އެމެރިކާގެ "ފުލް ބްރައިޓް ސްޓޫޑެންޓް ޕްރޮގްރާމް"ގެ ދަށުން ދޭ ސްކޮލަޝިޕް ފުރުސަތުތަކުގެ ތެރެއިން އެއް ފުރުސަތު ރާއްޖެއަށް ދޭން އެގައުމުން ނިންމައިފި އެވެ.
އެމެރިކާ އެމްބަސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ހުރިހާ ހަރަދެއް އެމެރިކާއިން ކުރާ ގޮތަށް ރާއްޖެއަށް ހުޅުވާލީ މާސްޓާސް ޑިގްރީގެ ފުރުސަތެއް ކަމަށާއި އެ ފުރުސަތާ ބެހޭ މައުލޫމާތު ދޭން އަންނަ މަހުގެ އަށް ވަނަ ދުވަހު އޮންލައިން ސެޝަނެއް ބާއްވާނެ ކަމަށެވެ. އެ ސެޝަންގައި ބައިވެރި ވެވޭނީ އެމްބަސީން އޮންލައިންކޮށް އެކަމަށް ރަޖިސްޓްރީކޮށްގެންނެވެ.
ޝަރުތުތައް
- ރާއްޖޭގައި ދިރިއުޅޭ ދިވެއްސަކަށް ވުން
- ފުރަތަމަ ޑިގްރީ ހާސިލުކޮށްފައި ވުން
- އިނގިރޭސިބަހަށް ފަރިތަވުން (ބަސް ދަންނަ ވަރު ބަލަން ކުރާ އިމްތިހާނަކުން ފާސްވުން)
- ސްޓަޑީ ޕްލޭނަކާއި ރިކޮމެންޑޭޝަންތަކާ އެކު އޮންލައިންކޮށް އެޕްލިކޭޝަނެއް ހުށަހެޅުން
އެމެރިކާ އެމްބަސީން ބުނި ގޮތުގައި އަންނަ އަހަރުގެ ޚަރީފުމޫސުމުގައި ފަށާ މާސްޓާސް ޑިގްރީ ޕްރޮގްރާމަކަށް ދޭ އެ ސްކޮލަޝިޕް ލިބޭ ފަރާތްތަކަށް، އެކި ސަބަބުތަކާ ހެދި، އެމެރިކާއަށް ދަތުރުކުރމުގައި ދަތިތައް ކުރިމަތިވެދާނެ ކަން އެ ފުރުސަތަށް އެދޭ ފަރާތްތަކަށް އެނގެންވާނެ އެވެ. އޭގެ ތެެރޭގައި ސިއްހީ މައްސަލަތަކާއި ކޮންސިއުލާ ހިދުމަތްތަކަށް ބުރޫ އެރުން ނުވަތަ އެމެރިކާ ސަރުކާރުން ކަނޑައަޅާ ސިޔާސަތުތައް ފަދަ ސަބަބު ތައް ހިމެނެއެވެ.