އާއިލާ ރޭވުން: ފޯރުކޮށްނުދެވޭ ހައްގެއް

ރާއްޖޭގައި މާބަނޑު މީހުން މަރުވާ ގިނަ ހާދިސާތަކެއްގައި އެ މީހުންގެ ފުރާނަ ސަލާމަތްކުރެވެން އޮވެ އެވެ؛ އަދި ބަލިވެއިނުމުން ރައްކާތެރިކޮށްދޭ ވަސީލަތެއް ބޭނުންކުރި ނަމަ، އެފަދަ ގިނަ ބަޔަކަށް މަރުން ސަލާމަތްވުމުގެ ފުރުސަތު ލިބުނީހެވެ.


މިއީ މިދިއަ ބުދަދުވަހު، ޖުލައި 11 ގައި، ފާހަގަކުރި ދުނިޔޭގެ އާބާދީ ދުވަހާ ގުޅުވައިގެން، އާބާދީއާ ބެހޭ އދގެ ޖަމްއިއްޔާ ޔޫއެންއެފްޕީއޭ އިން ދޭން ބޭނުންވާ އެއް މެސެޖެވެ. ސަބަބަކީ ރާއްޖޭގައި، ކައިވެނިކޮށްގެން އުޅޭ އަންހެނުންގެ ތެރޭގައި، ކުއްޖަކު ހޯދަން ބޭނުން ނުވާ ވަގުތުތަކުގައި ވެސް، މާބަނޑުވުމުން ރައްކާތެރިކޮށްދޭ ވަސީލަތެއް (ކޮންޓްރަސެޕްޓިވް) ބޭނުން ނުކުރާ މީހުންގެ އަދަދު 28 ޕަސެންޓަށް އަރަ އެވެ. އެއީ ދެކުނު އޭޝިއާ ސަރަހައްދުގެ އެވްރެޖް ކަމަށްވާ 14 ޕަސެންޓަށް ވުރެ ދެ ގުނަ މަތީ އަދަދެކެވެ.

"ރާއްޖެ ފަދަ އަޕަ މިޑްލް އިންކަމް ގައުމެއްގައި 28 ޕަސެންޓަކީ ވަރަށް ބޮޑު އަދަދެއް. އަމާޒަކަށް ވާންވީ މި އަދަދު ސުމަކަށް ހެދުން،" ޔޫއެންއެފްޕީއޭގެ އެސިސްޓެންޓް ރެޕްރެޒެންޓެޓިވް ޝާދިޔާ އިބްރާހިމް ވިދާޅުވި އެވެ.

ރާއްޖޭގައި ކައިވެނިކޮށްގެން އުޅޭ އަންހެނުންގެ ތެރެއިން ދޭތެރެ ދުރުކުރާ ވަސީލަތްތައް ބޭނުންކުރަނީ 35 ޕަސެންޓް ކަމާއި ކޮންމެ ހަތަރު ފަހަރަކުން އެއްފަހަރު ބަލިވެއިންނަނީ ރާވައިގެން ނޫންކަން 2009 ވަނަ އަހަރުގެ މޯލްޑިވްސް ޑިމޮގްރެފިކް އެންޑް ހެލްތު ސާވޭ އިން އެނގިފައިވެ އެވެ. އަދި ބޭނުން ނުވެ ބަލިވެ އިންނަ ނިސްބަތް 16 ޕަސެންޓަށް އަރާ އިރު ބޭނުން ނޫން ވަގުތެއްގައި ބަލިވެއިންނަ އަދަދު އުޅެނީ 10 ޕަސެންޓްގައި ކަމަށް ވެސް އެ ސާވޭ އިން ވަނީ ދައްކައިފަ އެވެ.

"މާބަނޑުވުމުން ރައްކާތެރިކޮށްދޭ ވަސީލަތްތައް ބޭނުންކުރުމުން، ތައުލީމު ހޯދައި ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށް އާމްދަނީ ހޯދަން މަސައްކަތް ކުރަން ފުރުސަތުތައް ލިބެ އެވެ. އަދި ޖިންސީ ގުޅުމުން އަރާ ބަލިތަކުން ރައްކާތެރިކޮށްދެ އެވެ."

