ޒުވާނުންގެ މެދުގައި ފޭސްބުކާއި ޓްވިޓާގެ މަގުބޫލުކަން އަންނަނީ ކުޑަވަމުން: ދިރާސާ

ފޭސްބުކާއި ޓްވިޓާ ފަދަ ސޯޝަލް ޕްލެޓްފޯމްތައް ބޭނުންކުރާ ޒުވާނުންގެ އަދަދު މަދުވެއޭ ބުނެފި ގަބޫލު ކުރާނަން ހެއްޔެވެ؟


އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ފޭސްބުކާއި ޓްވިޓާ ބޭނުންކުރާ ޒުވާނުންގެ އަދަދު މިހާރު ވަނީ ދެގުނަ ދަށްވެފަ އެވެ.

އެމެރިކާގެ މާކެޓް ރިސާޗް އެޖެންސީ އޮރިޖިންސް އިން މިދިޔަ ޑިސެމްބަރު މަހު ކުރިއަށް ގެންދިޔަ ސާވޭގެ ނަތީޖާ ދައްކާ ގޮތުން އުމުރުން 18-24 އާ ދެމެދުގެ ޒުވާނުންގެ ތެރެއިން 50 ޕަސަންޓް ޒުވާނުންގެ މެދުގައި ފޭސްބުކާއި ޓްވިޓާ ފަދަ ސޯޝަލް ނެޓްވޯކްތަކުގެ މަގުބޫލުކަން މިހާރު ކުޑަ އެވެ. އަދި 34 ޕަސަންޓް ޒުވާނުން އެ މީހުންގެ ފޭސްބުކާއި ޓްވިޓާ އަދި އިސްޓްގަރާމާއި ޓިންޑަ އެކައުންޓްތައް އެއްގޮތަކަށް ވެސް ބޭނުން ނުކޮށް، ޑިލީޓްކޮށްލައިފައިވެ އެވެ.

ދިރާސާގައި ބުނާ ގޮތުން ޒުވާނުންގެ ތެރެއިން 41 ޕަސެންޓް މީހުން ގަބޫލުކުރާ ގޮތުގައި ސޯޝަލް މީޑިއާގެ ތެރެއަށް ވަގުތު ބޭކާރުކޮށްލުމަކީ ދިރިއުޅުމުގެ އެހެން ކަންކަމަށް ވެވޭ އިހުމާލެކެވެ. އެހެންވެ އެފަދަ ޒުވާނުން މިހާރު އާންމުކޮށް ސޯޝަލް މީޑިއާ ބޭނުންކުރަނީ ހަމައެކަނި އޮންލައިން ވިޔަފާރިކޮށްލުން ކަހަލަ ކަންކަމަށް ކަމަށް ބުނެފައިވެ އެވެ.

މީހަކު ފޯނުން ޓްވިޓާ ބޭނުން ކުރަނީ.

އެގޮތުން ޒުވާނުންގެ ތެރެއިން ސޯޝަލް މީޑިއާ ބޭނުން ކުރާ މީހުންގެ 65 ޕަސެންޓް މީހުން އޭގެ ބޭނުން ހިފަނީ ތަފާތު އެކި ބްރޭންޑްތަކުގެ މައުލޫމާތު ހޯދައި، ފަސޭހައިން ވިޔަފާރިކޮށްލުމުގެ ބޭނުމުގަ އެވެ. ހަމައެއާ އެކު އޮންލައިންކޮށް ވިޔަފާރި ކުރާ ޒުވާނުންގެ ނިސްބަތް 43 ޕަސަންޓަށް އަރަ އެވެ.

ސޯޝަލް މީޑިއާއާ ޒުވާނުން މަޑުމަޑުން ނަމަވެސް ފެއަށް ޖެހުމަކީ ހެޔޮ ބަދަލަކަށް ވެދާނެ އެވެ. އޭގެ ތެރޭގައި ތާށިވެ، ތަފާތު މައްސަލަތައް ކުރިމަތިވާ މީހުން ވެސް މިހާރު ނިސްބަތުން ގިނަ ކަމަށް ރިޕޯޓްތަކުން ދައްކަ އެވެ.