އޯވަރީގައި ސިސްޓް ހުންނަ މީހުންނަށް ސޯޔާގެ އުފެއްދުންތައް

ސޯޔާ މިލްކް ބުއިމުން ޕޮލިސިސްޓިމް އޯވަރީ ސިންޑްރޯމް ނުވަތަ އޯވަރީގައި ސިސްޓް އުފެދުމާ ދެކޮޅަށް މަސައްކަތްކުރާ ކަމަށް ތަޖުރިބާކާރުންގެ ޓީމަކުން ބުނެފި އެވެ. މީގެ އިތުރުން ހިތުގެ ބަލިތަކާއި ބޮޑެތި މީހުންނަށް އާއްމުކޮށް ޖެހޭ ޓައިޕް 2 ޑައިބެޓީސް ނުވަތަ ހަކުރު ބަލިން ދިފާއުކޮށްދިނުމަށް ވެސް ސޯޔާ މިލްކުން އެހީތެރިކަން ލިބޭ ކަމަށް ސައިންސްވެރިން ބުނެފި އެވެ.


ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް (ޕީސީއޯއެސް) އަކީ ހޯމޯން ބެލެންސް ނުވާތީ ދިމާވާ ކަމެކެވެ. އަދި މި ބަލި ޖެހުމުން އޯވަރީތަކުން ރަނގަޅަށް މަސައްކަތެއް ނުކުރެ އެވެ.

ދަރިމައިނުވުން، މައްސަރުކަންތައް ގަވާއިދުން ނުޖެހުން، އޮށާޅަ ނެގުން، ބަރުދަން އިތުރުވުން، ބޮލުން ހާއަޅާވަރަށް އިސްތަށި ފޭބުން އަދި ހަށިގަނޑުގެ އެކި ހިސާބުތަކުގައި މާގިނައިން އިސްތަށި ފެޅުން މިއީ މި ބަލި ޖެހޭ މީހުންނަށް ދިމާވާ މައްސަލަތަކެވެ.

ރިސާޗަރުން ބުނަނީ ސޯޔާ އިން އުފައްދާ ސޯޔާ މިލްކާއި ސޯޔާބީންސް ފަދަ ތަކެތިން ފެނިފައިވާ ކަމްޕައުންޑްސް ތަކަކީ އަންހެނުންގެ ހިތުގެ ސިއްހަތާއި ސަރުބީ ވިރުވައިދިނުމުގެ ނިޒާމުގެ ސިއްހަތަށް ވެސް ރަނގަޅު ފައިދާއެއް ލިބޭ އެއްޗެއް ކަމަށެވެ.

މިހެން ދިމާވަނީ ސޯޔާއަކީ ޕްލާންޓް އެސްޓްރޯޖަން ލިބޭ ވަސީލަތަކަށް ވެފައި ޕީސީއޯއެސްގެ ސަބަބުން ދިމާވާ ހޯމޯން ބެލެންސްނުވުމުގެ މައްސަލަ ރަނގަޅުކޮށްދޭތީ އެވެ.

ދަރިމައިވާ އުމުރުގެ އަންހެނުންނަށް އެންމެ ގިނައިން މެދުވެރިވާ ހޯމޯން ޑިސްއޯޑާއަކީ ޕީސީއޯއެސް އެވެ. މިގޮތަށް ދިމާވާ އަންހެނުންގެ ހަށިގަނޑުން ޓެސްޓޮސްޓެރޯން އާއި އެހެނިހެން ސެކްސް ހޯމޯންސް އުފެދެނީ ބަލި ނެތް އަންހެނެއްގެ އުފެދޭ ވަރަށް ވުރެ ތަންކޮޅެއް ގިނައިންނެވެ.

ޕީސީއޯއެސް ހުންނަ އަންހެނުންނަށް ހިތުގެ ބަލިތަކާއި ހަކުރު ބަލީގެ ނުރައްކާ ވެސް ވަރަށް ބޮޑެވެ.

"އަހަރެމެންގެ ރިސާޗްތަކުން ދައްކަނީ ޕީސީއޯސް ހުންނަ އަންހެނުން ކެއުމުގައި ސޯޔާގެ ބާވަތްތައް ބޭނުންކުރަން ފެށުމުން ވަރަށް ފައިދާ ކުރާ ކަމަށް،" މި ދިރާސާގައި އަމަލީގޮތުން ބައިވެރިވި ޑރ. ޒަތުއްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕީސީއޯއެސް އާއި ސޯޔާއާ އޮތް ގުޅުން ހާމަވި ފުރަތަމަ ދިރާސާ އެވެ. ޕީސީއޯއެސް ހުންނަ މީހުން ސޯޔާގެ ބާވަތްތައް ކެއުމުން އެމީހުންގެ ހަށިގަނޑުން އިންސިއުލިން އުފެދޭވަރު އިތުރުވެ ލޭގައި ހަކުރު ހުންނަ މިންވަރު ދަށްވެގެންދެ އެވެ. މިކަމުން ދައްކުވައިދެނީ ސޯޔާ އިން އިންސާނާގެ ހަށިގަނޑަށް އެކަށީގެންވާ ރަނގަޅު ބަދަލުތަކެއް އަންނަ ކަން ކަމަށް ޑޮކްޓަރު ފާހަގަކުރެއްވި އެވެ. އަދި މިފަދަ އަންހެނުންގެ ހަށިގަނޑުގައި ގެއްލުން ލިބޭ ކޮލެސްޓްރޯލް ވެސް ހުންނަނީ ވަރަށް މަދުންކަން އޭނާ ފާހަގަކުރެއްވި އެވެ.

