އިންޑިއާގެ އަންހެން ކުޅުންތެރިން ފެންނަ ނައިކޭ އިސްތިހާރެއް މިހާރު ދަނީ ސޯޝަލް މިޑިއާ ސައިޓުތަކުގައި ވައިރަލް ވަމުންނެވެ. ޖުލައި މަހުގެ ކުރީކޮޅު ލޯންޗުކުރި "ޑަ ޑަ ޑިން" ކިޔާ މި އިސްތިހާރަށް ތިން މިލިއަނަށްވުރެ ގިނަ ވިއުޒް ޔޫޓިއުބްގައި މިހާރު ވަނީ ލިބިފަ އެވެ.

ކްރިކެޓް، ބޮކްސިން އަދި ބެޑްމިންޓަން ފަދަ ކުޅިވަރުތައް ފެންނަ މި އިސްތިހާރު ވަރަށް ތަފާތެވެ. ދުވުންތެރިޔާ ޝްވެތާ، ކްރިކެޓް ކުޅޭ ހަރްމަންޕްރީތް، ސްމްރިތީ މަންދަނާ އަދި ފުޓަބޯޅަ ކުޅުންތެރިޔާ ޖޮޔޮތީ އޭން ބުރެޓް ފަދަ އިންޑިއާގެ ގައުމީ ޓީމުގެ ކުޅުންތެރިން މި ވީޑިއޯގައި ފެނެ އެވެ. މީގެ އިތުރުން ގައުމީ ޓީމަށް ބެޑްމިންޓަން ކުޅުނު މަޝްހޫރު އެކްޓަރު ދީޕިކާ ޕަދުކޯން ވެސް ފެނިގެންދެ އެވެ.

"ޑަ ޑަ ޑިން"ގެ މަގުސަދަކީ އިންޑިއާގެ އަންހެނުންނަށް ހިތްވަރު ދިނުމެވެ. ކުޅިވަރުގެ ތެރެއިން އަންހެނުން ކަންކަމަށް ކުރިމަތިލާ ކާމިޔާބުވުމަށް ހިތްވަރު ދިނުމެވެ.

"ކުޅިވަރުން ނާކާމިޔާބީ އާއި ކާމިޔާބީއާ ކުރިމަތިލާން ދަސްވި،" ދީޕިކާ ބުނެފައިވެ އެވެ.

ނައިކޭގެ އިސްތިހާރުގެ މަންޒަރެއް
ނައިކޭގެ އިސްތިހާރުގެ މަންޒަރެއް

"މީގެ ދެ އަހަރު ކުރިން އަހަންނަށް ޑިޕްރެޝަންއާ ކުރިމަތިވެގެން ހުރިހާ ކަމެއް ހުއްޓާލަން ވެސް ނިންމިން. އެކަމަކު އެތުލީޓެއްގެ ގޮތުގައި ލިބުނު ހިތްވަރުން އަނެއްކާވެސް ކުރިމަތިލައި ކާމިޔާބުވާން ގަސްތުކުރިން،" ދީޕިކާ އޭނާގެ ތަޖުރިބާ ފޭސްބުކް ޕޭޖުގައި ހިއްސާކޮށްފައިވެ އެވެ.

ފޭސްބުކްގެ ޗީފް އޮޕަރޭޓިން އޮފިސާ ޝެރިލް ސޭންޑްބާގް އޭނާގެ ފޭސްބުކް ޕޭޖުގައި މި ވީޑިއޯއަށް ތައުރީފުކޮށް އޭނާގެ ދެ މިލިއަން ފޮލޯވަރުންނާ ޝެއާ ކޮށްފައިވެ އެވެ.

"އިންޑިއާގެ އަންހެން ކުޅުންތެރިންގެ ހިތްވަރާއި ވަރުގަދަކަން ނައިކޭގެ އިސްތިހާރުން ދައްކުވައިދޭ...،" ޝެރިލް ބުނެފައިވެ އެވެ.