އާއިލާ ރާވަން ޖެހެނީ ކީއްވެ؟

އާއިލާ ރޭވުމަކީ އަސާސީ އިންސާނީ ހައްގެއްގެ ގޮތުގައި ދުނިޔެ ބަލައިގަތްތާ މިއަދު 50 އަހަރު ފުރޭ އިރު، ޔޫއެންއެފްޕީއޭ އިން ފާހަގަކުރާ ގޮތުގައި އެ ކާމިޔާބީއާ ގުޅުވައިގެން އާބާދީ ދުވަސް ފާހަގަކުރުމުގެ އެއް ބޭނުމަކީ، އާއިލާ ރޭވުމަކީ އާބާދީ ކޮންޓްރޯލްކުރުން ކަމަށް ދެކޭ ވިސްނުމެއް އޮތް ނަމަ އެ ކަމާ ދެކޮޅުހެދުމެވެ. މިއީ އިންސާނީ ހައްގެއް ނަގަހައްޓައި އެ ހައްގު ލިބިދެވޭނެ ގޮތަށް ތަރައްގީގެ އޮނިގަނޑުތައް ބައްޓަންކުރަން ބާރުއެޅުމުގެ ދުވަހެއްކަން އެ ޖަމްއިއްޔާ އިން ފާހަގަކުރެ އެވެ.

ކަމާ ބެހޭ އދގެ ގަރާރުގައި ދުނިޔެ އިން ބަލައިގެންފައިވާ ގޮތުގައި ދަރިން ހޯދާނެ އަދަދާއި ދުރުމިން މިނިވަންކަމާއި ޒިންމާދާރުކަމާ އެކު ކަނޑައެޅުމުގެ ހައްގު މައިންބަފައިންނަށް ލިބިގެންވެ އެވެ. އަދި އެ ނިންމުންތައް ނިންމަން ބޭނުންވާ މައުލޫމާތާއި ވަސީލަތްތައް ލިބުމަކީ ވެސް ހައްގެކެވެ. އާއިލާ ރޭވުމުގެ ހައްގަކީ އެހެން ހައްގުތައް ލިބުމަށް މަގުފަހިކޮށްދޭ ކަމެއްކަން ވެސް ގައުމުތަކުން ވަނީ ބަލައިގެންފަ އެވެ. އޭގެ ތެރޭގައި ސިއްހަތާއި ތައުލީމާއި އަބުރުވެރި ދިރިއުޅުމެއްގެ ހައްގު ހިމެނެ އެވެ.

އާއިލާ ރޭވުމާއި ބަލިވެއިނުމުން ރައްކާތެރިކޮށްދޭ ވަސީލަތްތައް ބޭނުންކުރުމަކީ މައިމީހާ އާއި ދަރިފުޅު މަރުވުން ނުވަތަ ނުކުޅެދުންތެރިވުމުން ސަލާމަތްވުމަށާއި އެޗްއައިވީ ފަދަ އިންފެކްޝަންތަކުން ރައްކާތެރިވުމަށް ކޮންމެހެން ބޭނުންތެރިކަމެއް ކަން ކަމާ ބެހޭ މާހިރުން ފާހަގަކުރެ އެވެ. އެ ކަމުގެ އިތުރު ފައިދާތަކަށް ބަލާ އިރު އާއިލާގެ ފުދުންތެރިކަން އިތުރުވުމާއި ގައުމުގެ އިގްތިސާދު ވަރުގަދަވުން ހިމެނެ އެވެ.

