ޑައިިޓް ބުއިންތަކުން ވެސް ނުރައްކާ

ކޮންމެ ދުވަހަކު ދެ ޑައިޓް ބުއިމަށް ވުރެ ގިނައިން ބޯ ނަމަ ހިތުގެ ބަލިތައް ޖެހި، ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.


ނިއު ޔޯކްގެ އަލްބަޓް އެއިންސްޓެއިން ކޮލެޖް އޮފް މެޑިސިން އިން ހަދާފައިވާ ދިރާސާގައި ބުނި ގޮތުގައި ކޮންމެ ދުވަހަކު ޑައިޓް ބުއިންތައް ބޯ ނަމަ ސްޓްރޯކް ޖެހުމުގެ ފުރުސަތު 23 ޕަސެންޓަށް އިތުރުވެ އެވެ.

ހަމަމިއާ އެކު ހިތަށް އެކި ކަހަލަ މައްސަލަތައް ދިމާވުމުގެ ފުރުސަތު 29 ޕަސެންޓް ބޮޑުވެ އެވެ. އަދި ހިތަށް ދިމާވާ ނުރައްކާތެރި ސިއްހީ މައްސަލަތަކާ އެކު، ޑައިޓް ބުއިންތަކަށް ދެވި ހިފާފައިވާ މީހުން އަވަހަށް މަރުވުމުގެ ފުރުސަތު 16 ޕަސެންޓަށް އިތުރުވެ އެވެ.

ދިރާސާގައި ބުނި ގޮތުގައި ޑައިޓް ބުއިންތަކުން ކުރިމަތިވާ ސިއްހީ މައްސަލަތަކުގެ ތެރޭގައި ފަލަވެ، ބަރުދަން އިތުރުވެ، ހަރަކާތްތެރިވެ އުޅުމަށް ހުރަސްއަޅަ އެވެ. އެެހެންވެ ސްޓްރޯކް ޖެހުމުގެ ފުރުސަތު ދެގުނަ ބޮޑުވާ ކަމަށް ބުނެފައިވެ އެވެ.

ދިރާސާގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވި ޑރ. ޔާސްމިން މޮސާވަރު-ރަހްމާނީ ވިދާޅުވި ގޮތުގައި ފަލަކޮށް ތިބޭ މީހުން އާންމުކޮށް ލޯ ކެލަރީޒް ޑައިޓް ބުއިންތަކަށް އިސްކަން ދެނީ އެ މީހުންގެ ޑައިޓްގައި އެކުލެވޭ ކެލޮރީޒްގެ މިންވަރު ދަށްކުރުމުގެ ނިޔަތުގަ އެވެ. އެކަމަކު މަސްނޫއީ މާއްދާތަކުން ތައްޔާރުކުރާ ޑައިޓް ބުއިންތަކަކީ ސިއްހީ ގޮތުން އެދެވޭ ނަތީޖާތަކެއް ނެރެދޭނެ އެއްޗެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އެފަދަ ބުއިންތަކުން ސިއްހަތު އިތުރު ނުކުރައްކަލަށް މި ހުށަޙެޅެނީ،" ޔާސްމިން ވިދާޅުވި އެވެ.

ފިނި ބުއިންތަކެއް: މިފަދަ ބުއިންތަކަކީ ސިއްހަތަށް އެހާ ރަނގަޅު އެއްޗިއްސެއް ނޫން.

ނަމަވެސް މި ދިރާސާ އަށް ރައްދު ދެމުން ދި އިންޓަނެޝަނަލް ސްވީޓްނާޒް އެސޯސިއޭޝަން (އައިއެސްއޭ) އިން ބުނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން މިހާތަނަށް ހަދާފައިވާ ރިވިއުތަކުން ލޯ ކެލޮރީޒް ޑައިޓް ބުއިންތަކުން ހިތުގެ ބަލިތަކަށް މަގުފަހި ކުރުވާ ކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށެވެ.

"އެފަދަ ބުއިންތައް ބާޒާރަށް ނެރެނީ ރެގިއުލޭޓަރީ ބޮޑީތަކުން ޓެސްޓްކޮށް ހުއްދަ ވެސް ހޯދުމަށް ފަހު ރައްކާތެރި އެއްޗެހީގެ ގޮތުގައި ކަނޑައެޅުމަށް ފަހު. އެހެންވީމާ އަހަރެމެންނަށް އެބައޮތް މި ދިރާސާއާ އިދިކޮޅަށް ވާހަކަ ދެއްކެން،" އައިއެސްއޭ އިން ހަޕިންގްޓަން ޕޯސްޓަށް ބުންޏެވެ.