މި ދިރާސާގެ ބައެއްގެ ގޮތުގައި ދިރާސާ ޓީމުން ޕީސީއޯއެސް ހުރި 70 މީހަކު ހޯދައި ދިރާސާގައި ބައިވެރި ކުރި އެވެ. މިއީ އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނެވެ.

މި ހުރިހާ އަންހެނުންނަކީ ވެސް އީރާންގެ އަރަކްގައި ހުންނަ ކޯސަރް ކްލިނިކަށް ޑިސެމްބަރު 2015 އިން ފެބްރުއަރީ 2016 އާ ދެމެދުގެ މުއްދަތުގައި ފަރުވާ ހޯދާފައިވާ މީހުންނެވެ.

ދިރާސާގެ ބައެއްގެ ގޮތުން މި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަށް ސޯޔާ އައިސޯފްލޭވޯން ސަޕްލިމެންޓް 50 މިލިގްރާމް ކޮންމެ ދުވަހަކު ވެސް ކާން ދިނެވެ. މިއީ 500 އެމްއެލް ސޯޔާ މިލްކާ އެއްވަރުގެ އަދަދެކެވެ. މި އެންމެންނަށް 12 ހަފުތާ ވަންދެން ކޮންމެ ދުވަހަކު މި ސަޕްލިމެންޓް ކާން ދިނެވެ.

ދިރާސާގެ ބައިވެރިންގެ ތެރެއިން އަނެއް 35 މީހުންނަށް ދިނީ ޕްލަސީބޯ ނުވަތަ އާޓިފިޝަލް ބޭސްގުޅަ އެކެވެ. މި ބޭސް ދިން މީހުންނަކަށް ވެސް އެއީ އަނެއް މީހުންނަށް ދިން ކަހަލަ އަސްލު ބޭސް ނޫންކަމެއް ނޭނގޭނެ އެވެ. މިއީ ބޭސް ޓެސްޓްކުރުމުގައި ރިސާޗަރުން އާންމުކޮށް ބޭނުންކުރާ ގޮތެކެވެ.

އާދަވެ ކޮށް އުޅޭ ކަސްރަތުތައް ކުރުމަށާއި ރިސާޗް ކުރަމުންދާ ދުވަސްވަރު އެހެން އެއްވެސް ސަޕްލިމެންޓެއް ބޭނުން ނުކުރުމަށް ރިސާޗްގެ ހުރިހާ ބައިވެރިންނަށް ވެސް އަންގާފައިވެ އެވެ.

މި ހުރިހާ އަންހެނުންގެ ލޭގެ ސާމްޕަލް ދިރާސާ ފެށުމުގެ ކުރިންނާއި ނިންމާލުމުގެ ގޮތުން ވެސް ނެގި އެވެ. މި ލޭގެ ސާމްޕަލްތަކުގައި ހޯމޯން ލެވެލް ހުރި މިންވަރާއި ފެޓް ލެވެލް ހުރި މިންވަރު އަދި އިންސިއުލިން ރެސިސްޓެންސް އާއި އިންފްލެމޭޝަން ހުރިތޯ ޗެކް ކުރި އެވެ.

އިންސިއުލިން ރެސިސްޓެންސާއި އިންފްލެމޭޝަން އަކީ ހަކުރު ބައްޔާއި ހިތުގެ ބަލިތައް އަދި ވާގިނެތޭ ބަލި ޖެހުމަށް ގުޅުންހުރި ކަންތައްތަކެކެވެ.

ޕްލަސީބޯ ދިން ގްރޫޕާ އަޅާ ބެލިއިރު ސޯޔާ ސަޕްލިމެންޓް ދިން އަންހެނުންގެ ލޭގައި ދައުރުވާ އިންސިއުލިން ހުރި މިންވަރު ދަށްކަން ރިސާޗަރުން ފާހަގަކުރި އެވެ. އަދި މި މީހުންގެ ލޭގައި ޓެސްޓޮސްޓެރޯން އާއި ގެއްލުން ހުރި ކޮލެސްޓްރޯލް އެލްޑީއެލް އާއި ޓްރައިގްލިސަރައިޑް ނުވަތަ ފެޓްސް ހުރި މިންވަރު ވެސް ދަށްކަން ރިސާޗަރުން ފާހަގަ ކުރި އެވެ.