އާއިލާ ރާވަން މަގުފަހިކޮށްދިނުމުން، ދަރިން ހޯދާ ދޭތެރެ ދުރުވުމުގެ ނަތީޖާއެއްގެ ގޮތުން މައިންނާއި ދަރިންގެ ސިއްހަތު ރައްކާތެރިކުރެވެ އެވެ. އަދި އަންހެނެއްގެ ދަރިމައިވުމުގެ ހަޔާތުގައި މާ އަވަހަށް ނުވަތަ މާ ލަހުން މާބަނޑުވުމާއި ވިހެއުމާ ގުޅިގެން މަރުވުމާއި ނުކުޅެދުންތެރިވުމުގެ ނުރައްކާ ކުޑަކޮށްދެ އެވެ. ޔޫއެންއެފްޕީއޭ އިން ފާހަގަކުރާ ގޮތުގައި ތަރައްގީވަމުން އަންނަ ގައުމުތަކުގައި، 15-19 އަހަރުގެ އަންހެންކުދިން އެންމެ ގިނައިން މަރުވަނީ މާބަނޑުވުމާއި ވިހެއުމުގެ ތެރޭގައި ދިމާވާ މައްސަލަތަކުގެ ސަބަބުންނެވެ. އާއިލާ ރޭވުމުން އަންހެނުންނަށް ލިބޭ ސިއްހީ ފައިދާތަކާ އެކު އިގްތިސޯދީ ފައިދާތައް ވެސް ލިބެ އެވެ. ތައުލީމު ހޯދުމާއި އުފެއްދުންތެރި މީހަކަށް ވުމާއި މަސައްކަތު އާބާދީގައި ބައިވެރިވުމުގެ ނަތީޖާއެއްގެ ގޮތުން އާމްދަނީ އިތުރުވެ، ފަހަށް ފައިސާ ރައްކާކުރެވި، އިންވެސްޓްކޮށް، މުދާވެރިވުމުގެ ފުރުސަތު ލިބެ އެވެ. މާބަނޑުވުމުން ރައްކާތެރިކޮށްދޭ ވަސީލަތްތައް ބޭނުންކުރުމުން، ތައުލީމު ހޯދައި ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށް އާމްދަނީ ހޯދަން މަސައްކަތް ކުރަން ފުރުސަތުތައް ލިބެ އެވެ. އަދި ޖިންސީ ގުޅުމުން އަރާ ބަލިތަކުން ރައްކާތެރިކޮށްދެ އެވެ. އާއިލާގެ ބޮޑުމިން އިޚްތިޔާރުކުރުމުގެ ފުރުސަތު ނުލިބުމަކީ ފަގީރުކަން އިތުރުވެގެންދާ ސަބަބަކަށްވާތީ އާއިލާ ރޭވުމަކީ ފަގީރުކަން ނައްތާލުމަށް ވެސް ބޭނުންތެރި ކަމެއްކަން ޔޫއެންއެފްޕީއޭ އިން ފާހަގަކުރެ އެވެ.

ޝާދިޔާ ފާހަގަކުރައްވާ ގޮތުގައި ރާއްޖެއަކީ ވަރި ގިނަ ގައުމަކަށް ވާއިރު އާއިލާ ރޫޅުމާއި އަންހެނުންނާއި ކުޑަކުދިން ނިކަމެތިވެގެންދިޔުން އާއްމެވެ. ކޮންމެ މަހަކު އެތަކެއް ކުދިންނެއް އަނިޔާ އާއި އިހުމާލު ތަހައްމަލްކުރާކަން ޖެންޑަ މިނިސްޓްރީގެ ތަފާސްހިސާބުތަކުން އެނގެ އެވެ. އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އުމުރުން 30 އަހަރު ވާ އިރު އަންހެނުންގެ 20 ޕަސެންޓް އަދި ފިރިހެނުންގެ 14 ޕަސެންޓް، އެއް ކައިވެންޏަށް ވުރެ ގިނަ ކައިވެނިކުރެ އެވެ. އަދި އުމުރުން 20 އަހަރާއި 24 އަހަރާ ދެމެދުގެ އަންހެނުންގެ ތިންބައިކުޅަ އެއްބައި މީހުން ތިބެނީ ވިހައިފަ އެވެ.

"އާއިލާއެއް ވިއްސިވިހާލިވެގެންދާ އިރު އަންހެނުންނާއި ކުޑަކުދިން ނިކަމެތިވެގެން ގޮސް ވަރަށް ބޮޑެތި އިޖުތިމާއީ މައްސަލަތަކަކަށް ދޮރު ހުޅުވެނީ. އާއިލާއަކީ މުޖުތަމައުއެއްގެ ބިންގާ. އެހެންވީމާ، އާއިލާ ރޭވުމާއި ކޮންޓްރަސެޕްޓިވްސް ބޭނުންކުރުން ނުވަތަ ރަނގަޅަށް ތައްޔާރުވެ، ބޭނުންވެގެން ކުދިން ހޯދުން މި ގޮތުން ވެސް މުހިއްމުވޭ،" ޝާދިޔާ ވިދާޅުވި އެވެ.

ޚިދުމަތާއި ވަސީލަތްތައް އެންމެންނަކަށް ނުލިބޭ

ޔޫއެންއެފްޕީއޭ އިން ބުނާ ގޮތުގައި އާއިލާ ރޭވުމުގެ ހައްގާ މެދު އިހުމާލުވެ އެ ހައްގު ކަށަވަރުކުރުމުގެ އެކަށީގެންވާ ޚިދުމަތްތަކެއް ފޯރުކޮށްނުދިނުމުގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އެތަކެއް މިލިއަން އަންހެނުން ތިބީ ބޭނުން ނުވެ ބަލިވެއިނުމާއި އެކަމާ ގުޅިފައިވާ ސިއްހީ މައްސަލަތަކުގެ ނުރައްކަލަށް ހުށަހެޅިފަ އެވެ.

