އިނގިރޭސިވިލާތަށް ބަނޑުހައިހޫނުކަމާ ބެހޭ މިިނިސްޓަރެއް

ސިިއްހަތަށް ފައިދާހުރި ރަނގަޅު ކާނާ ނުލިބޭ ކުދިންގެ އަދަދު އިނގިރޭސިވިލާތުގައި އިތުރުވަމުންދާ ކަމަށާއި މިކަމާ ދެކޮޅަށް މަސައްކަތްކުރާނެ ހަންގާ މިނިސްޓަރެއް ނުވަތަ ބަނޑުހައިހޫނުކަމާ ދެކޮޅަށް މަސައްކަތް ކުރާނެ މިނިސްޓަރެއްގެ މަގާމު ތައާރަފުކުރަން ޖެހިފައިވާ ކަމަށް، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންތަކެއް ވިދާޅުވެއްޖެ އެވެ.


ދިި އެންވަޔަރަމަންޓަލް އޮޑިޓް ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުތަކެއް ޔުނިސެފްގެ ތަފާސްހިސާބުތަކަށް ރިޔާއަތްކޮށް ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތުގެ އުމުރުން 15 އަހަރުން ދަށުގެ އާބާދީގެ 19 ޕަސަންޓަކީ މިހާރު އެކަށީގެންވާ ކާނާ ނުލިބޭ ކުދިންނެވެ.

އެހެން ދިމާވާ ސަބަބުތަކުގެ ތެރޭގައި އާއިލާތަކުގެ ފުދުންތެރިކަން ކުޑަވުމާއި ބައެއް އާއިލާތަކުގައި އާމްދަނީ ހޯދާނެ މީހަކު ނެތުން ފަދަ މައްސަލަތައް ހިމެނެ އެވެ.

ނަމަވެސް އިނގިރޭސި ސަރުކާރުން ބުނާ ގޮތުގައި ފުދުންތެރިކަން ކުޑަ އާއިލާތަކަށް ނިސްބަތްވާ ކުދިން ރިކޯޑް މިންވަރަކަށް މިހާރު ދަށެވެ.

އެކަމަކު މެމްބަރުން ފާހަގަކުރި ގޮތުގައި އާމްދަނީގެ މައްސަލަތަކާއި ވަޒީފާ ނުލިބުމާއި ތަކެތީގެ އަގުބޮޑުވުން ފަދަ މައްސަލަތަކާ ހެދި، ކުދިންނަށް ލިބެންޖެހޭ ފައިދާ ހުރި ކާނާ ލިބުމުގައި ހުރި ދަތިތައް ބޮޑެވެ. އެހެންވެ މި މައްސަލަ އަށް ހާއްސަ ސަމާލު ކަމެއް ދޭން ޖެހިފައިވާ ކަމަށާއި ކަންކަން މިހާރު ތަރުތީބު ކުރެވިފައިވާ ގޮތުން ސަަރުކާރަށް އަސްލު ބޮޑު މަންޒަރު ނުފެންނަ ކަމަށް މެމްބަރުން ވިދާޅުވި އެވެ.

މެމްބަރުން ފާހަގަ ކުރި ގޮތުގައި ބަނޑުހައިހޫނުކަމާ ދެކޮޅަށް އެކަށީގެންވާ މަސައްކަތެއް އިނގިރޭސިވިލާތުގައި ކުރެވޭނީ އެކަމަށް މަސައްކަތް ކުރާނެ މިނިސްޓަރަކު ހުރެގެންނެވެ. އަދި އޭނާގެ މަސްއޫލިއްޔަތަކަށް ވާނީ ބަނޑުހައިހޫނުކަން ނައްތައިލުމަށް މަސައްކަތް ކުރުމާއި "ފުޑް ސިކިއުރިޓީ" ކަށަވަރުކޮށް ދިނުމަށް ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކަކާ ގުޅިގެން މަސައްކަތް ކުރުމެވެ.

"މި މައްސަލައާ ދެކޮޅަށް މަސައްކަތް ކުރާނެ، ޒިންމާ ނަގާނެ އަދި ޖަވާބުދާރީ ވާނެ މިނިސްޓަރަކު ކޮންމެހެން ވެސް ބޭނުންވޭ،" ކޮމިޓީއާ ހަވާލާދީ ބީބީސީން ބުންޏެވެ.

އާދަމްމަނިކު

2

މައްޗަނގޮޅި އުތުރު ދާއިރާ