ވާވޭ އަށް ސެމްސަންގް ގެލަކްސީ ފޯލްޑްގެ ޑިޒައިން ކަމަކުނުދޭ

ސްމާޓްފޯނުތައް ފަތްޖަހާ މޫސުން މި އޮތީ ފެށިފަ އެވެ. ފަތްޖެހޭ ފޯނެއް އުފައްދަން ކޮންމެ ކުންފުންޏަކުން ވެސް ބޭނުންވެ އެވެ. އެކަމަކުވެސް، ސްމާޓްފޯނެއް ފަތްޖެހިދާނެކަން އަދި މިހާތަނަށް ދައްކާފައި ވަނީ ސެމްސަންގާއި ވާވޭ އެވެ.


ވާވޭ ބުނި ގޮތުގައި، ސެމްސަންގް ގެލަކްސީ ފޯލްޑް ފަތްޖަހާފައި އެ ވަނީ އެންމެ ރަނގަޅު ޑިޒައިނަކަށް ނޫނެވެ. ފަތްޖެހޭ ފޯނެއްގައި، އެތެރޭގައި އަދި ބޭރުގައި ސްކްރީނެއް ހުރުމަކީ ދެމެހެއްޓެނިވި ޑިޒައިނެއް ނޫނެވެ. ސެމްސަންގުން އުފެއްދި ފަތްޖެހޭ ފޯނަށް ކިޔަނީ "ގެލަކްސީ ފޯލްޑް" އެވެ. ވާވޭގެ ފަތްޖެހޭ ފޯނަށް ކިޔަނީ "ވާވޭ މޭޓް އެކްސް" އެވެ. ވާވޭ ބުނި ގޮތުގައި، ސެމްސަންގުން ޑިޒައިންކުރި ގޮތަށް ފޯނެއް ޑިޒައިންކުރަން އެ މީހުން ވިސްނި އެވެ. އެކަމަކު އެ ޑިޒައިން ދޫކޮށްލީ، ދެ ފަރާތުގައި ސްކްރީން ލުމުން، ފޯނުގެ ބަރުދަން އިތުރުވާތީ އެވެ.

ސްމާޓްފޯނު މާކެޓްގައި ފަތްޖެހޭ ފޯނެއް އަދި ގަންނަން ލިބޭކަށް ނެތެވެ. އެހެން ނަމަވެސް ގިނަ ދުވަސްތަކެއް ނުވެ، ފަތްޖެހޭ ފޯނުތައް އާންމުންނަށް ލިބޭނެ ކަމަށް ބެލެވެ އެވެ.

ފަތްޖެހޭ ފޯނުތަކާ ބެހޭ ގޮތުން ވާހަކަދައްކާއިރު، އަޅާކިޔެން ވެސް އޮތީ ދެ ފޯނެކެވެ. އެއީ ސެމްސަން "ގެލަކްސީ ފޯލްޑް" އަދި ވާވޭ "މޭޓް އެކްސް" އެވެ. މިއީ އެއް މިސްރާބެއްގެ ދެ ފޯނު ނަމަވެސް، ވަކި ފޯނަކަށް ވުރެ މޮޅު ފޯނެއް ބުނެދޭން އަދި އެކަކަށް ވެސް ނޭނގެ އެވެ. މިއީ ސްމާޓްފޯން މާކެޓަށް މުޅިން އާ ބާވަތަށް ވާތީ، ބޭނުންކުރި މީހެއްގެ ހައިސިއްޔަތުން އެއްޗެއް ބުނާނެ މީހަކު ވެސް ނެތެވެ. އެހެންކަމުން، މި ދެ މަރުކާގެ ތެރެއިން ދެމެހެއްޓެނިވި ޑިޒައިނަކީ ކޮބައިކަން ބުނެދޭން އަދި ވަރަށް އުނދަގުލެވެ.