އެމެރިކާގެ ކޮލެޖެއްގެ ޕްރޮފެސަރަކު ދަރިވަރެއްގެ ތުއްތު ދަރިފުޅު ނަގައިގެން ހުރެ ކިޔަވައިދިނުމުން އެތައް ބައެއްގެ ސަމާލުކަން އޭނާއަށް ލިބިއްޖެ އެވެ.
އެޓްލާންޓާގެ މޯހައުސް ކޮލެޖްގެ ހިސާބު އިލްމުގެ ޕްރޮފެސަރު ނަތަން އެލެގްޒެންޑާގެ 50 މިނިޓްގެ ކުލާސް ވަރަށް ހަމަޖެހިލައިގެން ހުރެ ނަގައި ދިން އިރު، ފަސް މަހުގެ އަސާޓާ އިނީ ކެރިއާއެއްގެ ތެރޭގައި އޭނާގެ މޭމަތީގަ އެވެ. ވަކި ހިސާބަކުން އެ ކުއްޖާއަށް ނިދުނީ އެވެ.
"އެއީ ހަގީގަތުގައި ވެސް އަހަންނަށް ވަރަށް ހާއްސަ ވަގުތު ކޮޅަކަށް ވި. އަހަރެންގެ އަދި ނެތް އެއްވެސް ދަރިއެއް،" ނަތަން ބުންޏެވެ.
"އެކަމަކު ވެސް ދަރިން ތިބޭ މީހުން އުފުލާނެ ބުރަ އިހުސާސްކޮށްލެވިއްޖެ. ފުރަތަމަ އެންމެ ކަންބޮޑުވި ކަމަކީ ކުއްޖާ ރޮއިގެންފާނެތީ. އެކަމަކު އެއީ ވަރަށް ބަސްއަހާ ކުއްޖެއް."
އުމުރުން 34 އަހަރުގެ ނަތަން ކުލާސް ނަގައި ދިން މަންޒަރު ސޯޝަލް މީޑިއާގައި އާންމުވުމުން ވަރަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފަ އެވެ. އަދި އެއީ ދަރިވަރުންނަށް ހިތްވަރުދިން ނަމޫނާ ޕްރޮފެސަރެއް ކަމަށް ބައެެއް މީހުން ބުންޏެވެ.
ޓްވިޓާގައި ހިޔާލު ފާޅުކުރި އެކަކު ބުނީ މީގެ ކުރިން ވެސް ނަތަންގެ ފަރާތުން މިފަދަ ކަމެއް ތަޖުރިބާ ކުރި ކަމަށެވެ.
ޕްރޮފެސަރުގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޝުކުރު އަދާ ކުރަމުން އަސާޓާގެ ބައްޕަ ވޭން ހޭޔާ ބުނިގޮތުގައި ދަރިފުޅު ގޮވައިގެން ކުލާހަށް ހާޒިރުވާން ބޭނުންވީ އެ ނޫން ގޮތެއް ނެތިގެންނެވެ. އޭނާގެ އަންހެނުން އަދި އަސާޓާގެ މަންމަ ފިރުދާ އެމާލިޔާ ހޭޔާއަކީ ވެސް ވަޒީފާ އަދާކުރަމުން ދަރިފުޅު ބަލަމުން އަންނަ މީހެއް ކަމަށް ބުންޏެވެ.
"އަލްޖިބްރާ ކުލާސް ދޫކޮށްލަން ބޭނުން ނުވީ. އެކަމަކު ކުލާހަށް ދާން އޮތް ގަޑީގައި ބޭބީސިޓްކޮށް ދޭނެ މީހަކު ނެތީމަ ދަރިފުޅު ގޮވައިގެން ދާން މަޖުބޫރުވީ،" ހޭޔާ ބުންޏެވެ.
އޭނާ ކިޔައިދިން ގޮތުގައި ދަރިފުޅު ގޮވައިގެން ކުލާހަށް ދާން ޖެހިދާނެ ހާލަތެއް ވެސް ދިމާވެދާނެ ކަމަށް ކުރިން ވެސް ޕްރޮފެސަރު ކައިރީ ބުނެފައިވާނެ އެވެ. އެހެންވެ ދަރިފުޅު ގޮވައިގެން ދާން ޖެހިލުން ނުވާ ކަމަށް ބުންޏެވެ.
ނަތަންގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކޮށް، ހޭޔާގެ އަންހެނުން އަދި މުސްލިމެއް ކަމަށް ވާ ފިރުދާ ވެސް ފޭސްބުކްގައި ޝުކުރު އަދާކުރި އެވެ. އެ ޕޯސްޓްގައި އޭނާ ބުނީ ހޭޔާ ދަރިފުޅު ގޮވައިގެން ކުލާހަށް ހާޒިރުވީ އެއްގޮތަކަށް ވެސް އެހެން ބައެއްގެ ސަމާލުކަން ހޯދަން ނޫން ކަމަށެވެ.
"ހޭޔާއަކީ ކިޔަވަމުން ދެ ވަޒީފާ އަދާކުރަމުން އަހަރެމެން ބަލަހައްޓާ މީހެއް. އެހެންވެ ދަރިފުޅާ އެކު ހޭދަކުރަން އޭނަ އަށް ލިބޭ ވަގުތު ވެސް މަދު،" ފިރުދާ ބުންޏެވެ.
"އެކަމަކު އޭނަ ބޭނުންވޭ ކިރިޔާ ވަގުތެއް ވަންޏާ އަހަންނަށް ބްރޭކެއް ދޭން. އެހެންވެ ދަރިފުޅު ގޮވައިގެން ކޮލެޖަށް ދިޔައީ."
ފިރުދާ ވަނީ ޕްރޮފެސަރު ނަތަން އާއި ސޯޝަލް މީޑިއާގައި އެ މީހުންނަށް ހިތްވަރު ދިން އެންމެންނަށް ހިތުގެ އަޑިން ޝުކުރު އަދާ ކުރާ ކަމަށް ވެސް ބުނެފަ އެވެ. އަދި ނަތަން ވެސް ވަނީ އޭނާ އަށް ތައުރީފުކުރި މީހުންނަށް ޓްވިޓާގައި ޝުކުރު އަދާކޮށްފަ އެވެ.