގަބޫލު ކުރެވުނެވެ. ސޭލައިން ދޫކޮށްގެން މިހާރު އިނގިރޭސި ވިލާތާއި އެމެރިކާގައި އެބޯޝަނެއް ނަހަދަ އެވެ. ނާކާމިޔާބު ވާލެއް ގިނަކަމުންނެވެ.

ވިހަ ސޭލައިން ބޮވިގެން ތުއްތު މެލީސާ އަށް ވަރަށް ގިނަ ސިއްހީ މައްސަލަތައް ކުރިމަތިވި އެވެ. ނޭވާ ނުލެވުމާއި ފިޓް ޖެހުން ފަދަ ކަންތައްތައް ދިމާވި އެވެ. އޭރު އޭނާއަށް ފަރުވާދިން ގިނަ ޑޮކްޓަރުން ހީކުރީ އޭނަގެ ލޮލުގެ ފެނުމަށާއި އިވުމަށް އަދި ހެދި ބޮޑުވުމަށް ވެސް ވަަރަށް ނޭދެވޭ އަސަރުތައް ކުރާނެ ކަމަށެވެ.

ތިން މަހުގައި މެލީސާ އެޑޮޕްޓްކުރީ ލިންޑާ އާއި ރޮން ކްރޮސް އެވެ. އެމީހުން އޭގެ ކުރިން ވެސް އަންހެންކުއްޖަކު އެޑޮޕްޓްކުރި އެވެ.

ނަސީބަކުން މެލީސާގެ އުމުރުން ފަސް އަހަރުވީއިރު އޭނާގެ ސިއްހަތު ރަނގަޅުވެ ހެދިބޮޑުވުން ވެސް ހަމައަކަށް އެޅުނެވެ. މެލީސާ އެޑޮޕްޓްކުރި ދެމަފިރިން އެމީހުންނަށް ދަރިއެއް ނުލިބޭނެކަމަށް ނިންމައި މެލީސާ އާއި އެހެން ކުއްޖަކު އެޑޮޕްޓްކޮށްގެން ގެންގުޅެމުން އައިސް މެލީސާގެ އުމުރުން ހަ އަހަރު ފުރުނުތަނާ އެމީހުންނަށް ދަރިއަކު ލިބުނެވެ. ޑަސްޓިން ނަމަކަށް ކިޔާ މި ފިރިހެން ކުއްޖާ ލިބުނަސް އެޑޮޕްޓްކުރި ދެ ކުދިންނަށް އެ ދެމަފިރިން ކަންތައް ކޮށްދީފައިވަނީ ވަރަށް ލޯބިންނެވެ.

މެޑިކަލް ރެކޯޑްތަކުން މެލީސާގެ ބައްޕަ އަކީ ކާކުކަން ވެސް އޭނާ އޮޅުން ފިލުވި އެވެ. ނަމަވެސް ބައްޕައާ ހަމައަށް ނުދެވިގެން އުޅެނިކޮށް އޭނާގެ މަރުގެ ޚަބަރު ނޫސްތަކުން ފެނުނެވެ.

އެ ދުވަސްވަރު މެލީސާ ވަނީ ރަޔަން ކިޔާ މީހަކާ ކައިވެނިކޮށް ދެ ދަރިން ވެސް ލިބިފަ އެވެ.

މެލީސާގެ އުމުރުން 36 އަހަރުވީ ފަހުން އެއް ދުވަހަކު ކުއްލިއަކަށް އޭނާގެ މަންމަ ފަރާތު ދެބެންގެ ދެދަރި މީހަކަށް އޭނާ އެ އާއިލާގެ މީހުން ހޯދާކަން އެނގިގެން މެލީސާ އަށް ގުޅީ އެވެ. ފަހުން މެލީސާ އަށް އެނގުނު ގޮތުގައި އޭނާގެ މަންމަ އާއި ބައްޕައަކީ ކުޑައިރުއްސުރެ ލޯބިވެގެން އުޅުނު ދެ މީހުންނެވެ. ނަަމަވެސް މެލީސާގެ މާމަ އާއި ކާފަ ނުގަބޫލުވެގެން އެމީހުންނަށް ކައިވެނި ކުރެވޭ ގޮތް ނުވީ އެވެ.

މެލީސާގެ މަންމަ އަކީ ވަރަށް ގަދަޔަށް ކުޅިވަރު ކުޅެ އުޅުނު މީހަކަށް ވާތީ ބަލިވެ އިނދެ ފުރަތަމަ ދެ ޓްރައިމިސްޓާ ފުރިހަމަ ވީއިރުވެސް އޭނާއަކަށް އެކަމެއް ނޭނގެ އެވެ. ބަލިވެ އިންކަން މެލީސާގެ މާމަ އަށް އެނގުނު ހިސާބުން މަޖުބޫރުން އެބޯޝަނެއް ހެއްދީ އެވެ.

މެލީސާ އާއި އޭނާގެ މަންމަ އާއި ބައްދަލުކޮށްދިނީ އޭނާއާ ފުރަތަމަ ގުޅި ދެބެންގެ ދެ ދަރި މީހާ އެވެ. މަންމަ އާ ބައްދަލުވުމުން ދެމައިން އެކަކު އަނެކަކުގެ ގައިގައި ބައްދާ ވަރަށް ރޮއި ހެދި ކަމަށް މެލީސާ ލިޔެފައި ވެއެވެ.

"މަންމަގެ ހިތުގައި، ވަރަށް ބޮޑު ކުށެއް ކުރެވިފައިވާ ކަމުގެ އިހްސާސްތައް އެބަހުރި. އެހެންވެ އަހަންނާ ބައްދަލު ނުކުރަން ވެގެން ހަމައެކަނި ފޯނުން ވާހަކަ ދައްކައިގެން ވެސް ތިން އަހަރު ދުވަހު ހުރި. އަހަރެން ދުނިޔޭގައި ހުރިކަމެއް މަންމައަކަށް ނޭނގޭ. އެނގުމުން ވަރަށް ދެރަވި އަހަންނާ ދޭތެރޭ ކަންތައް ވީ ގޮތުން. އެހެންވެ އަހަރެން މަންމައަށް މައާފުކުރީ،" މެލީސާ ލިޔެފައިވެ އެވެ.

މަންމަ އާއި ބައްދަލުވުމުން މެލީސާގެ މާމަ އާއި ކާފަ ވެސް މަރުވެފައިވާކަން އެނގުނެވެ. ނަމަވެސް އޭނާގެ އެއްބަނޑު ދައްތައިން އެބަތިއްބެވެ. އޭގެ ތެރެއިން ބައެއް މީހުންނާ އޭނާއާ ބައްދަލުވެފައިވާއިރު އަދިވެސް ބައްދަލު ނުވާ މީހުން ވެސް އެބަތިއްބެވެ.

އިޖްތިމާއީ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރި މެލީސާ އަކީ މިހާރު މޯޓިވޭޝަނަލް ސްޕީކާ އެކެވެ. އޭނާ ގޮތަށް އެބޯޝަން ހަދާ ވައްޓާލި ކުދިންގެ ތެރެއިން ސަލާމަތްވީ 223 ކުއްޖަކާ މިހާތަނަށް މެލީސާ އަށް ވަނީ ބައްދަލުވެފަ އެވެ.