ކްލާހުގެ އެހެން ކުދިންނަށް ވުރެ ހަގު ނަމަ، އޭޑީއެޗްޑީ ހުރި ކަމަށް ބެލުމުގެ ފުރުސަތު ބޮޑު

ކްލާހުގައި ދެން ތިބޭ ކުދިންނަށް ވުރެ އުމުރު ހަގު ނަމަ އެ ކުއްޖެއްގެ ކިބައިގައި އޭޑީއެޗްޑީ ހުރި ކަމަށް ބަލައި ބޭސް ދިނުމުގެ ފުރުސަތު ބޮޑު ކަމަށް އެމެރިކާގެ ދިރާސާއަކުން އެނގިއްޖެ އެވެ. މިއީ ދަރިން ސްކޫލަށް ވައްދާ އުމުރާ މެދު ވިސްނާލަން މައިންބަފައިންނަށް ބާރުއަޅާ ހޯދުމެކެވެ.


ހާވަޑް މެޑިކަލް ސްކޫލުގެ ދިރާސާވެރިން "ދަ ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިން"ގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބަލާފައި ވަނީ ސްކޫލްތަކަށް ކުދިން ނަގާ އެންމެ ފަހު ތާރީޚަކީ ސެޕްޓެމްބަރު 1 ކަމަށް ހަމަޖެހިފައި އޮންނަ އެމެރިކާގެ ސްޓޭޓްތަކުގެ ކުދިންނަށެވެ. ދިރާސާ އިން އެނގުނު ގޮތުގައި އޯގަސްޓް މަހު އުފަންވެފައިވާ ކުދިންގެ އޭޑީއެޗްޑީ ހުރި ކަމަށް ޑޮކްޓަރުން ނިންމުމުގެ ފުރުސަތު، ސެޕްޓެމްބަރުގައި އުފަންވެފައިވާ ކުދިންނަށް ވުރެ 34 ޕަސެންޓް ބޮޑެވެ.

އޭޑީއެޗްޑީ ނުވަތަ އެޓެންޝަން ޑެފިސިޓް ހައިޕައެކްޓިވިޓީ ޑިސްއޯޑާއަކީ ސިކުނޑީގެ މަސައްކަތްތަކަށް އަސަރު ފޯރުވާ ހާލަތެކެވެ. އޭޑީއެޗްޑީ ހުންނަ ފިރިހެން ކުދިންނަށް އާއްމު ގޮތެއްގައި ވާ ގޮތަކީ މާ ބޮޑަށް ހަލަނިވުމާއި ސަމާލުކަން ނުދެވުމެވެ. އަންހެންކުދިންގެ ފަރާތުން ފެންނަ އަލާމާތްތަކުގެ ތެރޭގައި ކަމަކަށް ގެއްލިފައި ހުރުމާއި އިރުޝާދުތަކަށް އަމަލުކުރަން އުނދަގޫވުން ހިމެނެ އެވެ.

ދިރާސާގައި އިސްކޮށް ހުންނެވި އެސިސްޓެންޓް ޕްރޮފެސަރު ޓިމޮތީ ލޭޓަން ވިދާޅުވިގޮތުގައި ސްކޫލުގެ ފުރަތަމަ އަހަރުތަކުގައި ކްލާސްމޭޓުންނަށް ވުރެ ހަގު އެތަކެއް ކުދިންގެ އޭޑީއެޗްޑީ ހުރި ކަމަށް ގޯސްކޮށް ނިންމައި ދޭން ނުޖެހޭ ބޭސްތަކެއް ދޭކަން މި ހޯދުންތަކުން އެނގެ އެވެ. އެކަމަކު އެފަދަ ކުދިންގެ ހަމައެކަނި ތަފާތަކީ ކްލާހުގައި ތިބޭ އެހެން ކުދިންނަށް ވުރެ ޅަ ވުމުން ދޮށީ ކުދިން ކުރާ ގޮތަށް ކަންކަން ނުކުރެވުންކަން އޭނާ ފާހަގަކުރެއްވި އެވެ.

އޭޑީއެޗްޑީ އަށް ދޭ ބޭހަކީ ރައްކާތެރި އެއްޗެކެވެ. އެކަމަކު އެ ބޭހުގެ ސައިޑް އިފެކްޓްތަކުގެ ތެރޭގައި ނުކެވުމާއި ނިދަން އުނދަވޫން ފަދަ ކަންކަން ހިމެނެ އެވެ.

ދިރާސާގެ އަލީގައި ރިސާޗަރުންގެ ނަސޭހަތަކީ ކްލާސް ތެރޭގައި އުމުރު ތަފާތު އެހެން ކުދިންނާ އަޅާކިޔޭ ގޮތަށް ބިނާކޮށްގެން އޭޑީއެޗްޑީ ހުރި ކަމަށް ނުނިންމުމެވެ.

މި ދިރާސާ ހެދުމުގެ ޚިޔާލު އައީ ދިރާސާ ޓީމުގައި ހިމެނުނު މީހެއްގެ ދަރިފުޅާ ބެހޭ ގޮތުން ދެކެވުނު ވާހަކައެއްގެ ތެރެއިންނެވެ. އެ ކުއްޖާގެ މައިންބަފައިން ވިސްނަމުން ގެންދިޔައީ އެ ކުއްޖާ ހަގުކަމުން، ސްކޫލަށް ނުވައްދާ އެއް އަހަރު މަޑުކޮށްލާނީތޯ އެވެ.