ރާއްޖޭގައި ޖިންސީ އަދި އުފަންވެނި (ރީޕްރޮޑަކްޓިވް) ސިއްހަތުގެ (އެސްއާރުއެޗް) ހައްގުތައް ލިބޭ މިންވަރާ ބެހޭ ގޮތުން މިދިޔަ އަހަރު ތައްޔާރުކޮށްފައިވާ ކަރުދާހެއްގައި، ޔޫއެންއެފްޕީއޭގެ ކޮންސަލްޓެންޓް ޑރ. ޝީޒާ އަލީ ފާހަގަކުރައްވާފައިވާ ގޮތުގައި ސަރުކާރުގެ އެސްއާރުއެޗް ޕްރޮގްރާމްގެ ދަށުން ޚިދުމަތްތަކާއި އާއިލާ ރޭވުމުގެ ވަސީލަތްތައް، ސަރުކާރުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކާއި އަމިއްލަ ބައެއް ފަރާތްތަކުން، ކައިވެނިކޮށްގެން އުޅޭ މީހުންނަށް ހިލޭ ފޯރުކޮށްދެ އެވެ. ބައެއް ޖަމްއިއްޔާތަކުން ވެސް އެ ޚިދުމަތް ދެ އެވެ. އެކަމަކު ހަމަހަމަކަމާ އެކު އެންމެންނަށް އެސްއާރުއެޗް ޚިދުމަތް ނުލިބޭކަން ކަރުދާހުގައި ފާހަގަކޮށްފައިވެ އެވެ. އޭގެ ބައެއް ސަބަބުތަކަކީ ރާއްޖޭގެ ރަށްތައް ބެހިފައިވާ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކާއި މާލެއާ އަޅާބަލާ އިރު ރަށްރަށުގައި ސިއްހީ ޚިދުމަތުގެ ފެންވަރު ދަށްވުމެވެ.

ޑރ. ޝީޒާ ފާހަގަކުރައްވާފައިވާ ގޮތުގައި ރަށްރަށަށް ބަލާ އިރު ބަލިވެއިނުމުން ރައްކާތެރިކޮށްދޭ ބައެއް ވަސީލަތްތައް ލިބެނީ ހަމައެކަނި އަތޮޅު ހޮސްޕިޓަލްތަކުންނެވެ. ސަރުކާރުން ކޮންމެ ރަށެއްގައި އެސްޓީއޯގެ ބޭސް ފިހާރައެއް ހުޅުވާފައިވާ އިރު އެ ތަންތަނުން 'ހުރަސް' (ކޮންޑަމް) ވިއްކިޔަސް އެ ނޫން ވަސީލަތްތައް ލިބެނީ ސަރަހައްދީ ހޮސްޕިޓަލްތަކުގެ ފާމަސީތަކުންނެވެ. އަދި އެ ތަންތަނުގައި ސްޓޮކް ހުންނަނީ ވެސް ވަކި ވަރަކަށެވެ. އޭގެ އިތުރުން، އާއިލާ ރޭވުމުގެ ވަސީލަތްތައް ލިބެން ހުއްޓަސް ޚިދުމަތް ހޯދަން ބައެއް މީހުން ލަދުގަނެ ފަސް ޖެހޭ ކަމަށާއި ކުދި ރަށްރަށަށް ވެފައި، ޚިދުމަތް ދޭން ހުންނަނީ ކާކުކަން އެނގޭތީ ލަދުގަންނަކަން ޑރ. ޝީޒާ ފާހަގަކުރައްވާފައިވެ އެވެ.

ޔޫއެންއެފްޕީއޭ އިން ބުނާގޮތުގައި 'ހުރަސް' ފޯރުކޮށްދިނުމަށް ގައުމުތަކަށް ލިބޭ ބައިނަލްއަގުވާމީ އެހީގެ ބޮޑުބައި އެ އެއްޗެހި ގަންނަން ހޭދަކުރާ އިރު އެ އެއްޗެހި މީހުންނާ ހަމައަށް ގެންގޮސް، ބަހައި އޭގެ އިދާރީ ކަންކަން ބެލެހެއްޓުމަށް ޚަރަދުކުރަނީ ނިސްބަތުން ކުޑަ އެއްޗެކެވެ. ރާއްޖޭގައި ވެސް ކަން ހިނގަނީ އެ ގޮތަށް ކަން އެ ޖަމްއިއްޔާ އިން ފާހަގަކުރެ އެވެ.

