އާންމުކޮށް ކޮފީ ބޯ މީހުންގެ ހަށިގަނޑުގައި ތަދު ތަހައްމަލްކުރުމުގެ ގާބިލްކަން އިތުރުވާ ކަމަށާއި އެހެންވެ ކޮފީ އަކީ ގައިގައި ރިއްސުން ފަދަ ކަންކަމުގައި އަބަދު އުޅެންޖެހޭ މީހުންނަށް ރަނގަޅު އެއްޗަކަށް ވެދާނެ ކަމަށް، ކުޑަ ދިރާސާއަކުން ދައްކައިފި އެވެ.

މި ދިރާސާގައި، އުމުރުން 19 އަހަރާއި 77 އަހަރާ ދެމެދުގެ 62 މީހަކު ބައިވެރިކުރި އެވެ. އޭގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ވެސް ހިމެނެ އެވެ. މި މީހުން ކޮފީ، ސައި، ސޮޑާ، އެނާޖީ ޑްރިންކް އަދި ޗޮކްލެޓް ކައިގެން ހަށިގަނޑަށް އެތެރެކުރަނީ ކިހާ ކެފެއިންއެއް ތޯ ބެލި އެވެ. އެގޮތުން އެވްރެޖްކޮށް ކޮންމެ މީހަކު ދުވާލަކު 170 މިލިގްރާމް ނުވަތަ ދެ ތަށި ކޮފީއާ އެއްވަރަށް ކެފެއިން ބޭނުންކޮށްފައިވާކަން އެނގުނެވެ. އެކަމަކު މީގެ ތެރެއިން 15 ޕަސެންޓް މީހުން ދުވާލަކު 400 މިލިގްރާމަށް ވުރެ ގިނަ ކެފެއިން ބޭނުންކޮށްފައިވެ އެވެ.

ސައިކޮފާމަކޮލޮޖީގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނެފައިވަނީ، ދިރާސާގައި ބައިވެރިކުރި މީހުން ކެފެއިން ބޭނުންކުރަން ފެށިތާ ހަފުތާއެއް ފަހުން އެ އެންމެން ލެބޯޓަރީއަށް ގެންގޮސް، އަތަށް އަދި ބުރަކައްޓަށް ތަދު ތަހަންމަލްކުރެވޭ ވަރު ބެލި ކަމަށެވެ. އެގޮތުން، ހޫނު ކުރުމުން އަދި ފިއްތާލުމުން ތަދަށް ކެތްކުރެވޭ ވަރު ބެލި އިރު އެނގުނީ ގިނައިން ކެފެއިން ބޭނުންކުރި މީހުންނަށް ތަދަށް ކެތްކުރެވޭ ވަރު އިތުރުކަމެވެ.

"ކާއެއްޗިއްސަކީ ހަގީގަތުގައި ވެސް ތަދު އިހްސާސްވާ މިންވަރަށް ބަދަލު ގެނުވާ އެއްޗެއް،" ދިރާސާގައި އިސްކޮށް ހުންނެވި ބްރޫލް އާރް. ގޫޑިން ވިދާޅުވި އެވެ.

ޔުނިވަސިޓީ އޮފް އަލަބާމާގައި ސައިކޮލޮޖީގެ އެސޯސިއޭޓް ޕްރޮފެސަރެއްގެ މަގާމުގައި ހުންނެވި ގޫޑިން ވިދާޅުވީ ތަދަށް ކެތްކުރުމުގެ ގާބިލަކް އިތުރުވަނީ ކެފެއިން ބޭނުންކުރުމުން ނޫން ކަމަށް ވެސް ވެދާނެ ކަމަށާއި އެކަމަކު ގަސްގަހާގެހިން ލިބޭ ކާނާ އަކީ ތަދަށް ކެތްކުރުމުގެ ގާބިލްކަން އިތުރުކޮށްދޭ އެއްޗެއްކަން ދިރާސާއިން ޔަގީންވާ ކަމަށެވެ.