ގަލްފުގެ ގައުމުތަކަށް ބޭނުންވާ ފުރިހަމަ ސަލާމަތީ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އެމެރިކާ ފެއިލްވެފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. 

ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެދުއިރުމަތީގައި ހިނގާ ހަނގުރާމައަށް ނިމުމެއް އައުމުގެ އިޝާރާތްތަކެއް ފެންނާތީ، މިއީ މުޅި ސަރަހައްދުގެ މަސްލަހަތު ބަދަލުވާނެ އުއްމީދީ ދަނޑިވަޅެއް ކަމަށެވެ.

ހުޅަނގު އޭޝިއާގެ މަސްލަހަތު ބަދަލުވެ، އީރާނާއި ގަލްފުގެ ގައުމުތަކުގެ އިތުރުން ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ނުތަނަވަސްކަން ހައްލުވެ އަދި ގުޅުންތައް ބަދަހިވުމުގެ މަގު މިހާރު ހުޅުވިފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް، މި ބަދަލާ އެކު، ބޭރުގެ ބާރުތައް، ހާއްސަކޮށް އެމެރިކާއާ އޮންނަ ގުޅުމާ މެދު ސުވާލު އުފެދޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ގަލްފުގެ ގައުމުތަކަށް ބޭނުންވާ ފުރިހަމަ ސަލާމަތީ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އެމެރިކާ ވަނީ ފެއިލްވެފައި،" ނަޝީދު ވިދާޅުވި އެވެ. 

"އެމެރިކާގެ ސަލާމަތީ ހިމާޔަތުން ބޭރުގައި މި ގައުމުތަކުން [ގަލްފުގެ ގައުމުތަކުން] މަސައްކަތް ކުރުމުގެ ވިސްނުމަކީ އާ ކަމެއް ނޫން."

މީގެ ކުރިން ވެސް މިފަދަ ތަޖުރިބާތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ގަލްފުގެ ގައުމުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ގައުމުތަކުން އަމިއްލަ ފައިމައްޗަށް ތެދުވުމަކީ ދުރުގައި އޮތް ކަމެއް ނޫން ކަމަށެވެ.

އީރާނަށް އެމެރިކާ އާއި އިޒްރޭލުން ދޭން ފެށި ހަމަލާތަކާ ގުޅިގެން އީރާނުން ވަނީ ގަލްފުގެ ގައުމުތަކުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ރައްދު ހަމަލާތައް ދީފަ އެވެ. 

މެދުއިރުމަތީގެ ހަނގުރާމައާ ގުޅޭ ގޮތުން ނަޝީދު ވަނީ އެކްސްގައި އެކި ޕޯސްޓުތައް ކުރައްވައިފަ އެވެ. ހާއްސަކޮށް އެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރާ އަސަރު ކުޑަކުރުމަށް އަޅަންވީ ފިޔަވަޅުތަކާ ބެހޭ ގޮތުން ވާހަކަދެއްކެވި އެވެ. 

ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ މާކެޓަށް ބުރޫއަރާފައިވާތީ، މި ދަނޑިވަޅުގައި ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑުކަމަށާއި އެކަމާ ގުޅިގެން ފިޔަވަޅުތައް އެޅުމަށް ނަޝީދު މި މަހު ކުރީކޮޅު ގޮވާލެއްވި އެވެ. 

އީރާނަށް އެމެރިކާ އާއި އިޒްރޭލުން ދޭން ފެށި ހަމަލާތަކާ އެކު އީރާންގެ ރައްދު ހަމަލާތަކާއި ހޮރުމުޒް ކަނޑުއޮޅި ބަންދުކުރުމާ އެކު ތެލުގެ ސަޕްލައިއަށް ބޮޑު ހުއްޓުމެއް ގެނުވައިފަ އެވެ. އަދި ތެލުގެ އަގު ވަރަށް ބޮޑަށް ވަނީ މައްޗަށް ގޮސްފަ އެވެ.