ޑރ. ޝީޒާގެ ކަރުދާހުގައި ވިދާޅުވެފައިވާ ގޮތުގައި ފުރާވަރު ކުދިންނަށް ޚިދުމަތްދިނުމަކީ ޖިންސީ އަދި އުފަންވެނި ސިއްހަތުގެ ޚިދުމަތްތަކުގެ މުހިއްމު ބަޔަކަށް ވިޔަސް، ފަސްނުޖެހި ޚިދުމަތް ހޯދަން އެ އުމުރުގެ ކުދިންނަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް ކަންކަން ހަމަޖެހިފައެއް ނެތެވެ. އަދި ޒުވާނުންނަށް އެސްއާރުއެޗްގެ މައުލޫމާތު ދޭން މުޖުތަމައުގެ ގިނަ ބަޔަކު ނުރުހޭ އިރު، ގަވާއިދުން މައުލޫމާތު ފޯރުކޮށްނުދޭ ކަމާއި މައުލޫމާތު ދެނީ ވެސް މަދު ސްކޫލްތަކެއްގައިކަން ފާހަގަކުރައްވާފައިވެ އެވެ.

ކަރުދާހުގައި ބުނެފައިވާ ގޮތުގައި ދަމަނަވެށީގައި 2014ގައި ފެށި ޕްރޮގްރާމާއި އައިޖީއެމްއެޗުގައި 2010 އިން 2013 އަށް ހިންގި ޕްރޮގްރާމް ގަވާއިދުން ކުރިއަށް ގެންގޮސްފައި ނުވާއިރު ކުޅުދުއްފުށީ ހޮސްޕިޓަލުގައި 2015ގައި ފެށި ފުރާވަރު ކުދިންގެ ސިއްހީ ޚިދުމަތް ވެސް މެނޭޖްމެންޓް ބަދަލުވުމާ ގުޅިގެން ވަނީ ހުއްޓާލައިފަ އެވެ. ފުރާވަރު ކުދިންނަށް ބޭނުންވާ އެސްއާރުއެޗް ޚިދުމަތްތައް އެ ކުދިންނާ ރައްޓެހި ގޮތަކަށް ލިބެން ނެތްކަން ޑރ. ޝީޒާ ފާހަގަކުރައްވަ އެވެ.

ޔޫއެންއެފްޕީއޭ އިން ބުނާގޮތުގައި ކޮންޓްރަސެޕްޓިވް ބޭނުންކޮށް، ބޭނުން ނުވެ ބަލިވެއިނުން މަދުކޮށްގެން ދުނިޔޭގައި މާބަނޑު މީހުން މަރުވާ އަދަދު ވަނީ 40 ޕަސެންޓް ދަށްކުރެވިފަ އެވެ. އަދި ބަލިވެއިންނަން ބޭނުން ނުވާ އެންމެންނަށް އާއިލާ ރޭވުމުގެ ވަސީލަތެއް ބޭނުންކުރެވޭނެ މަގު ފަހިކޮށްދީގެން އިތުރު 30 ޕަސެންޓް މައިންގެ ފުރާނަ ސަލާމަތްކުރެވިދާނެ ކަމަށް އެ ޖަމްއިއްޔާ އިން އަންދާޒާކުރެ އެވެ.

ޑރ. ޝީޒާގެ ކަރުދާހުގައި ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި މި ފަހުގެ އަހަރުތަކުގައި މައިން މަރުވުމާއި ކިރިޔާ ފުރާނަ ސަލާމަތްވި ހާދިސާތައް ހިނގާފައިވާ ގޮތް ބެލި އިރު، އެސްއާރުއެޗް ޕްރޮގްރާމުގެ ތެރެއިން އެފަދަ ކަންކަން ހުއްޓުވެން އޮތް ކަމަށް ދައްކަ އެވެ. އޭނާ ފާހަގަކުރައްވާ ގޮތުގައި އާއިލާ ރޭވުމާ ގުޅޭ ޚިދުމަތްތައް ފުޅާކުރަން ޖެހެ އެވެ. އަދި އެންމެ ބޮޑަށް ރައްކާތެރިކަން ބޭނުންވާ މީހުންނަށް އާއިލާ ރޭވުމުގެ ޚިދުމަތް ދޭ ޚާއްސަ ޕްރޮގްރާމެއް އޮންނަން ޖެހެ އެވެ.